އަލްފާޟިލް އިބްރާހީމް ރަޝީދު
ޖަވާހިރުވިލާ، ސ.ހުޅުދޫ

ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި އިބްރާހީމް ރަޝީދު، ކުޅިވަރުގެ ދާއިރާގައި މަޝްހޫރުވެފައިވާ ނަމުންނަމަ [ސަތޯ] އެންމެ ފުރަތަމަ ކޯޓަށް ނުކުމެވަޑައިގަތީ މާލޭ އިންގްލިޝް ސްކޫލްގައި އުޅުއްވިއިރު 1980 އިގެ އަހަރުތަކުގެ ފަހުކޮޅުއެވެ. ސްކޫލް ޓީމަށް ކުޅުއްވަމުން، އެ ޓީމުގެ ހެޑް ކޯޗުގެ ހައިސިއްޔަތުން 1990 ވަނަ އަހަރުގެ އިންޓަރސްކޫލް ވޮލީ މުބާރާތުގެ ފިރިހެން ޓީމުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯއްދަވައިދެއްވިއެވެ. އަދި އެ އަހަރުގެ އިންޓަރސްކޫލް ވޮލީ މުބާރާތުގެ އަންހެން ޓީމުގެ ޗެމްޕިއަންކަންވެސް އެމް.އީ.އެސް. ޓީމު ހޯދީ، އޭނާގެ ކޯޗުކަމުގެ ދަށުންނެވެ. އެއާއެކު 1991އިން 2002 އަށް އެމް.އީ.އެސް.ގެ ވޮލީ ޓީމުގެ ހެޑްކޯޗުކަމާއި، ސްޕޯޓްސް މާސްޓަރުކަންކޮށްދެއްވައި، 21 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން މެދުނުކެނޑި 11 އަހަރު ހޯއްދަވައިދެއްވާފައިވެއެވެ.

މީގެއިތުރުން، 1994އިން 1995އަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވޮލީ ޓީމުގެ ހެޑްކޯޗްކަން ކުރައްވައި، އިންޓަރ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ މިނިސްޓްރީގެ ފިރިހެން ވޮލީ ޓީމަށް ހޯއްދަވައިދެއްވިއެވެ. ޤައުމީ ވޮލީ މުބާރާތްތަކުގައިވެސް ތަށްޓާ އެންމެ ރައްޓެހި އެއް ކޯޗަކީ، އިބްރާހީމް ރަޝީދެވެ. މިގޮތުން އޭނާވަނީ އެކި ކްލަބްތަކަށް ޤައުމީ ވޮލީ މުބާރާތުގެ ތަށި 6 ފަހަރު، ވޮލީބޯލް އެސޯސިއޭޝަން ކަޕް 10 ފަހަރު އަދި ވޮލީ ލީގް ޗެމްޕިއަންކަން 3 ފަހަރު ހޯއްދަވައިދެއްވާފައެވެ. މީގެއިތުރުން، 1999ގައި އައްޑުއަތޮޅު ހިޒް ކްލަބުގެ ހެޑްކޯޗްކަން ކުރައްވައި، ޤައުމީ ވޮލީބޯޅަ ތަށި ފުރަތަމަފަހަރަށް މާލެއިން ބޭރަށް އައްޑުއަތޮޅަށް ގެންދިޔުމުގެ ފަޚުރު، އެ ޓީމަށް ހޯއްދަވައިދެއްވިއެވެ. އަދި 2003 ވަނައަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވޮލީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެވަޑައިގެން، ޤައުމީ ވޮލީ މުބާރާތުގެ ތަށި، އެ ކްލަބަށް ހޯއްދަވައިދެއްވިއެވެ.

އިބްރާހީމް ރަޝީދުގެ ކާމިޔާބީތަކުގެ ތެރޭގައި، 2004 އިން 2006 އަށް އެސް.ޓީ.އޯ. ރެކްރިއޭޝަން ކްލަބްގެ އަންހެން ވޮލީ ޓީމުގެ ހެޑްކޯޗަކަށް ހުންނަވައިގެން، ވިދިވިދިގެން 3 އަހަރުޗެމްޕިއަންކަން ހޯއްދަވައިދެއްވައި، ވޮލީ އެސޯސިއޭޝަން ކަޕް މިލްކުކޮށްދެއްވުން ފާހަގަކުރެވެއެވެ. އަދި 2009 ވަނަ އަހަރު ޕޮލިސް ކްލަބުގެ ހެޑްކޯޗަކަށް ހުންނަވައިގެން، ޤައުމީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯއްދަވައިދެއްވައި އަންހެން ޑިވިޜަންގެ ތަށި، އެ ކްލަބަށް މިލްކުކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، 2010 ވަނަ އަހަރު، ސިފައިންގެ ރެކްރިއޭޝަން ކްލަބްގެ ފިރިހެން ވޮލީ ޓީމުގެ ހެޑްކޯޗްކަށް ހުންނަވައިގެން، އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ، އެ އަހަރުގެ ސީޒަން އެއްކޮށް އެސޯސިއޭޝަން ކަޕާއި، ވޮލީ ލީގާއި، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ސިފައިންގެ ރެކްރިއޭޝަން ކްލަބަށް ހޯއްދަވައިދެއްވުންވެސް އޭނާގެ ކާމިޔާބީތަކުގެ ތެރޭގައި ފާހަގަކޮށްލެވެއެވެ. އަދި 2010 އިން 2012 އަށް ސިފައިންގެ ރެކްރިއޭޝަން ކްލަބްގެ ފިރިހެން ވޮލީ ޓީމުގެ ހެޑްކޯޗަކަށް ހުންނަވައިގެން، ވިދިވިދިގެން 3 އަހަރު ޤައުމީ ވޮލީ ޗެމްޕިއަންކަން ހޯއްދަވައިދެއްވައި، އެ ޓީމަށްވެސް ތަށި މިލްކުކޮށްދެއްވާފައިވެއެވެ. އެންމެފަހުން އޭނާ ހޯއްދަވައިދެއްވި ކާމިޔާބީއަކީ، 2017 ވަނައަހަރު އިންޓަރ ރިޒޯޓް ވޮލީ މުބާރާތުގައި ސޮނެވާފުށި ޓޫރިސްޓް ރިޒޯޓްގެ ވޮލީ ޓީމުގެ ހެޑްކޯޗްކަން ކުރައްވައި، އެ ރިޒޯޓަށް އިންޓަރ ރިޒޯޓް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯއްދަވައިދެއްވުމެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީ ކޯޗްގެ އެވޯޑް 2010 އަދި 2011 ގައި އިބްރާހީމް ރަޝީދަށްވަނީ ލިބިވަޑައިގެންފައެވެ.

ވޮލީބޯޅައިގެ އިތުރުން، ފުޓްބޯޅައިގެ ދާއިރާގައިވެސް އިބްރާހީމް ރަޝީދަކީ ކާމިޔާބު ކުޅިވަރު ޝަޚްޞިއްޔަތެކެވެ. މިގޮތުން އަމިއްލަ އަތޮޅު އައްޑުއަތޮޅުގެ ދެ ޓީމެއްގެ މެނޭޖަރުކަން ކުރައްވައި، ކާމިޔާބީތަކެއް ވަނީ ހޯއްދަވައިދެއްވާފައެވެ.

ކުޅިވަރުގެ ދާއިރާގައި އިބްރާހީމް ރަޝީދަށް ލިބިވަޑައިގެންފައިވާ އެންމެބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ، އެ ދާއިރާއިން ގިނަ ޒުވާނުންތަކެއް ތަމްރީނު ކުރައްވައި، ކްލަބްތަކަށާއި ތަފާތު އުމުރުފުރައިގެ ޤައުމީ ޓީމުތަކަށް ނެރެދެއްވުމެވެ. އަދި ވަރަށް ގިނަ ސްކޫލުތަކަށާއި އަތޮޅުތަކުގެ ޓީމުތަކަށް ހިލޭ ސާބަހަށް ކޯޗިން ކޭމްޕުތައް ހިންގަވައިދެއްވައި، އަދި އެކި މުބާރާތްތަކުގައި ކާމިޔާބީތައް ހޯއްދަވައިދެއްވާފައިވުމެވެ.