އަލްފާޟިލް އަޙްމަދު ސަލީމް
ހ. ހީނާގަސްދޮށުގެ

ހީނާ އަޙްމަދު ސަލީމަކީ، ވަރަށް ޅައުމުރުގައި ކުޅިވަރު ކުޅުއްވަން ފެށްޓެވި އަދި ކުޅިވަރަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ހުނަރު އެންމެ ފުރަތަމަ ފެނިގެންދިޔައީ، މަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރު ހިންގެވި، ނާޞިރު ސްޕޯޓްސް އެކެޑަމީންނެވެ. އޭގެފަހުން 1979 ވަނަ އަހަރު ކްލަބް ވެލެންސިއާ، ވުޖޫދަށް ގެންނެވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީވެސް، ހީނާ ސަލީމެވެ. މިއަދާ ހަމައަށްވެސް ރާއްޖޭގައި އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ކްލަބުގެ ގޮތުގައި ދެމިއޮތް ވެލެންސިއާއަށް ހީނާ ސަލީމުވަނީ، ފުޓްބޯޅައާއި، ކްރިކެޓާއި، ހޮކީއާއި، ބެޑްމިންޓަންގެ އިތުރުން، ބާސްކެޓާއި، ޓޭބަލްޓެނިހާއި، ބައިސްކަލް ރޭހާއި، ޓެނިސްވެސް ކުޅުއްވައި، ގިނަ ކާމިޔާބީތައް ހޯއްދަވައިދެއްވާފައެވެ. ފަހުން ކޯޗެއްގެ ގޮތުގައި ހުންނަވައިގެންވެސް ވެލެންސިއާއަށް އެކި ކުޅިވަރުތަކުން ކާމިޔާބީތައް ހޯއްދަވައިދެއްވިއެވެ.

ހީނާ އަޙްމަދު ސަލީމްގެ ހިތްޕުޅުގައި ކުޅިވަރަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމުގެ ގޮތުން 1991 ވަނަ އަހަރު ޔޫތު ސްޕޯޓްސް ކްލަބް އުފެއްދެވިއެވެ. 2003 ވަނަ އަހަރާ ހަމައަށް އެ ކްލަބް އޮތީ، ރާއްޖޭގައި ދެވަނަ ފުރުޞަތަކަށް އެދޭ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައިދޭ ކްލަބެއްގެ ގޮތުގައެވެ. މިގޮތުން ޔޫތު ސްޕޯޓްސް ކްލަބުން ފާހަގަކުރެވުނު ގިނަ ކުޅުންތެރިން ރާއްޖޭގެ ކުޅިވަރުގެ އެންމެމަތީ ފަންތީގައި ހިމެނެއެވެ. އަދި މިހާރު ކުޅިވަރު ހިންގުމުގައި އަޙްމަދު ސަލީމުގެ އިރުޝާދުގެ ދަށުން ކުޅުންތެރިންތަކެއް އުފައްދަވައި، ކާމިޔާބު ކުޅުންތެރިންތަކެއް ހަރަކާތްތެރިވަމުން ގެންދެއެވެ.

ހީނާ އަޙްމަދު ސަލީމަކީ، ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކުރި ފުރަތަމަ ޤައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު ކުޅުންތެރިއެކެވެ. 1979 ވަނަ އަހަރު ރި-ޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު ފުޓްބޯޅަ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިއަކީވެސް އޭނާއެވެ. އޭގެފަހުން 1991 ވަނަ އަހަރު، ސާފް ގޭމްސްއިން ދިވެހިރާއްޖެ ރިހި މެޑެލް ހޯދި ޓީމުގެ އެސިސްޓެންޓް ކޯޗަކީވެސް އޭނާއެވެ. އަދި 1992، 1996 އަދި 1998ގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި، 14 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަންވެސް 2004 ވަނަ އަހަރު ހީނާވަނީ ކޮށްދެއްވާފައެވެ.

ކްލަބް ވެލެންސިއާ އެންމެ ފުރަތަމަ ފުޓްބޯޅައިގެ ޗެމްޕިއަންކަން ހޯދީ 1988 ވަނަ އަހަރުގައެވެ. އެ އަހަރު ތަޢާރުފުކުރި އެފް.އޭ.ކަޕް، ވެލެންސިއާ ހޯދީ ހީނާގެ އެސިސްޓެންޓް ކޯޗުކަމުގެ ދަށުންނެވެ. އަދި އޭނާވަނީ 1991އިން 1995އަށް އަޙްމަދިއްޔާ ސްކޫލްގެ ފުޓްބޯޅަ ޓީމަށް ކޯޗުކަންކޮށްދެއްވައި، 21 އަހަރުން ދަށުގެ ޓީމަށާއި، 19އަހަރުން ދަށުގެ ޓީމަށް ދެއަހަރު ޗެމްޕިއަންކަން ހޯއްދަވައިދެއްވާފައެވެ. މީގެއިތުރުން 1996އިން 1997އަށް މަދްރަސަތުލް އަމީރު އަޙްމަދުގެ ފުޓްބޯޅަ ޓީމުގެ ކޯޗްކަންވެސް ކޮށްދެއްވާފައިވެއެވެ. އަދި ހީނާ ސަލީމުގެ ކޯޗުކަމުގެ ދަށުން 1997ވަނައަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ޕޮމިސްކަޕްގެ ޗެމްޕިއަންކަންވެސް ހޯއްދަވައިދެއްވާފައިވެއެވެ.

ފުޓްބޯޅަ ކުޅުންތެރިން ތަމްރީނު ކުރެއްވުމުގައި އަތޮޅުތެރޭގައިވެސް ހީނާގެ ދައުރު ވަރަށް ބޮޑެވެ. 1999ވަނައަހަރާއި 2000 ވަނަ އަހަރު، ކުޅުދުއްފުށީ މަގުލަސް ކްލަބަށް ކޯޗުކަން ކޮށްދެއްވައި، ރަށްރަށުގެ ޓީމުތަކަށް ކޯޗް ކޮށްދެއްވުމުގެ އިތުރުން، އެކިއެކި ޓްރޭނިންގ ކޭމްޕްތައްވެސް އެކި ރަށްރަށުގައި ހިންގަވާފައިވެއެވެ.

ހީނާއަކީ، ހޮކީގެ އެއްވަނަ ފޯވަޑްގެ މަގާމު 4 ފަހަރު ހޯއްދެވުމުގެ އިތުރުން، އެތްލެޓިކްސްގައި ދުވުމުން ޓީމު އިވެންޓާއި، 4 ގުނަ 100 މީޓަރުން ދުވުމުން ވިދިވިދިގެން 3 އަހަރު އެއްވަނަ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި 100 މީޓަރާއި 200 މީޓަރު ރިލޭއިން އެތައް ފަހަރަކު އެއްވަނަ ހޯއްދަވާފައިވެއެވެ. 1982 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރިހި މެޑެލް ހޯދި ޤައުމީ ބާސްކެޓް ޓީމަށްވެސް ހީނާ ސަލީމް ކުޅުއްވާފައިވެއެވެ. މީގެއިތުރުން، 1982ވަނަ އަހަރު ބޭއްވި ޤައުމީ ކްރިކެޓް މުބާރާތުން ދެވަނަ ޑިވިޜަންގެ ބެސްޓް އޯލްރައުންޑަރު ކަމާއި، އެންމެމޮޅު ބެޓްސްމަންކަން ހޯއްދަވައި، ނުބައިނުވެ އެއް މެޗެއްގައި 113 ލަނޑު ހެއްދެވުމަކީވެސް އޭނާގެ ޤައުމީ ރެކޯޑެކެވެ.

ހީނާ އަޙްމަދު ސަލީމަކީ، ރާއްޖޭގެ ތިން ކުޅިވަރަކުން ޤައުމީ ޓީމަށް ކުޅުއްވައި، ރާއްޖެ ތަމްސީލު ކޮށްދެއްވާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ސާފް ގޭމްސްގެ ފުރަތަމަ ދެ މުބާރާތުގައި އެތްލީޓެއްގެ ގޮތުގައި 100 މީޓަރާއި 200 މީޓަރު ދުވުމުގައި ވާދަކުރައްވާފައިވެއެވެ. މީގެއިތުރުން، ދެވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން ޓީމުގައި ހިމެނި ޓީމް އިވެންޓުން ސިލްވަރ މެޑެލް ހާސިލުކުރައްވާފައިވެއެވެ.

ހީނާ އަޙްމަދު ސަލީމަކީ، ރާއްޖޭގައި އުފެދުނު މޮޅު ފުޓްބޯޅަ ރެފްރީއެއްވެސްމެއެވެ. މީގެއިތުރުން، އެކިއެކި މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވުމާއި، އަތޮޅުތެރޭގައި ކުޅިވަރު ފުޅާކުރެއްވުމަށް އަމިއްލަފުޅު ޚަރަދުގައި ކުޅިވަރުކުޅޭ ތަކެތި ހަދިޔާކުރެއްވުމަކީވެސް މެދުނުކެނޑި ހީނާ ކުރައްވަމުން ގެންދަވާ ޚާއްޞަ ޚިދުމަތެކެވެ. އަދި މާލޭގެ ބައެއް ސްކޫލްތަކުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ މޯޓޯ ސްކިލް ރަނގަޅު ކުރުމަށް ފުޓްބޯޅަ ދަސްކޮށްދެއްވައި، އެކުދިންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ބައެއް ތަކެތިވެސް ހިލޭ ހޯއްދަވައިދެއްވާފައިވެއެވެ.

ހީނާ އަޙްމަދު ސަލީމުގެ އެންމެބޮޑު އަމާޒަކީ، ފެންވަރު ރަނގަޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިންތަކެއް ބިނާކުރެއްވުމެވެ. މިގޮތުން، މި ހަރަކާތް ފުޅާކުރެއްވުމަށް 2004 ވަނަ އަހަރު ރަޖިސްޓަރީ ކުރައްވައިގެން ކުރިއަށް ގެންދަވާ "އަރލީޓަޗް ފުޓްބޯޅަ އެކެޑެމީ" އިން ގެންދަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ދެޖިންސުގެ ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދެއްވައި، ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯއްދަވައިދެއްވަމުންނެވެ. އެ އެކެޑެމީގައި ކުދިން ގިނަވުމުގެ ސަބަބުން، އިތުރު ކޯޗުން ހޯއްދަވައި މުސާރަވެސް ދެއްވައިގެން އެމީހުންގެ އެހީތެރިކަމާއެކު ކުދިންނަށް ތަމްރީނު ދެއްވަމުން ގެންދަވައެވެ. [އަރލީޓަޗް ފުޓްބޯޅަ އެކެޑެމީ] އިން ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް ޓީމުތައް ބައިވެރިކޮށް ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވަމުން ގެންދަވައެވެ. މިގޮތުން 2017 ވަނަ އަހަރު މެލޭޝިޔާއާއި ސްރީލަންކާއާއި އަދި ރާއްޖޭގައި ބޭއްވުނު ތަފާތު ތިން މުބާރާތެއްގައި ބައިވެރިވެ، ދެ މުބާރާތަކުން ތަށި ހޯދާފައިވެއެވެ. މީގެ އިތުރުން، އެ އެކެޑެމީއިން ހޯދައިދިން ފުރުސަތެއްގައި އެކެޑެމީގެ ތެރެއިން ތަމްރީނުވި ދެކުއްޖަކު މިހާރުވެސް ސްޕޭންގެ ބާސެލޯނާގެ ފުޓްބޯޅަ އެކެޑެމީގައި ފުޓްބޯޅައިގެ ތަމްރީނުތައް ފުރިހަމަކުރަމުން ގެންދާކަމީ، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާވާނެކަމުގެ ހެއްކެކެވެ. އެ ދެކުދިން އެ އެކެޑެމީގެ 17 އަހަރުން ދަށުގެ ދެވަނަ ޑިވިޜަންގެ ޓީމަށް ކުޅެމުން ގެންދެއެވެ.

ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމު 1994 ވަނަ އަހަރު ހީނާ އަޙްމަދު ސަލީމަށްވަނީ ލިބިވަޑައިގެންފައެވެ. އެއީ، ކުޅިވަރަށް ޚިދުމަތްކުރެއްވުމުގެ ރޮނގުންނެވެ. އަދި މިއަހަރު [މިހާރު] ނޫހުން ހޮވި، [ލައިފްޓައިމް އެޗީވްމަންޓް މުޙައްމަދު ޒާހިރު ނަޞީރު އެވޯޑް] ވެސް ވަނީ ލިބިވަޑައިގެންފައެވެ.