މަރްޔަމް ޝިފްޒާން
މ. ހިޔަލީގުލްޝަން

އާންމުކޮށް އަންހެނުން ކޮށްނުޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް މަރްޔަމް ޝިފްޒާނަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ނިންމެވީ، އެއަރކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިންގގެ ރޮނގުން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ޤައުމީ ފެންވަރުގައި ބަލައިގަންނަންޖެހޭ މަސައްކަތްތަކެއް ކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީއެވެ. އަދި ޝިފްޒާން ކުރައްވާ މި މަސައްކަތުން ކުރިއަށް ވަޑައިގަތުމަށް އެހެން އަންހެން ބޭފުޅުންނަށްވެސް ހިތްވަރު ލިބިވަޑައިގެން، އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ ބާވަތުގެ މަސައްކަތަކަށް ވީނަމަވެސް މި މަސައްކަތަށްވެސް އަންހެނުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމުގެ މަޤްޞަދުގައެވެ.

ޝިފްޒާން، އޭވިއޭޝަންގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 2002 ވަނަ އަހަރުން ފެށިގެންނެވެ. އައިލެންޑް އޭވިއޭޝަން ލިމިޓެޑުގެ އެއަރކްރާފްޓް ޓެކްނީޝަނެއްގެ މަގާމަށް ކުރިމަތިލެއްވީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީއިން ބެޗަލަރ އޮފް އިންޖިނިއަރިންގ – އެއިރޯސްޕޭސް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވައިގެން، އެނބުރި ރާއްޖެ ވަޑައިގެން އަދާކުރެއްވި ފުރަތަމަ ވަޒީފާގެ ގޮތުގައެވެ. އޭރު ޓެކްނީޝަނެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހުނު މައިގަނޑު ޒިންމާއަކީ، ޑީ.އެޗް.ސީ-8 އަދި ޑޯރނިއަރ 228 މަރުކާގެ މަތިންދާބޯޓުތަކަށް ކުރަންޖެހޭ ޝެޑިއުލް އަދި އަންޝެޑިއުލް މެއިންޓެނަންސްގެ މަސައްކަތްތައް، މެއިންޓެނަންސް އިންޖިނިއަރެއްގެ އިރުޝާދުގެ ދަށުން ކުރެއްވުމެވެ. މިވަޒީފާގެ ސަބަބުން މަތިންދާބޯޓުގެ މެއިންޓެނަންސް މަސައްކަތް ކުރެއްވުމުގެ ޢަމަލީ ތަޖުރިބާގެ ފުރުސަތު ލިބިވަޑައިގެން، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާބޯޓުތައް ބަލަހައްޓައި، މަރާމަތުކުރުމަށް ބޭނުންވާ ހުނަރު ރަނގަޅަށް ދަސްވުމުގެ މަގުފަހިވެފައިވެއެވެ.

ޝިފްޒާން އަދާކުރެއްވި ވަޒީފާގައި ލިބިވަޑައިގެންނެވި ޢަމަލީ ތަޖުރިބާގެ އަލީގައި، ގަސްދު ކުރެއްވީ، މަތިންދާބޯޓުގެ އިންޖިނިއަރިންގގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށެވެ. އަދި އެއަރކްރާފްޓް ސަރޓިފައިންގ އިންޖިނިއަރަކަށް ވެވަޑައިގަތުމަށްޓަކައި ބޭނުންވާ ލައިސަންސަކީ، އެއަރކްރާފްޓް މެއިންޓެނަންސްގެ ރޮނގުން އިތުރު ތަމްރީނު ހޯދުމުން ލިބޭ ލައިސަންސަކަށްވާތީ، އައިލެންޑް އޭވިއޭޝަންގެ ފަރާތުން ލިބިވަޑައިގެންނެވި ސްކޮލަޝިޕެއްގައި 2005 ވަނަ އަހަރު ސްރީލަންކާއަށް ވަޑައިގެން އެއަރކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިންގގެ ރޮނގުން އިތުރު ތަމްރީން ހޯއްދެވިއެވެ. އެހެންކަމުން، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޑިޕާރޓްމަންޓްގެ ފަރާތުން ދޫކުރައްވާ މެއިންޓެނަންސް އިންޖިނިއަރސް ލައިސަންސް ރާއްޖޭގައި އެންމެ ފުރަތަމަ ހާސިލު ކުރެއްވި އަންހެން ބޭފުޅަކީ މަރްޔަމް ޝިފްޒާނެވެ.

އައިލެންޑް އޭވިއޭޝަން ސާރވިސަސްގައި ބީ2 (އޭވިއޮނިކް) އިންޖިނިއަރެއްގެ މަގާމުގައި ޑީ.އެޗް.ސީ-8 އަދި ޑޯރނިއަރ 228 މަރުކާގެ މަތިންދާބޯޓުތަކުގެ މަސައްކަތުގައި ދެއަހަރުދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އިދާރީ ގޮތުން މިރޮނގުން ތަޖުރިބާ ހޯއްދެވުމަށްޓަކައި 2008 ވަނަ އަހަރު ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓަށް ބަދަލުވެވަޑައިގެން، އޭގެފަހުން ޓްރާންސް މޯލްޑިވިއަން އެއަރވޭސްގައި 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ދެމެދު ޚިދުމަތްކުރެއްވިއެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އުފެއްދެވުމާ ގުޅިގެން 2013 ވަނަ އަހަރު އެ މުއައްސަސާއާ ޝިފްޒާން ގުޅިވަޑައިގެން، ސީނިއަރ އެއަރވަރދިނަސް އިންޖިނިއަރެއްގެ މަގާމުގައި ހުންނަވައިގެން އޭނާ އަދާކުރައްވަމުން ގެންދެވީ، އެއަރކްރާފްޓް ސޭފްޓީއާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާއާ ގުޅޭ މަސައްކަތްތަކެވެ.

ސަރަޙައްދީ ފެންވަރެއްގައި އޭވިއޭޝަން ސޭފްޓީގެ ގަވައިދުތައް ހެދުމާއި ސްޓޭންޑަޑައިޒް ކުރުމުގެ ކޮންފަރެންސްތަކުގައި ރާއްޖެ ތަމްސީލު ކުރެއްވުމުގެ ޝަރަފުވެސް ޝިފްޒާނަށްވަނީ ލިބިވަޑައިގެންފައެވެ. މިފަދަ ސަރަޙައްދީ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގެން، އެކި ޤައުމުތަކުގެ އޭވިއޭޝަން އޮތޯރިޓީތަކުގެ އޮނިގަނޑުތައް ދިރާސާ ކުރައްވައި، އެހެން ޤައުމުތަކުގައި މިރޮނގުން ކުރަމުން އަންނަ ކަންކަން ދެނެގަތުމުގެ ފުރުޞަތުވެސް ޝިފްޒާނަށް ލިބިވަޑައިގެންފައިވެއެވެ.

އެއަރކްރާފްޓް އިންޖިނިއަރިންގ ލައިސަންސް ލިބިވަޑައިގެންފައިވާ ރާއްޖޭގެ ހަމައެކަނި އަންހެން ބޭފުޅަކީ، ޝިފްޒާނެވެ. މިއީ، އޭނާއަށް ލިބިވަޑައިގެންފައިވާ ވަރަށް ބޮޑުޝަރަފެކެވެ.