ފާޠިމަތު ރިޝްމާ
މ. ކެލްފޯނިޔާ 1

ފާޠިމަތު ރިޝްމާއަކީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އުފެދުނު އެންމެ ހުނަރުވެރި އަދި ކުޅިވަރުގެ އެންމެ ކާމިޔާބު އަންހެން ޝަޚްޞިއްޔަތުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ތާޖުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވި ރިޝްމާއަކީ، މަދްރަސީ ދައުރުގައިވެސް ކުޅިވަރުގެ ދާއިރާއިން ވިދާލި ބޭފުޅެކެވެ. ރިޝްމާ ފާހަގަކުރެވިގެންދިޔައީ، ކުޅުއްވި ކޮންމެ ކުޅިވަރެއްގައިވެސް އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ހުނަރުވެރިއެއްގެ ގޮތުގައެވެ. އެގޮތުން، ބާސްކެޓްބޯލް، ނެޓްބޯލް، ހޭންޑްބޯލް، އެތްލެޓިކްސްގައި ރިޝްމާއަކީ ފާހަގަކުރެވޭ ބޭފުޅެކެވެ.

2006 ވަނަ އަހަރު ހަވީރު ނޫހުން ދޭން ފެށި އަހަރުގެ ކުޅިވަރު ޝަޚްޞިއްޔަތުގެ އިނާމު [ސްޕޯޓްސް ވުމަން އޮފް ދަ އިޔަރ] ހާސިލު ކުރެއްވި ފުރަތަމަ ބޭފުޅަކީވެސް ރިޝްމާއެވެ. އެއަށްފަހު ރިޝްމާވަނީ ހަވީރު ނޫހުން ހޮވި [ވިމެންސް ބާސްކެޓްބޯލް ޕްލެޔަރ އޮފް ދަ އިޔަރ]ގެ 1 ވަނަ މަޤާމު، 2009 ވަނަ އަހަރު އެއްވަނަ އަދި 2013،2010 އަދި 2015 ވަނަ އަހަރު ތިންވަނަ ހޯއްދަވާފައެވެ.

ރިޝްމާއަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. 2002 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ބޭއްވި ގިނަ މުބާރާތްތަކުން ޓީމަށް ގިނަގުނަ ކާމިޔާބުތަކެއް ރިޝްމާ ވަނީ ހޯއްދަވައިދެއްވައި، ރަން ވަނަތަކެއް ހާސިލްކުރައްވާފައެވެ. އެންމެ ފުރަތަމަ އަހަރުވެސް އެންމެ އުންމީދީ ކުޅުންތެރިއެއްގެ މަޤާމު ހޯއްދެވިއެވެ. ރިޝްމާވަނީ 2010 ވަނަ އަހަރު ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އެ ޓީމު ތަމްސީލްކުރައްވާފައެވެ.

ރިޝްމާއަކީ ނެޓްބޯޅައިގައިވެސް ފާހަގަކޮށްލެވޭ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިން ތެރޭ ހިމެނޭ ނަންވިދާލާ ކުޅުންތެރިއެކެވެ. ސްކޫލް ދައުރުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރެއްވުމަށްފަހު، ޤައުމީ ފެންވަރުގެ މުބާރާތްތަކުން ރިޝްމާ ފެންނަން ފެށީ 1998 ވަނަ އަހަރުއެވެ. އަދި 1999 ން ފެށިގެން ރިޝްމާ ވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރައްވާފައެވެ. ނެޓްބޯޅައިގައި ރިޝްމާވަނީ ޤައުމީ ޓީމުގެ ކެޕްޓަންކަން 2007 ވަނަ އަހަރު ކުރައްވައި، އޭނާގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެއަށް ރިހި މެޑެލް ހޯއްދަވައިދެއްވާފައެވެ.

ރިޝްމާއަކީ ފުޓްސަލްވެސް ކުޅުއްވާ ޒުވާނެކެވެ. އޭނާ ވަޒީފާ އަދާކުރައްވާ އޮފީސް ކަމަށްވާ މޯލްޑިވްސް އިމިގްރޭޝަން ތަމްސީލު ކުރައްވައި، ގިނަ ވަނަތަކެއް ވަނީ ހޯއްދަވާފައެވެ. ރިޝްމާއަކީ މިއަދު ރާއްޖޭގެ ޤައުމީ އަންހެން ހޭންޑް ބޯޅަ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ރާއްޖޭގައި ފަހަކަށްއައިސް އެންމެ މަޤްބޫލު އެއް ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ހޭންޑް ބޯޅައިގައި 2014 ވަނަ އަހަރު އެންމެ ފުރަތަމަ ނެގުނު ޤައުމީ ޓީމުގައިވެސް ރިޝްމާ ހިމެނިވަޑައިގެންނެވިއެވެ. މިހާތަނަށް ޤައުމީ ފެންވަރުގައި ރިޝްމާ ކުޅުއްވި ހުރިހާ މުބާރާތުގެ ތަށި ހޯދާފައިވަނީ އޭނާ ކުޅުއްވި ޓީމެވެ. ކުޅުއްވި ހުރިހާ މުބާރާތެއްގައިވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިވަޑައިގެންފައިވެއެވެ.

ރިޝްމާއަކީ، ނެޓްބޯޅައާއި ހޭންޑްބޯޅައިގަޔާއި އަދި ބާސްކެޓް ބޯޅައިގައިވެސް ކޯޗިންގ ކޯސްތައް ފުރިހަމަކުރައްވައި ލައިސަންސް ހޯއްދަވައިގެން ގިނަ ކުދިންނާއި ޒުވާނުން ތަމްރީނު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރިޝްމާގެ ކޯޗްކަމުގެ ދަށުން ގިނަ ކާމިޔާބީތަކެއް އެކި ޓީމުތަކުން ވަނީ ހާސިލުކޮށްފައެވެ. އަދި ރިޝްމާގެ ކޯޗިންގެ ދަށުންވަނީ ޒުވާން މޮޅު ކުޅުންތެރިންތަކެއް މުޖުތަމަޢަށް ނެރުއްވާފައެވެ. ރިޝްމާ ކޯޗިންގެ މަސައްކަތް ހިލޭސާބަހަށްވެސް ކުރައްވަމުން ގެންދަވައެވެ. ރިޝްމާގެ އުއްމީދަކީ ޑިސިޕްލިން ރަނގަޅު މޮޅު ޒުވާން ކުޅުންތެރިންތަކެއް އުފެއްދެވުމެވެ.