ޢަބްދުﷲ ނިޔާޒް
މ. އާސިޔާ މަންޒިލް

ޢަބްދުﷲ ނިޔާޒް ކަސްރަތުގެ ދާއިރާއަށް ނުވަތަ ވެއިޓް ޓްރޭނިންގގެ ދާއިރާއަށް ވެދެވަޑައިގަތީ 1991 ވަނަ އަހަރުގައެވެ. އޭނާއަކީ، އަބަދުވެސް އަމިއްލަ ހަށިގަނޑު ރީތިކޮށް ދުޅަހެޔޮކަންމަތީގައި ބެހެއްޓެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ އަދި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. އެދުވަސްވަރު ކަސްރަތު ކުރުމާ ގުޅޭގޮތުން ދިވެހި މުޖުތަމަޢުގައި އެހާބޮޑު ހޭލުންތެރިކަމެއް ނެތުމާއެކު، ކަސްރަތު ކުރުމަށް ބޭނުންވާ އާލާތްތަކާއި، މަޢުލޫމާތު ލިބުމުގައި ހުރަސްތަކެއް ހުރިނަމަވެސް، އެ ހުރަސްތައް ގިރާކުރައްވައި، މި މަސައްކަތް އޭނާ ފެށްޓެވިއެވެ. ކަސްރަތު ކުރުމަށް ބޭނުންވާ ޑަމްބެލްފަދަ އާލާތްތައް ރަޙްމަތްތެރިއަކާއެކީގައި ސިމެންތިން ތައްޔާރުކުރައްވައިގެން ކަސްރަތުގެ މަސައްކަތް ފުރަތަމަ ކުރެއްވީ އަމިއްލަ ކޮޓަރީގައެވެ. ވޭތުވެދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އޭނާވަނީ އެތައް ބަޔަކަށް ކަސްރަތު ކުރަން ދަސްކޮށްދެއްވައި، މި ރޮނގުން މީހުން ނެރުއްވައިދެއްވާފައެވެ.

ޢަބްދުﷲ ނިޔާޒް، 1995 ވަނަ އަހަރުން ފެށިގެން ކަސްރަތު ކުރުން ނުވަތަ ވެއިޓް ޓްރޭނިންގ، އެހެން ފަރާތްތަކަށް ގެންދަވަނީ ދަސްކޮށްދެއްވަމުންނެވެ. މި ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވި ވަރަށްގިނަ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، ގިނަ ކާމިޔާބީތަކެއް ވަނީ ހޯއްދަވާފައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވެވަޑައިގެންނެވި ކެޓަގަރީން 1 ވަނަ، 2000 ވަނަ އަހަރު ނޭޕާލްގައި ބޭއްވި 2 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވެވަޑައިގެންނެވި ކެޓަގަރީން 4 ވަނަ ހާސިލު ކުރައްވާފައެވެ. އަދި 2001 ވަނަ އަހަރާއި، 2002 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މިސްޓަރ މޯލްޑިވްސް މުބާރާތުގައި ބައިވެރިވެވަޑައިގެންނެވި ކެޓަގަރީން 2 ވަނަ ހާސިލު ކުރައްވާފައި ވެއެވެ. މީގެއިތުރުން، ބައެއް މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުންނާއި ކޯޗެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައި ވެއެވެ.

ވާރލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަންގެ ފަރާތުން ސެޓްފިކެޓް އޮފް ކޯޗިންގ މިހާތަނަށް ރާއްޖެއިން ހޯއްދެވި ފުރަތަމަ ބޭފުޅަކީ ޢަބްދުﷲ ނިޔާޒެވެ. މީގެއިތުރުން، އޭޝިއަން ބޮޑީ ބިލްޑިންގ ފެޑެރޭޝަނުން ކެޓަގަރީ [އޭ]ގެ އޮފިޝަލް ޖަޖިންގ ލައިސަންސް]ވެސް ޢަބްދުﷲ ނިޔާޒުވަނީ ހޯއްދަވާފައެވެ.

މަސްލް ލޯޑުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، އޭގެފަހުން ބަނޑޮސް އައިލެންޑް ރިޒޯޓުގައި ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޢަބްދުﷲ ނިޔާޒް މަސައްކަތް ކުރައްވާފައިވެއެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ފްރީލާންސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މާލޭގެ އެމްޕަވަރ ފިޓްނަސްގައެވެ. މި ދާއިރާ ކުރިއެރުވުމަށް ރާއްޖޭގެ ބޮޑީ ބިލްޑިންގ ފެޑެރޭޝަންގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި 2015 އިން ފެށިގެން 2017 އަށް ހުންނަވައިގެން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. ކަސްރަތުގެ ދާއިރާއިން އޭނާވަނީ ސިންގަޕޯރއާއި އަދި ތައިލެންޑުން ތަފާތު ތަމްރީނުތައް ހައްދަވާފައެވެ.

ކަސްރަތު ކުރުމަށާއި، ޚާއްޞަކޮށް ވެއިޓް ޓްރޭނިންގއަށް މީހުން ޝައުޤުވެރިކުރުވުމަށާއި، މި ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް ޢަބްދުﷲ ނިޔާޒް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކި ރަށްރަށަށް ވަޑައިގެން، ވެއިޓް ޓްރޭނިންގއާ ބެހޭ މަޢުލޫމާތު، ހިލޭސާބަހަށް ދެއްވައި، އެ ރަށްރަށުގެ ޖިމްތަކުގައި އެންމެ ބޭސިކް ވެއިޓް ޓްރޭނިންގ ކިޔަވައިދެވޭ ފެންވަރަށް މީހުން ތަމްރީނު ކުރައްވާފައިވެއެވެ. އަދި މާލޭގެ ބައެއް އޮފީސްތަކާއި، ކިޔަވައިދޭ ބައެއް މަރުކަޒުތަކުގެ މުވައްޒަފުންނާއި ދަރިވަރުންވެސް ތަމްރީނު ކުރައްވާފައިވެއެވެ. މީގެއިތުރުން، ޓީ.ވީ ޕްރޮގްރާމްތައް މެދުވެރިކޮށް، މިކަމާ ގުޅޭ މަޢުލޫމާތު، ޢާންމުންނަށް މިހާރުވެސް ދެއްވަމުން ގެންދަވައެވެ. ހަމައެހެންމެ، ރާއްޖޭގައި ބާއްވާފައިވާ ބޮޑީ ބިލްޑިންގ މުބާރާތްތަކުގައި ފަނޑިޔާރުކަންވެސް ކުރައްވާފައިވެއެވެ.