މުޙައްމަދު ޢަލީ ޖަނާޙް
ހ. ސީސައިޑް

އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާގައި މުޙައްމަދު އަލީ ޖަނާޙް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 29 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މިއަދު ޖަނާޙަކީ، މި ދާއިރާގައި ރާއްޖޭގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން ވަރަށްކުރީ ސަފުގައި ފާހަގަކޮށްލަންޖެހޭ ބޭފުޅެކެވެ.

ޖަނާޙް ފުރަތަމަ މި މަސައްކަތް ފެށްޓެވީ މަތީ ތަޢުލީމަށް ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފަސްތަރީގެ ރިޒޯޓްތައް ހަދަށް ފެށުނީއްސުރެ އެމަސައްކަތުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެފަހުން، މާލޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަމުންދިޔައިރު، އެ ކުންފުންޏާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވިއެވެ.

ރާއްޖޭގައި ހިންގާ މައިގަނޑު މުހިންމު އެކި މަޝްރޫޢުތަކުގައި ޢަމަލީގޮތުން އޭނާވަނީ ބައިވެރިވެވެޑައިގެންފައެވެ. ރިޒޯޓްތައް މަރާމާތު ކުރުމާއި ބިނާކުރުމުގެ 52 މަޝްރޫޢެއްގައި މިއަދާ ހަމައަށް ވަނީ މަސައްކަތް ކުރައްވާފައެވެ. މިއަދު އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭނާގެ ކޮއްކޮ ޙުސައިން ޢަލީ ސިނާނާ އެކީގައި ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެންނެވެ. މިގޮތުން، އެ ކުންފުނިން ހެދި ރިޒޯޓްތަކުގެ ތެރޭގައި، ސޮނޭވާފުށި، ސޮނޭވާގިލި އަދި ޝެންގްރިއްލާސް ވިލީނގިލީ ރިޒޯޓް ހިމެނެއެވެ. ކޫއްޑޫ ޑޮމެސްޓިކް އެއަރޕޯޓަކީ އެ ކުންފުނިން ޖަނާޙް ހިމެނޭ ޖޮއިންޓް ވެންޗަރ ކުންފުންޏަކުން ފުރަތަމަ ތަރައްޤީކުރި އެއަރޕޯޓެވެ. ބޮޑެތި ބޯޓުފަހަރަށްވެސް ޖެއްސޭވަރަށް އަލުން މަރާމާތުކުރުމަށްފަހު، މިއަހަރުގެ ސެޕްޓެންބަރުމަހު އެ އެއަރޕޯޓް ވަނީ ހުޅުވާފައެވެ. ކޫއްޑޫ އެއަރޕޯޓްގެ ސީ.އީ.އޯ އަކީވެސް ޖަނާޙެވެ. މިއީވެސް ޖަނާޙުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮންލެވޭ މުހިންމު އިޤްތިޞާދީ މަސައްކަތެކެވެ.

މުޙައްމަދު ޢަލީ ޖަނާޙް ވަނީ، ރާއްޖެއިން ބޭރުގައި މެދުއިރުމަތީގައިވެސް އެއް ރިޒޯޓް ހައްދަވާފައެވެ. ދޯހާގައި ތަރައްޤީ ކުރެވުނު ބަނާނާ އައިލެންޑް ތަރައްޤީކޮށް، 2015 ވަނަ އަހަރު އެތަން ކާމިޔާބުކަމާއެކު ހުޅުވިގެންދިޔުން އެއީ، ޖަނާޙަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެކެވެ. މިހާރު ހުވަދުއަތޮޅު އުތުރުބުރީގައި ކުރައްވަމުން ގެންދަވާ ރިޒޯޓް ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކުގެ އިތުރުން، ޖަނާޙް ޙިއްޞާވާ ކުންފުންޏެއް ކަމަށްވާ، އިތާފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން، މާލެއަތޮޅު އިތާފުށި ފަޅުގައި 3 ރަށް ހިއްކާ 3 ރަށް ހިމެނޭގޮތަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރިޒޯޓެއް ތަރައްޤީ ކުރެއްވުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ. ޖަނާޙުގެ މަސައްކަތް، ރާއްޖެއިން ބޭރުގައިވެސް އަދި ރާއްޖޭގައިވެސް މިއަދު ވަނީ ވަރަށް ބޮޑަށް ބަލައިގެންފައެވެ.

ޖަނާޙް ހިންގަވާ ކުންފުނީގައި މިހާރު ތިންހާހެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންގެންދެއެވެ. އެންމެ ބޮޑަށް ފާހަގަކޮށްލަންޖެހެނީ، ކުންފުނީގެ ހެޑްއޮފީހުގައި ވަޒީފާތަކުގައި ދިވެހިން ގެންގުޅުއްވުމަށް އޭނާ ދެއްވާބޮޑު އަހަންމިއްޔަތެވެ. ކުންފުނީގެ 12 ޑިޕާޓްމަންޓްގައި އިސްކޮށް ތިބީ ދިވެހިންނެވެ. އޭގެ ތެރެއިން 9 ޑިޕާޓްމަންޓްގައި އިސްކޮށް ތިއްބެވީ އަންހެން ބޭފުޅުންނެވެ. ހެޑްއޮފީހުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން 80 އިންސައްތައަކީ ދިވެހިންނެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޖަނާޙް ވަނީ އޭނާގެ އަމިއްލަ ޚަރަދުގައި އިޖުތިމާޢީ އެތައް ޕުރޮޖެކްޓްތައް ހިންގަވާފައެވެ. ސަރުކާރުން އެދިވަޑައިގަންނަވާ ބޮޑެތި މަސައްކަތްތަކުގައި ވަރަށްބޮޑު އެހީތެރިކަމެއް ސަރުކާރަށް ވެދެއްވަމުން ގެންދަވައެވެ. މާލޭގައި މިހާރު ތަރައްޤީ ކުރައްވާފައިވާ ޕާކްތައް ހެއްދެވުމުގެ މަސައްކަތްތަކުގައިވެސް ވަރަށްބޮޑު އެހީތެރިކަމެއް އޭނާ ވަނީ ދެއްވާފައެވެ. ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭރުގެ އިންވެސްޓަރުން ގެންނެވުމުގައި ޖަނާޙް ކުރައްވަމުން ގެންދަވާ މަސައްކަތް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާގައި ޖަނާޙް ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، އޭނާއަށް ކުރެއްވުނު އެއް ތަޖުރިބާއަކީ ވަކިކަހަލަ މަސައްކަތްތައް ކުރުމަށް ދިވެހިން ލިބިވަޑައިނުގަންނަވާ ކަމެވެ. އެއީ ބައެއް މަސައްކަތްތަކަކީ، އެކަށީގެންނުވާ އަދި ބުރަ މަސައްކަތްތަކެއް ކަމަށް ދިވެހިންގެ ވިސްނުމުގައި ހުންނާތީ، ދިމާވާ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

މިހާތަނަށް ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ރިޒޯޓް ހެދުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެންމެ ފުންނާބު އުސް އެއްބޭފުޅެއްކަމުގައި ޖަނާޙް ވެގެންދާނެއެވެ.