އާމިނަތު ލީލާ
ގ. ވެނީޒިއާ

އާމިނަތު ލީލާއަކީ ވަރަށް ކުޑައިރުއްސުރެ ތަފާތު މަސައްކަތްތަކަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މިގޮތުން، ކޭކު އެޅުމާއި، ފެހުމާއި، މާޖެހުމާއި، މާ ހެދުމާއި ވިޔުމާއި، ޕޭޕަރޓޯލް އާއި މިރަރ ކާވިންގ، ގްލާސް ޕެއިންޓިންގގެ އިތުރުން ތަފާތު އަތްތެރި މަސައްކަތްތަކާއި އަދި ތަފާތު ބާވަތްބާވަތުގެ މެޓީރިއަލްސް ބޭނުންކުރައްވައިގެން އެކި ބާވަތުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މާ ހެއްދެވުމުގެ މަސައްކަތް ކުރައްވަނީ، ސްޓޮކިންގ، ފޮތި، ރިބަން، ކްލޭ، ޕޭޕަރ ފޯމް، ކަރުދާސް، މަހުގެ ހުޅުނބުފަދަ ތަކެތި ބޭނުންކުރައްވައިގެންނެވެ. ހަމައެއާއެކު، އަމިއްލައަށް ފަރުމާކުރައްވައިގެން އެންމެ އާދައިގެ ހެދުމުން ފެށިގެން ވެޑިންގ ޑްރެސްއާ ހަމައަށްވެސް ފެހުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. މީގެއިތުރުން، [ކޭކް އެންޑް ބޭކްސް]ގެ ނަމުގައި ކޭޓަރކޮށްދޭ ތަނެއް ހުޅުއްވައި، ބާރތްޑޭ ކެކާއި، ވެޑިންގ ކޭކާއި އަދި އެނޫންވެސް އެކި ވައްތަރުގެ ކޭކު ތައްޔާރުކުރައްވަމުން ގެންދަވައެވެ. އަދި ޕޭސްޓްރީގެ ބާވަތްތަކުން ތަފާތު ކާބޯތަކެތި އެކި ޙަފްލާތަކަށް ކޭޓަރކޮށްދެއްވައި، މިފަދަ މަސައްކަތްތައް ދަސްކޮށްދޭ ކްލާހެއް އަބަދުވެސް ގެންދަވަނީ ހިންގަވަމުންނެވެ.

ލީލާ މި މަސައްކަތްތައް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރު ވެފައިވާއިރު، އޭނާ ކިޔަވައިދެއްވާފައިވާ ދަރިވަރުންގެ ތެރެއިން ވަރަށްގިނަ ދަރިވަރުން އާމްދަނީ ހޯދުމަށް އަމިއްލައަށް މަސައްކަތް ކުރަމުންގެންދާކަން އެއީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.

ލީލާއަކީ އޭނާ ކުރައްވާ މަސައްކަތުގެ ރޮނގުތަކުން ތަފާތު ތަމްރީނުތައްވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ކޭކް ޑެކަރޭޝަން ކޯސްތަކާއި، ކޭކް އާޓިސްޓްރީ ކޯސްތައްވެސް ފުރިހަމަކުރައްވާފައިވެއެވެ. މިދިޔަ އަހަރު އޭނާވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ އޮފް ކޭކް އާޓިސްޓްރީއިން މާސްޓަރޒް ހާސިލުކުރައްވާފައެވެ. އަދި ހަމަ އެ ސެންޓަރުގެ 3D ޖެލީއާރޓް، 3D ސްކަލްޕްޗަރިންއާއި، ފްރެންޗް މެކްރޯން އަދި ޝުގަރ ފްލާވަރއާރޓް ފަދަ ތަފާތު ގިނަ ކޯސްތައް ފުރިހަމަކުރައްވާފައިވެއެވެ. މީގެއިތުރުން، ހޭންޑިކްރާފްޓްގެ ތަފާތު ކޯސްތައްވެސް ލީލާ ވަނީ ރާއްޖެއިން ބޭރުން ފުރިހަމަކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ބޭއްވުނު އެކިއެކި ވާރކްޝޮޕްތަކާއި ސެމިނާރތަކުގައިވެސް ލީލާވަނީ ބައިވެރިވެވަޑައިގެންފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާތަނަށް ލީލާ ބައިވެރިވެވަޑައިގެންނެވި ކޮންމެ މުބާރާތަކުންވެސް ރަން ވަނައެއް ވަނީ ހާސިލުކުރައްވާފައެވެ. މިގޮތުން، އެކްސްޕޯ މޯލްޑިވްސްގައި ބައިވެރިވެވަޑައިގެން، ލީލާ ހެއްދެވި ކޭކަށާއި އަދި ކްލޭއިން ހެއްދެވި އޯކިޑް ގަހަށް ފަޚްރުވެރި ވަނަތަކެއްވަނީ ލިބިފައެވެ. އަދި ސްރީލަންކާގެ ރަމާނީ އެކިއުލަޓޭން އިން ބޭއްވި ހޭންޑްކްރާފްޓް މުބާރާތުން 3 ވަނަ ހޯއްދަވާފައިވެއެވެ. މީގެއިތުރުން، 2016 ވަނަ އަހަރު ލީލާއަށް ވަނީ ރެހެންދި އެވޯޑްވެސް ލިބިވަޑައިގެންފައެވެ.

ކޭކު އެޅުމާއި، އަތްތެރި މަސައްކަތް ހިލޭސާބަހަށްވެސް އެތައް ބަޔަކަށް ލީލާ ދަސްކޮށްދެއްވާފައި ވެއެވެ. އަދި މިހާރުވެސް ގެންދަވަނީ ދަސްކޮށްދެއްވަމުންނެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމަށްވާ އައްޑޫ ވިމެންސް އެސޯސިއޭޝަނާއި، އަދި ވިމެންސް އާޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަންގެވެސް އިސް ދައުރެއް އަދާކުރައްވައި، އެ ދެ ޖަމުޢިއްޔާއަށްވެސް ގިނަގުނަ އެހީތެރިކަން އޭނާ ގެންދަވަނީ ފޯރުއްވައިދެއްވަމުންނެވެ. ހަމައެއާއެކު، ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން، އެކިއެކި ކޯސްތައް އެ ރަށްރަށުގައި ހިންގަވަމުން ގެންދަވައެވެ. ބައެއް ރަށްރަށުގައި އެއްފަހަރާ 70 މީހުންނަށް ލީލާގެ އަމިއްލަ ތަކެތީގައި ކޯސްތައް ފުރިހަމަކޮށްދެއްވަމުން ގެންދަވައެވެ. މާލޭގެ ބައެއް ސްކޫލްތަކަށްވެސް އޭނާވަނީ އެކިއެކި ކޯސްތައް ހިންގަވައިދެއްވާފައެވެ.

އާމިނަތު ލީލާއަކީ [ޓްރެއިންޓޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް]ގެ ޝެއަރ ހޯލްޑަރެއްވެސްމެއެވެ. ލީލާގެ އުންމީދަކީ، މި މަސައްކަތްތަކުން އަދިވެސް ކުރިއަށް ވަޑައިގަތުމެވެ. އަދި ރާއްޖޭގެ ގިނަ ބަޔަކަށް އޭނާގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ލިބޭގޮތަށް ޚިދުމަތް ފުޅާކުރައްވައި އިތުރަށް ތަރައްޤީ ކުރެއްވުމެވެ.