ޢަލީ ޙަސަން
ރ. އަލިފުށި ފްލޯރެންސް

ޢަލީ ޙަސަން ކިއްސަރު ވަޑާމުގެ ތެރެއަށް ވެދެވަޑައިގަތީ 1984 ވަނަ އަހަރުއެވެ. ރ. އަލިފުށީގައި އޭރު ހިނގަމުންދިޔަ ރޫރަލް ޔޫތު ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގައި ބޯޓް ބިލްޑިންގ އަދި ޑިޒައިން ކުރުމުގެ ރޮނގުން ކޯހެއް ފުރިހަމަކުރައްވަން ފެށްޓެވި ހިސާބުން ފެށިގެންނެވެ. އޭގެފަހުންވެސް ތަފާތު ކޯސްތައް އޭނާވަނީ ފުރިހަމަކުރައްވާފައެވެ. ވީ.ޓީ.ސީ.ގެ އިންސްޓްރަކްޓަރ ޓްރޭނީގެ މަޤާމުގަޔާއި އަދި ޖޫނިއަރ އިންސްޓްރަކްޓަރެއްގެ މަޤާމުގަޔާއި އަދި އާރު.ވައި.ވީ.ޓީ.ސީ.ގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި އަލިފުށީގައި އޭނާ ޚިދުމަތް ކުރައްވާފައިވެއެވެ. އަދި މި ދާއިރާއިން އިނގިރޭސިވިލާތުން ތަޢުލީމު ހާސިލުކުރައްވާފައިވެއެވެ.

ޢަލީ ޙަސަން މިހާރު ކުރައްވާ އެންމެ ޚާއްޞަ މަސައްކަތަކީ، ކަނޑުގައި ދުއްވާ ޢާންމު ހުރިހާ ވައްތަރެއްގެ އޮޑިދޯނިފަހަރު ފަރުމާކުރެއްވުމާއި، ވަކިން ޚާއްޞަކޮށް، ޑައިވިން ދޯނިފަހަރާއި، ސަފާރީ އުޅަނދު ބެންނެވުމެވެ. ރާއްޖޭގައި މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުފަހަރާއި، އަދި ޓޫރިސްޓުން އުފުލުމަށް ބޭނުންކުރާ ގިނަ އުޅަނދުފަހަރުގެ މޭސްތިރިއަކީ ޢަލީ ޙަސަނެވެ. މިހާރު ރާއްޖޭގައި ނަން މަޝްހޫރު ދެ ސަފާރީ ޔޮޓެއް ކަމަށްވާ [ލިއޯ] އާއި [ދާއިންކަނބާ] އަކީ ޢަލީ ޙަސަން ފަރުމާކުރައްވައި، މި ދެ އުޅަނދު އުފެއްދެވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ދެ އުޅަނދެވެ. ލޯންޗްފަހަރަށް އަންނަ އޯޑަރުތައް މިހާރު ވަރަށްގިނަވުމާއެކު، މިހާތަނަށް ދިހަވަރަކަށް ލޯންޗުގެ މަސައްކަތް ވަނީ ކުރައްވާފައެވެ.

މަސް ބާނައިގެން އަވަހަށް މަސް ރަށަށް ގެނައުމުގެ ޚިޔާލުގައި ދެ އިންޖީނުލީ ފުރަތަމަ މަސްވެރި އުޅަނދުވެސް ފަރުމާކުރައްވައި ބެންނެވުމުގެ މަސައްކަތުގައި ޢަލީ ޙަސަންގެ ޙިއްޞާ ވަރަށްބޮޑެވެ. މިހާތަނަށް ދެ އިންޖީނުލީ 1 މަސްދޯނި އަދި 300 މީހުންގެ ޖާގައިގެ ޕެސެންޖަރ ކާގޯގެ އުޅަނދެއް ވަނީ ބަނދެ ނެރުއްވާފައެވެ. މިގޮތަށް ޚިޔާލު ކުރެއްވީ ޚަރަދަށް ބަލާއިރު، ގިނަދުވަހު ކަނޑުމަތީގައި އުޅޭނަމަ، އެއް އިންޖީނުވެސް ބޭނުންކުރެވޭނެތީއާއި، އަދި ޚަރަދުވެސް ކުޑަވެފައި ރައްކާތެރިކަން ބޮޑުވާނެތީއެވެ.

ޔޮޓްފަހަރާއި އޮޑިދޯނިފަހަރު ބެންނެވުމުގެ މަސައްކަތް މިހާރު ކުރައްވަނީ [މޯލްޑިވްސް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް]ގެ ނަމުގައި އުފައްދަވާފައިވާ ކުންފުނިންނެވެ. މި ކުންފުނީގެ އެންމެ އިސްބޭފުޅަކީ ޢަލީ ޙަސަނެވެ. މި ކުންފުނިން މިހާތަނަށް 600 އަށްވުރެ ގިނަ އުޅަނދު ފަރުމާކޮށް ބަނދެފައިވެއެވެ. އަދި ރާއްޖޭގައި އޮޕަރޭޓްކުރާ އެކިއެކި ޔޮޓްފަހަރާއި ބޯޓުފަހަރުގެ ތެރެއިން ގިނަ އުފެއްދުންތަކަކީ ޢަލީ ޙަސަންގެ ބައިވެރިވުމާއެކު އުފައްދާފައިވާ އުޅަނދުފަހަރެވެ. މީގެއިތުރުން، އަލިފުށީގައި [އެމް.އެމް.އެސް ބޯޓްޔާޑް]ގެ ނަމުގައި ބޯޓްޔާޑެއް ހިންގަވަމުން ގެންދަވައެވެ. މި ބޯޓްޔާޑަކީ އެއްފަހަރާ ބޮޑު އަދި މެދު ފަންތީގެ 11 އުޅަނދު ބަނުމުގެ މަސައްކަތަށާއި، އަދި ކުދި އުޅަނދުފަހަރު ބަނުމުގެ މަސައްކަތް ކުރެވޭވަރުގެ ބޯޓްޔާޑެކެވެ.

ޢަލީ ޙަސަން ވަނީ މި މަސައްކަތް ވަރަށްގިނަ ބަޔަކަށް ދަސްކޮށްދެއްވާފައެވެ. އަދި މިއަދު އޭނާގެ ކުންފުނީގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ، އޭނާގެ ގާތުން ދަރިވަރުވެފައިވާ ވަރަށް ހުނަރުވެރި މުވައްޒަފުންނެވެ. މިހާރު ޔޮޓްފަހަރާއި ބޯޓުފަހަރުގެ ގިނަ މަސައްކަތްތައް ކުރަނީ ކުންފުނީގެ މުވައްޒަފުންނެވެ. ޢަލީ ޙަސަން މިހާރު ޢާންމުގޮތެއްގައި ކުރައްވާ ކަމަކީ، ކޮންސެޕްޓް ޑިޒައިން ހެއްދެވުމާއި، ސައިޓްތަކަށް ވަޑައިގެން، އެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވައި، ރަނގަޅު ކުރަންހުރި ކަންކަން ފާހަގަކުރައްވައި، އެކިއެކި ޚިޔާލުތައް ދެއްވުމެވެ.

މި މަސައްކަތް ގިނަ ބަޔަކަށް ދަސްކޮށްދެއްވާފައިވީނަމަވެސް، ޤައުމީ ފެންވަރެއްގައި އޮޑިދޯނިފަހަރު އުފެއްދުމުގައާއި، މި މަސައްކަތުގައި ދެމިތިބި މީހުން މިއަދު މަދުކަން ޢަލީ ޙަސަން ފާހަގަކުރައްވައެވެ. އަދި އެކަމަށް ޚާއްޞަ މަސައްކަތްތަކެއް މިއަދު ކުރަން ޖެހިފައިވާ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.