އާސިޔަތު ނަޖީބާ
ހުޅުމާލެ ފްލެޓް ނަންބަރު 02-1-99

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، ފެހުމާއި ޖަރީކުރުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ އާސިޔަތު ނަޖީބާ، ފެހުމާއި މާޖެހުމުގެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގަތީ އުމުރުން 22 އަހަރުގައެވެ. އޭނާގެ އުފަން ރަށަކީ ގދ. ތިނަދޫ ކަމަށްވިޔަސް، އުމުރުން 9 އަހަރުގައި މާލެއަށް ބަދަލުވެވަޑައިގެން، މާލޭގައި ތަޢުލީމު ހާސިލު ކުރެއްވިއެވެ.

އާސިޔަތު ނަޖީބާއަކީ، ފެހުމާއި ޖަރީކުރުމުގެ މަސައްކަތް މިއަދު ވަރަށްފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ގޭތެރޭގައި ފެށްޓެވި މަސައްކަތް ފުޅާކުރައްވައި، ޒަމާނީ ވިޔަފާރިއަކަށް މިއަދު ވަނީ ބަދަލުކުރައްވާފައެވެ. [ޕްލެޝަރ ޓެއިލަރސް]ގެ ނަމުގައި ފިހާރައެއް ހުޅުއްވައި، ގިނަ ބައެއްގެ މެދުގައި މަޤްބޫލު ތަނަކަށް މިއަދު އެތަންވަނީ ހައްދަވާފައެވެ. އަދި އެތަނުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ އަދަދުވެސް މިއަދުވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ. މާލޭގައި ފިހާރަ ހިންގަވަން ފެށްޓެވި ނަމަވެސް، ދިރިއުޅުއްވުން ހުޅުމާލެއަށް ބަދަލުކުރެއްވުމާ ގުޅިގެން، މިހާރު އެ ޚިދުމަތް ދެއްވަމުން ގެންދަވަނީ ހުޅުމާލޭގައެވެ.

ހުރިހާ ބާވަތެއްގެ އެއްޗެތި އާސިޔަތު ނަޖީބާ ފައްސަވައެވެ. މި މަސައްކަތަށް އޭނާގެ ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން އޭނާގެ މޮޓޯއަކަށް ވެފައި އޮންނަނީ، މި ދާއިރާއާ ގުޅުންހުރި ކަމެއްގައި އެއްވެސް ކަމެއް އޮޅުންފިލުވަން ނުވަތަ ޚިދުމަތެއް ހޯދަން މީހަކު އަތުވެއްޖެނަމަ، ކޮށްދެއްވެން އޮތް އެންމެ ރަނގަޅަކަށް އެކަމެއް ކޮށްދެއްވުމެވެ.

އާސިޔަތު ނަޖީބާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކުންވެސް އޭނާގެ ޚިދުމަތް ހޯއްދަވާ ހޯއްދެވުމެވެ. އަމިއްލަ މަސައްކަތުން ހޯއްދެވި އާމްދަނީގެ ބޮޑު ބައެއް އޭނާ ހޭދަކުރައްވާފައިވަނީ އޭނާގެ ބޭފުޅުންގެ ތަޢުލީމަށެވެ. އޭނާގެ ހަމައެކަނި އަންހެން ބޭފުޅާ، މިންހާ ފާއިޒު ރަޝާދަކީ، ފެޝަން ޑިޒައިނިންގއާއި މާކެޓިންގގެ ރޮނގުން މިހާރު މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މި މަސައްކަތުގައި، އޭނާގެ ފަރާތުން އާސިޔަތަށް އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގަންނަވައެވެ.

އާސިޔަތު ނަޖީބާ ވަނީ ފެހުމާއި ޖަރީކުރުމާއި، މާޖެހުމުގެ ރޮނގުން ތަފާތު ކާމިޔާބީތަކެއްވެސް ހާސިލުކުރައްވާފައެވެ. މިދިޔަ ދިގު މުއްދަތުގެ ތެރޭގައި މި ދާއިރާއިން ތަފާތު އެކި ތަމްރީނު ކޯސްތައް ފުރިހަމަކުރައްވައި، ޢަމަލީ ތަޖުރިބާވަނީ ހޯއްދަވާފައެވެ. ފެހުމުގެ ތެރޭގައި ހިމެނޭ ކޮންމެ މަސައްކަތަކީ، އާސިޔަތަށް އެނގިވަޑައިގަންނަވާ މަސައްކަތެކެވެ.

މިރޮނގުން މީހުން ބިނާކުރެއްވުމަށް ގދ. ތިނަދޫގަޔާއި، މާލޭގެ އިތުރުން ސްރީލަންކާގައިވެސް ބައެއް ޕްރޮގްރާމްތައް ވަނީ ހިންގަވާފައެވެ. އެންމެފަހުން އޭނާ ހިންގެވި ކޯސްތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ އޮގަސްޓުމަހު [ކުޑަކުދިންގެ ހެދުން ފަހަން ދަސްކުރަމާ] މިނަމުގައި ހިންގެވި ކޯސް ހިމެނެއެވެ. އެ ކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި، ކުޑަކުދިންގެ ހެދުން އަމިއްލައަށް ކަނޑައިގެން ފެހުމާއި، ޕާޓީ ހެދުމުގެ ތަފާތު ޑިޒައިންތައް ކުރުމާއި، ބޭންޑް ހެދުމާއި، ބޫޓު ޑިޒައިން ކުރުންފަދަ މުހިންމު ބައިތައް ހިމެނިފައިވެއެވެ. މިއަހަރުގެ ޖަނަވަރީމަހު [ފަހަން ދަސްކޮށްދިނުން] މިނަމުގައިވެސް އޭނާވަނީ ކޯހެއް ހިންގަވާފައެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހެދުން ފަހަން ދަސްކޮށްދެއްވުމަށް ހިންގެވި ދެ މަސްދުވަހުގެ ކޯހެކެވެ.

މިއަހަރު ބޭއްވެވި [ކަނބަލުންގެ އުފެއްދުންތެރިކަމުގެ އެކްސްޕޯ] އިން މަތީ ވަނަތަކެއް އާސިޔަތު ވަނީ ހާސިލު ކުރައްވާފައެވެ. އެ މަޢުރަޒުން ފޮތީގެ އަދި ފެހުމުގެ އުފެއްދުމުގެ ގިންތިން 1 ވަނަ، 2 ވަނަ، 3 ވަނަ އާއި، އެމްބްރޮއިޑަރީ މަސައްކަތުގެ ގިންތިން 1 ވަނަ ހޯއްދަވާފައިވެއެވެ. އަދި ކަސަބުން އުފައްދާ ތަކެތީގެ ގިންތިންވެސް 2 ވަނަ ހޯއްދަވާފައިވެއެވެ.

އާސިޔަތުގެ ދަރިވަރުން ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައިވެސް ފެހުމާއި މާޖެހުމުގެ މަސައްކަތުގައި މިއަދު ތިއްބެވިކަން އެއީ، އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.