ނައިފަރު ޖުވެނައިލް

އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރާ ފާދިއްޕޮޅު ނައިފަރުގެ އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ، ނައިފަރު ޖުވެނައިލްއަކީ މިވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ނައިފަރުގެ ތަރައްޤީއަށާއި، ކުރިއެރުމަށް އަދި ރަށުގެ އިޖުތިމާޢީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާ ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ 2000 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު [ސްޕޯރޓްސް ކްލަބް ޖުވެނައިލް] ގެ ނަމުގައެވެ. އެހެންނަމަވެސް، [ނައިފަރު ޖުވެނައިލް]ގެ ނަމަށް ޖަމުޢިއްޔާގެ ނަން ބަދަލުވެ، އަލުން ރަޖިސްޓަރީ ކުރެވުނީ 2007 ވަނަ އަހަރުއެވެ.

[ނައިފަރު ޖުވެނައިލް] ގެ ފަރާތުން ފުރަތަމަ ހިންގި ހަރަކާތްތައް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ޚާއްޞަކޮށްގެން ތަފާތު ކުޅިވަރު މުބާރާތްތައް ރާވައި ހިންގައި، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައިދިނުމުގެ މައްޗަށެވެ. ހަމައެއާއެކު، އިޖުތިމާޢީ ތަރައްޤީއާ ގުޅިގެން ހިންގޭ ކަންކަމުގައި ރަށުގެ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއެކު ބައިވެރިވެ، ރަށަށާއި ޒުވާނުންގެ އާބާދީއަށް ކުރިއެރުން ގެނައުމުގައި ބާރު ލިބިދޭނެ ގޮތެއްގެ މަތިންނެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން، އިޖުތިމާޢީ ތަރައްޤީއާއި ފަންނުވެރިކަން އުނގަންނައިދިނުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކަމަށް މަގުފަހިކުރުވާ ތަފާތު ކޯސްތައް ހިންގައި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށްވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް މި ޖަމުޢިއްޔާއިން ދަނީ ދެމުންނެވެ. ހަމައެއާއެކު، މަސްތުވާތަކެތީގެ ސަބަބުން ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވެފައިވާ ރައްކާތެރި އަމާން މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޢާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް މި ޖަމުޢިއްޔާއިން ރާވައި ހިންގަމުން ގެންގޮސްފައިވެއެވެ. އަދި ދިވެހީންގެ ތެރެއިން ނެތެމުންދާ އާދަކާދަތައް ދިރުވައި، އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ރަށުގެ އެހެނިހެން ޖަމުޢިއްޔާތަކާ ގުޅިގެން ޙަރަކާތްތައް ރާވައި ހިންގުމާއި، ޖުވެނައިލްގެ ހިންގުން ހަރުދަނާ ކުރުމަށް ބާރުލިބިގަތުމުގެ ގޮތުން މާލިއްޔަތު މުއްސަނދި ކުރެވޭނެ އިތުރު ވަސީލަތްތައް ޤާއިމުކުރުމާއި، ޒުވާނުންގެ އިސްނެގުމާއި ކުރިއެރުމަށް ބާރުލިބިދޭ ގޮތުގެ މަތިން ތަފާތު ހަރަކާތްތައް ހިންގުން މިއަދުވަނީ އިތުރުކުރެވިފައެވެ.

[ނައިފަރު ޖުވެނައިލް] އުފެދުނީއްސުރެ އެ ޖަމުޢިއްޔާއިން އެންމެބޮޑު ސަމާލުކަމެއްދޭ އެއްކަމަކީ، ތިމާވެށްޓާމެދު ޢާންމުން ހޭލުންތެރިކުރުވުމެވެ. މިގޮތުން، އެޖަމްޢިއްޔާއިން ހިންގާ "އެޓޯލް މެރިންސެންޓަރ" މެދުވެރިކޮށް ތިމާވެށީގެ ތަފާތު މައްސަލަތަކާ ގުޅޭގޮތުން ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުވައި، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ތިމާވެށްޓާ ގުޅޭ ތަފާތު ޕްރޮގްރާމްތައް ރާވަމުން ގެންދެއެވެ. އަދި އުކާލެވޭ ކުނީގެ ބާވަތްތައް ރިސައިކަލްކޮށް، އަލުން ބޭނުންކުރެވޭނެ ތަފާތު ގޮތްތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައްވެސް ގެންދަނީ ހިންގަމުންނެވެ. މީގެ އިތުރުން، ވެލައާއި ކަހަނބު ދިރުވައި އާލާކުރުމާއި އެތަކެއްޗަށް ލިބޭ ގެއްލުންތަކަށް ފަރުވާ ދިނުމުގެ މަސައްކަތާއި، ހިމާޔަތް ކުރެވިފައިވާ ތަފާތު ދިރުންތަކާ ގުޅޭ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޮށްދީ، ހޭލުންތެރިކުރުވުމުގެ ސެޝަންތަކާއި ހަރަކާތްތައް، އަތޮޅުގެ ސްކޫލްތަކާއި، ކަމާބެހޭ މުއައްސަސާތަކާއި އަދި އަތޮޅުގެ ރިޒޯޓްތަކާ ގުޅިގެން ކުރިއަށް ގެންގޮސްފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުތަކާއި ފަރުތަކުގެ ދިރުމަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ދިރާސާތައް ކުރުމާއި، މުރަކަ އާލާކޮށް ދިރުވުމުގެ މަސައްކަތްވެސް މި ޖަމުޢިއްޔާގެ ފަރާތުން ގެންދަނީ ކުރަމުންނެވެ.

[ނައިފަރު ޖުވެނައިލް] ގެ ފަރާތުން ޒުވާނުންނާއި އަންހެނުން، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި އެފަރާތްތަކަށް ލިބިފައިވާ ހުނަރުވެރިކަން އެއްފުރާޅެއްގެ ދަށުން ނެރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި [މޯލްޑިވްސް އޮރިޖިނަލްސް]ގެ ނަމުގައި ދިވެހިންގެ އުފެއްދުންތެރިކަން ރަމްޒުކޮށްދޭ ސްވެނިއަރ އުފެއްދުންތައް އުފައްދައި، އެތަކެތި ރާއްޖޭގެ ފަތުވެރިކަމުގެ މާރކެޓަށް ވިއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. ޚާއްޞަކޮށް ބޮޑު ކަންނެލީގެ ހަން ބޭނުންކޮށްގެން ތައްޔާރުކުރާ "ކަންނެލި ހަމުގެ ލެދަރ" ގެ ތަފާތު އުފެއްދުންތައް އުފައްދައި މާކެޓަށް ނެރެފައިވާކަން ފާހަގަކުރަމެވެ.

[ނައިފަރު ޖުވެނައިލް] އިން ހިންގަމުން ގެންދާ [އެޓޯލް ވޮލަންޓިއަރސް] ޕްރޮގްރާމަކީ، މުޖުތަމަޢުގެ ބޭނުންތަކަށް މަސައްކަތްކުރާނެ ދަރުމަވެރިން މެދުވެރިކޮށް ނައިފަރު އާބާދީގައި ހުރި އިޖްތިމާޢީ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމުގެ ބޭނުމުގަޔާއި، ތިމާވެށީގެ މުހިންމުކަން އަންގައިދީ، ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކޮށް ދިރުވައި އާލާކުރުމުގެ މަސައްކަތުގައި، ކަމުގެ ތަޖުރިބާއާއި ޢިލްމު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ރާއްޖެއިން ބޭރުން ގެންނަވައި، އެބޭފުޅުންގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 2009 ވަނަ އަހަރު ފެށިގެން މެދުނުކެނޑި އެޖަމްޢިއްޔާއިން ހިންގަމުން ގެންދެއެވެ.