މުޙައްމަދު ޝާޠިރު
ތ. ހިރިލަންދޫ ތިރިންގަލި

އެކިއެކި ތާރީޚީ ވާހަކަތައް ވިދާޅުވެ، ތާރީޚީ ކަންކަން ދިރާސާ ކުރެއްވުމަކީ މުޙައްމަދު ޝާޠިރު ވަރަށް ކުޑައިރުއްސުރެ ކުރައްވަމުން ގެންދެވި މަސައްކަތެކެވެ. މިއަދާ ހަމައަށް އައިއިރު، ރާއްޖޭގެ ތާރީޚާބެހޭ އެކި ފޮތްތަކާއި، އެކިއެކި ލިޔުންތަކާއި، ނޫސް މަޖައްލާތައްވަނީ ދިރާސާ ކުރައްވާފައެވެ. ޝާޠިރުގެ ބަހުރުވައިންނަމަ، މި ހުރިހާ ލިޔުންތަކެއް މައިގަނޑު ގޮތެއްގައި އޭނާވަނީ ހިތުދަސްކުރައްވާފައެވެ.

1992 ވަނަ އަހަރުން ފެށިގެން ދުވަހު ނޫސް [ހަވީރު] ގައި ރާއްޖޭގެ އެކިއެކި ކަންކަމުގެ ތާރީޚު، ދިރާސާ މަޒުމޫނުތަކެއްގެ ގޮތުގައި ލިޔުއްވަން ފެށްޓެވިއެވެ. އަދި ހާހަކަށްވުރެ ގިނަ މައުޟޫޢަށް ދިރާސާ މަޒުމޫނު ލިޔުއްވާފައިވެއެވެ. މިގޮތުން، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 50 އަހަރުވުމާ ގުޅިގެން، ބޮޑު ހަނގުރާމައިގެ ދުވަސްވަރު (1939 ން 1945 އަށް) ރާއްޖެކުރި ތަޖުރިބާގެ ވާހަކަތައް ހިމެނޭ ދިރާސާ މަޒުމޫނުތަކާއި، ރާއްޖޭގެ ސިޔާސީ ތާރީޚުގެ ދިރާސާ މަޒުމޫނުތައް ފާހަގަކޮށްލެވެއެވެ. ދަރިވަރުންނާއި، ޒުވާނުންނާއި ޢާންމުން ދިވެހި ތާރީޚަށް ޝައުޤުވެރިކަން އިތުރުވުމުގެ ވަސީލަތަކަށް މިކަން ވެގެންދިޔުމަކީވެސް ޝާޠިރު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމެކެވެ. ދުވަހު ނޫސް [ހަވީރު]ގެ އިތުރުން، [ފުރަދާނަ] މަޖައްލާއަށާއި، އަދި އެނޫން އެހެން ނޫސް މަޖައްލާތަކަށް ތާރީޚީ އެކިއެކި މަޒުމޫނުތައް ލިޔުއްވާފައިވެއެވެ.

ސްކޫލް މަދަރުސާތަކާއި، ކޮލެޖް ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ތާރީޚާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމުގެ މަސައްކަތް، 1991 ވަނަ އަހަރުން ފެށިގެން ޝާޠިރު ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން، މާލޭގެ ވަރަށްގިނަ ސްކޫލްތަކަށާއި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޤައުމީ އަދި ތާރީޚީ އެކިއެކި މައުޟޫޢުތަކަށް، ޝާޠިރުވަނީ މަޢުލޫމާތު ދެއްވާފައެވެ. ޤައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ތާރީޚީގޮތުން މަޢުލޫމާތު ދެއްވުމުގެ މަސައްކަތް ރޭޑިއޯއާއި ޓީ.ވީ މެދުވެރިކުރައްވައި، 1995 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ކުރައްވަމުންނެވެ. ކޮލެޖް ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ އެކި ދިރާސާތަކަށާއި، ތީސީސްތަކަށް ޝާޠިރުގެ ތާރީޚީ ބައެއް މަޢުލޫމާތުތައް، އެކުދިން ބޭނުންކުރަމުން ގެންދާކަންވެސް އެއީ ޝާޠިރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. ހަމައެހެންމެ، ބޭރުގެ ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމުގެ އެކިއެކި ކޯސްތައް ފުރިހަމަކުރި ދިވެހި ކުދިންގެ ތީސީސްތަކުގައިވެސް ޝާޠިރުގެ ދިރާސާތައް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.

މުޙައްމަދު ޝާޠިރު ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރުގެ ތާރީޚު ފޮތަކާއި، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާއާބެހޭ ތާރީޚީ ފޮތަކާއި، ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާ ކަމަށްވާ ކަސްޓަމްސްގެ ތާރީޚާބެހޭ ފޮތަކާއި، ރާއްޖޭގެ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ، އަލްމަރްޙޫމް އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި ފޮތްވެސް ހިމެނެއެވެ.

1997 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، [ރާއްޖޭގެ ޤައުމީ ތާރީޚު ކޮމިޓީ]ގެ މެންބަރުކަމާއި، 1999 ވަނަ އަހަރު އުފެއްދެވި [ޤަރުނުގެ ފޮތް ލިޔާ ކޮމިޓީ]ގެ މެންބަރުކަމާއި، 2011 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވައިލެއްވި [ތަރިކަ ކޮމިޓީ]ގެ މެންބަރުކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2011 ވަނަ އަހަރު އުފެއްދެވި [ތާރީޚު ކޮމިޓީ]ގެ މެންބަރުކަންވެސް ޝާޠިރު ކުރައްވާފައިވެއެވެ.

މީގެއިތުރުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2015 ވަނަ އަހަރު އުފެއްދެވި މިނިވަން 50ގެ ޝަރަފު ދެއްވާ ބޭފުޅުން ކަނޑައަޅުއްވާ ކޮމިޓީގެ މެންބަރުކަން ކުރެއްވިއެވެ. މި ޤަރުނުގެ ފުރަތަމަ 16 އަހަރުގެ ފޮތް ލިޔުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީގެ މެންބަރުކަންވެސް ޝާޠިރު ގެންދަވަނީ ކުރައްވަމުންނެވެ.

ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ދާއިރާއިން 1997 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ޝާޠިރަށް ލިބިވަޑައިގެންފައިވެއެވެ. މިހާރު ޝާޠިރު ހުންނެވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އޮފް ނެޝަނަލް އާކައިވްސްގެ މަޤާމުގައެވެ. ވޭތުވެދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި، މަރުކަޒީ ނިޒާމަކުން ދައުލަތުގެ އެންމެހައި އިދާރާތަކާއި މުއައްސަސާތަކުގެ ލިޔެކިޔުންތައް ވަރަށް ރަނގަޅަށް ބެލެހެއްޓިފައިވާކަން ޝާޠިރު ފާހަގަކުރައްވައެވެ.