އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
ދަފްތަރު ނަންބަރު ރސ 8754 (މއ.ޝިމާގު)

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަނަކީ، މި ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ އެންމެ ޚާއްޞަ ދާއިރާއަކީ، އާކިޓެކްޗަރ ކަމަށްވިޔަސް، ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އޭނާގެ ހިތްޕުޅުގައި ވަރަށް ކުރިއްސުރެ ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިފައިވާތީ، އެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.

ދިވެހި އަދަބިއްޔާތުގައި ނެތް ފިކުރާއި އުސްލޫބާއި، އަދި އާ ކަންތައްތައް އަދަބިއްޔާތަށް ތަޢާރުފުކުރެއްވުމަށް މުޢީދު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ޅެންވެރިކަމުގެ މަސައްކަތް ފެށްޓެވީ ތަރުޖަމާ ކުރެއްވުމުގެ ތެރެއިންނެވެ. އެއީ މިޞްރުގައި ތަޢުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރުއެވެ. އޭރު މެދުއިރުމައްޗާއި ހުޅަނގުގެ ޅެންތައް ދަސްކުރައްވައި، އެކިއެކި ޅެން ފޮތްތައް ދިރާސާކުރެއްވިއެވެ. އޭގެތެރޭގައި ޢަރަބި ޅެންވެރިންގެ ޅެން ފޮތްތައް ވެސް ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ އަދީބުންގެ ޅެންތައްވެސް އޭނާވަނީ ދިރާސާ ކުރައްވާފައެވެ.

ޅެންވެރިކަމުގެ މަސައްކަތް ޢަބްދުލްމުޢީދު ފުރަތަމަ ފެށްޓެވީ އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ އިރުޝާދާ އެކީގައެވެ. ޢަބްދުލްމުޢީދު ހައްދަވާފައިވާ ގިނަ ޅެންތަކާއި، ގިނަ ލިޔުންތައް ފެންނަން ހުރީ އޮންލައިންކޮށެވެ. ޢަބްދުލްމުޢީދަކީ ގިނަ މަޖައްލާތަކެއްގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ލިޔުންތެރިކަމުގެ ރޮނގުން މަސައްކަތްކުރައްވާ ހީވާގި ލިޔުންތެރިއެއްވެސް މެއެވެ. 1986 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޤުރުއާނާއި ސައިންސާ ބެހޭ ލިޔުންތައް ލިޔުއްވައި، ފަތުވާ ތަރުޖަމާކުރައްވައި، ފިޤުހީ ލިޔުންތަކާއި، ދީނީ މައުޟޫޢުތަކަށާއި، ދުނިޔަވީ މައުޟޫޢުތަކަށް ލިޔުއްވި އެތައް ލިޔުމެއް ވަނީ ޝާއިޢުކުރައްވާފައެވެ.

ޢަބްދުލްމުޢީދު މަސްއޫލުވެރިކަމާއި އެޑިޓަރުކަން ކުރައްވާ މަޖައްލާތަކުގެ ތެރޭގައި "ބަޙުރު އީމަޖައްލާ" "އަކުރު އީމަޖައްލާ" "ކޮށާރު އީމަޖައްލާ" "ސަރަކަ އީމަޖައްލާ" "މަހަރު އީމަޖައްލާ" އަދި "އާކިފެހިޗަރ" ހިމެނެއެވެ. ޢަބްދުލްމުޢީދު ލިޔުއްވައި، ޝާއިޢުކުރައްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، ސުވަރުގޭގެ ނިޢުމަތްތައް ބަޔާންކޮށްދީފައިވާ "ސުވަރުގޭގެ ހިޔަލުގައި" މިފޮތާއި، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި ލިޔުއްވާފައިވާ "ޙަމީދުގެ ހަނދާނުގައި" މިފޮތާއި، ޢަރަބި ލިޔުމުގެ އެކިއެކި ބާވަތްތަކުގެ ޤަވާޢިދުތައް ބަޔާންކޮށްދީފައިވާ "ޢަރަބި ލިޔުމުގެ ފަންނު" މި ފޮތާއި، ރަމަޟާންމަހާ ގުޅޭ ފިޤްހީ، އިޖްތިމާޢީ އަދި ޞިއްޙީ މަޢުލޫމާތުގެ ފޮތްބައެއް ކަމަށްވާ "ރަމަޟާނިއްޔާތު" މި ފޮތާއި، ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން ލިޔުއްވަމުން ގެންދަވާ ސައިންޓިފިކް ވާހަކަތަކުގެ ފޮތްބައެއް ކަމަށްވާ "ޢުލޫމީ ވާހަކަ" ހިމެނެއެވެ.

މީގެ އިތުރުން، ފަންސަވީސް ނަބީބޭކަލުންނާއި، އެބޭކަލުންގެ ބިނާވެށްޓާ ބެހޭގޮތުން ލިޔުއްވާފައިވާ ސިލްސިލާ ފޮތްބައެއް ކަމަށްވާ "ނަބަވީ ބިނާވެށި" މި ފޮތާއި، އިމާރާތް ފަރުމާކުރާއިރު، ކޮންކްރީޓުން ހަދަންޖެހޭ ބައިތައް ފަރުމާކުރުމާބެހޭ ގޮތުން ލިޔުއްވާފައިވާ "ސްޓްރަކްޗަރަލް ޑިޒައިން" މި ފޮތާއި، އަލްމަރްޙޫމު ޑޮކްޓަރ އަޙްމަދުދީދީގެ ހަނދާނުގައި ލިޔުއްވާފައިވާ ފޮތެއްވެސް ހިމެނެއެވެ.

ޢަބްދުލްމުޢީދު ޙަސަނަކީ، ސްކޫލްތަކުގެ ދަރިވަރުންގެ އަދަބީ ފެންވަރު މަތިކުރެއްވުމަށްވެސް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ތާޖުއްދީނު ސްކޫލާއި، ގަލޮޅު މަދްރަސާގައިވެސް މި މަސައްކަތް ކޮށްދެއްވާފައި ވެއެވެ. އޭނާއަކީ، އެތައް ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައިވާ މުދައްރިސެއްވެސް މެއެވެ. އޭނާ ވަނީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާއި، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ޢަރަބި ލިއުމުގެ ފަންނު ކިޔަވައިދެއްވާފައެވެ. މީގެއިތުރުން، މަޢުހަދުގައި ޢުލޫމާއި، ހިސާބުވެސް ކިޔަވައިދެއްވާފައި ވެއެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައި އާކިޓެކްޗަރވެސް ކިޔަވައިދެއްވާފައި ވެއެވެ.

ޢަބްދުލްމުޢީދަކީ އިމާރާތް ކުރުމުގެ ދާއިރާގެ ފަންނުވެރިއެއް ކަމަށްވާތީ، ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާ ތަރައްޤީވަމުން އައިގޮތް ފެންނަން ނެތުމުން، އަދަބިއްޔާތުގެ ތެރެއިން އެ މަސައްކަތް ވުޖޫދަށް ގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.