އަލްއުސްތާޛު މޫސާ އަންވަރު ޙަސަން
ޏ. ފުވައްމުލަކު ދަނޑިމަގު ރިހިވިލާގެ

އަލްއުސްތާޛު މޫސާ އަންވަރު ޙަސަނަކީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން 2001 ވަނަ އަހަރު ރާއްޖެ ވަޑައިގަތީއްސުރެ، ރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައިދެއްވުމާއި، މީހުންގެ މެދުގައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭގެފަހުން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމީ ފިޤްހާއި، އުޞޫލުލް ފިޤްހުން މޫސާ އަންވަރު ޙަސަން ވަނީ މާސްޓަރޒް ހާސިލުކުރައްވާފައެވެ. އަދި މިހާރު ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ލެޖިސްލޭޓިވް ރޮނގުން ޕީ.އެޗް.ޑީ ހައްދަވަމުންނެވެ.

އަލްއުސްތާޛު މޫސާ އަންވަރު ޙަސަން، މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ވަޑައިގެން، ދީނީ ހޭލުންތެރިކަން ރާއްޖޭގައި ފެތުރުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. މިހާރު އޭނާ ފުރުއްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުސާޢިދު ވާޢިޡެއްގެ މަޤާމެވެ. އަދި މިހާރު އޭނާއަކީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.

މިސްކިތްތަކުގެ އިމާމުންނަށާއި ޚަޠީބުންނަށާއި، އިސްލާމް މުދައްރިސުން ތަމްރީނު ކުރެއްވުމަށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި، ދިރާސާތު އިސްލާމިއްޔާގެ ޑިގްރީ ކޯސްތަކާއި، ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ އަދި ޑިގްރީ ކޯސްތަކުގައި މޫސާ އަންވަރު ވަނީ ކިޔަވައިދެއްވައިފައެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގަޔާއި، އިސްލާމީ ޔުނިވަރސިޓީގަޔާއި، އަދި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާގެ އިތުރުން، ވިލާ ކޮލެޖްގެ ޝަރީޢާ ފެކަލްޓީގައި، ފުރަތަމަ ޑިގްރީއަށާއި މާސްޓަރޒް ކޯސްތަކަށް މިހާރުވެސް ކިޔަވައިދެއްވަމުން ގެންދަވައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އަލްއުސްތާޛު މޫސާ އަންވަރު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ތަފާތު ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި [ފަޖުރު ތަރި] މި ސިލްސިލާގެ 365 ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، [ދިވެހިރާއްޖޭގެ އަޑު] ން ފޮނުއްވި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ، [ތާރީޚުގެ ތެރެއިން ނަޞާރާއިން] [ޞާލިޙުންގެ ބަގީޗާ] [އެންމެމާތް ދީން] [ދިވެހިންގެ މުޖުތަމަޢު] [އަލީގެ މައްޗަށް އައްޔެއް] [ޙިކުމަތް] [އުންމަތުގެ އިމާމުން] "ފަރުޟު ޒަކާތް" މި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ޓީ.ވީ މޯލްޑިވްސް އިން ފޮނުއްވި [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމްގައާއި، ޕީ.އެސް.އެމް. އިން ފޮނުއްވި [ރޯދައިގެ ހިޔާ] މި ޕްރޮގްރާމްގައާއި، [ކުޑަކުދިންގެ ބަގީޗާ] ޕްރޮގްރާމްގައިވެސް ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވާފައިވެއެވެ. މީގެއިތުރުން، އެމް.ވީ.ޓީ.ވީ އިން ފޮނުއްވި، [އަޅުގަނޑުމެންގެ ދީން] މި ޕްރޮގްރާމްގައާއި، އެޓޯލް ރޭޑިއޯ އިން ފޮނުއްވި [ފިޤްހުއް ސުންނާ ޝަރަޙަ] މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މި މަސައްކަތްތައް މޫސާ އަންވަރު ކޮށްދެއްވާފައިވަނީވެސް ހިލޭ ސާބަހަށެވެ.

އަލްއުސްތާޛު މޫސާ އަންވަރުގެ ފާހަގަކޮށްލެވޭ އެހެން މަސައްކަތްޕުޅުތަކުގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރައްވާ ޚުޠުބާތައް ހެއްދެވުމާއި، ރާއްޖޭގައި ނުކުންނަ އެކިއެކި މަޖައްލާތަކަށް ތަފާތު މައުޟޫޢުތަކުގައި ދީނީ ލިޔުއްވުންތައް ލިޔުއްވުން ހިމެނެއެވެ. މިގޮތުން، [އަލްމިންބަރު] މަޖައްލާއަށާއި، [ދަރުމަ] މަޖައްލާއަށާއި، [ފުރަދާނަ] މަޖައްލާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި [ދީނުގެ މަގު] އަށާއި، އިސްލާމިކް މިނިސްޓްރީއިން ނެރުއްވި [ހިދާޔަތުގެ އަލި] މަޖައްލާ އަށާއި، [ހަވީރު] ނޫހަށާއި، [އާފަތިސް] ނޫހަށާއި، [ސަން އޮންލައިން] ނޫހަށް ދީނީ ރޮނގުން މަޒުމޫނުތަކެއް ލިޔުއްވައިފައިވެއެވެ.

އަލްއުސްތާޛު މޫސާ އަންވަރު ދީނީ ރޮނގުން ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [ވަސްމީރު ޒިކުރާ]، [އިސްލާމްދީނުގައި ބައިނަލްއަޤްވާމީ ގުޅުންތައް] [އިސްލާމީ ޢިލްމުތައް ކުރިއަރައިގެން ދިޔުން] [ތާރީޚުއް ތަޝްރީޢު] [ޤަޟާޔާ ފީ ތާރީޚު ވަ ޢިލްމުއްރަސްމު] އާއި، [އިސްލާމީ ތާރީޚު] [އިސްލާމީ ޘަޤާފަތް] އަދި [ޙައްޖާއި ޢުމްރާއަށް މަގެއް] ފަދަ ފޮތްތައް ހިމެނެއެވެ. އަދި ޝާއިޢު ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި [ފާފަ ފުއްސެވުމުގެ ސަބަބުތައް]، [ރިޒުޤު ތަނަވަސް ކުރެއްވުމުގެ ސަބަބުތައް]، [މައްކާ އާއި މަދީނާގެ އާޘާރީ ތަންތަން] ހިމެނެއެވެ.