އަލްފާޟިލް ޙައްސާން މުޙަންމަދު
ނެލުމް / ނ.ހޮޅުދޫ

 ލަވަވިދާޅުވަން ފުރަތަމަ ފެށްޓެވީ އުމުރުން 7 އަހަރުގައި އަމިއްލަ ގޭގައެވެ. ލަވަ ކިޔުމުގެ ޝައުޤުވެރިކަން އުފެދުނީ އެކި މީސްމީހުންނާއެކު ލަވަކިޔަން ރަށުގެ ބައެއް ގޭގެއަށް ވަޑައިގެން އުޅުއްވަން ފެށްޓެވުމުންނެވެ. ޢާންމުކޮށް މީހުންގެ ތެރެއަށް ނުކުންނަވައި ލަވަ ވިދާޅުވަން ފެށްޓެވީ އުމުރުން 12 އަހަރުވީފަހުންނެވެ. ރަށުގައި އުޅުއްވިއިރު އަމިއްލަ މިޔުޒިކް ގްރޫޕެއް ހައްދަވައިގެން ގޭގައި ލަވަފަރިތަ ކުރައްވަމުން ގެންދަވާފައިވެއެވެ.

މާލެ ވަޑައިގެން ޢާންމު ތަނެއްގައި ފުރަތަމަ ލަވަ ވިދާޅުވީ، 1989ގައި މާލޭގެ ގެއެއްގައެވެ. އެގޭގައި ވިދާޅުވީ ޙައްސާނުގެ ފުރަތަމަ އަލްބަމް ''މޯލްޑިވްސް ފެންޓަސީ''ގެ ބައެއް ލަވައެވެ. ސްޓޭޖް ޝޯއެއްގައި ފުރަތަމަ ލަވަ ވިދާޅުވީ 1991ވަނަ އަހަރު ބޭއްވެވި ފަންނާނުންގެ ޝޯތަކުގައެވެ. ޙައްސާނުގެ ލަވަތަކުގެ ތެރެއިން އެންމެ ގިނަމީހުން ތަރުޙީބު ދިން އަދި އެންމެ ފާހަގަކޮށްލެވުނު ލަވަޔަކީ ''ކެޔޮޅު ކިތަންމެމޮޅަސް.......'' މިލަވަ ކަމަށް އޭނާ ވިދާޅުވެއެވެ.

ކުރިޔަށް އޮތްތާނގައިވެސް ޙައްސާނު ލަވަ ވިދާޅުވަން ޤަޞްދުކުރައްވާ ކަމަށާއި، މިމަސައްކަތް މިހާރަށްވުރެ ރަނގަޅަށް ކުރެވޭތޯ ބެއްލެވުމަށްޓަކައި އިތުރު ތަމްރީނު ހޯއްދެވުމަށް އަންނަ އަހަރުގެ ޖަނަވަރީގައި އިންޑިޔާއަށް ވަޑައިގަތުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެއެވެ. އިންޑިޔާގައި، ވޮއިސް ޓްރޭނިންގއާ ބެހޭ ކަންތައްތަކާއި، އިންސްޓްރޫމަންޓް ބޭނުންކުރާނޭ ގޮތާއި، ނެށުމުގެ ހުނަރުވެރިކަން ދަސްކުރައްވާނެ ކަމަށް ވިދާޅުވެއެވެ. އިންޑިޔާގައި ހުންނަވާއިރުވެސް ބައެއް އަލްބަމް ނެރުއްވާނެކަން ހާމަކުރެއްވިއެވެ.

ޙައްސާނު މިހާތަނަށް ނެރުއްވާފައިވަނީ ދެ އަލްބަމެވެ. އެއީ މޯލްޑިވްސް ފެންޓަސީއާއި، މޯލްޑިވްސް އެކްސްޓަސީއެވެ.