އަލްފާޟިލް ގެމްބިޔާ މުޙަންމަދު ރަޝީދު
މ.ގެމްބިޔާ

 މުޙަންމަދު ރަޝީދަކީ، އުމުރުން 12 އަހަރުގައި މިޔުޒިކް ކުޅުއްވަން ފެށްޓެވި ގޮތަށް މެދުނުކެނޑި މި ރޮނގުގައި ޙަރަކާތްތެރިވެލައްވަމުން ގެންދަވައެވެ. އަދި މިހާރު ރާއްޖޭގައި ތިބި މޮޅު މިޔުޒިކް ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ މަޝްހޫރު ބޭކަލެކެވެ. މީނާ ފުރަތަމަ މިޔުޒިކް ޤްރޫޕަކާ ގުޅިލައްވައިގެން މިޔުޒިކް ކުޅުއްވަން ފެށްޓެވީ އުމުރުން 14 އަހަރުގައި "ކޯބްރާޒް" މިޔުޒިކް ގްރޫޕަށެވެ. އެ ގްރޫޕުގައި 2 އަހަރު މިޔުޒިކް ކުޅުއްވުމަށްފަހު، ދެން ބަދަލުވެލެއްވީ "އޮލިމްޕިއަންސް" މިޔުޒިކް ގުރޫޕަށެވެ. މިގްރޫޕް އުވުމުން، ޑީ.އައި.ބީ.އިން އުފެއްދެވި މިޔުޒިކް ގްރޫޕަށް ގެންދެވި މިޔުޒިކް ކުޅުންތެރިންގެ ތެރޭގައި މީނާ ހިމެނުނެވެ. ޑީ.އައި.ބީ.ގެ މިޔުޒިކް ގްރޫޕް، ދިވެހިރާއްޖޭގެ އަޑުގެ ބެއްލެވުމުގެ ދަށުން ހިންގަވާގޮތަށް ހަމަޖެހުމުން، އެހާތަނުން ފެށިގެން ދިވެހިރާއްޖޭގެ އަޑުގެ "އެންޓާރީޒް" މިޔުޒިކް ގްރޫޕާ ގުޅިލެއްވިއެވެ.

މީނާ ކުޅުއްވަނީ، ގިޓައާއި، ކީބޯޑެވެ. މިރޮނގުގައި މީނާ ޙަރަކާތްތެރިވެލައްވަން ފެށްޓެވީއްސުރެ މިހާތަނަށް ކުޅުއްވިފައިވާ ލަވައިގެ އަދަދު، ޚުދް މީނާއަށްވެސް އެނގިއެއްނުލައްވައެވެ.