އަލްފާޟިލް ޙުސައިންފުޅު (ކުޑަމުރީދު)
ގ.ގަނދަކޯޅިގެ

 ޙުސައިންފުޅު (ކުޑަމުރީދު) އަކީ ދިވެހިރާއްޖޭގެ ޘަޤާފީ ކުޅިވަރުތަކުގެ ތެރެއިން ވަރަށްގިނަ ކުޅިވަރު ކުޅުއްވައި އަދި އެ ކުޅިވަރުތައް ރަނގަޅަށް ދެނެލައްވާ ބޭކަލެކެވެ. މީނާ ދެނެލައްވާ ޘަޤާފީ ކުޅިވަރުތަކުގެ ތެރޭގައި، ބޮޑުބެރުޖެހުން، ލަވަކިޔުން ގާއޮޑިލަަވަޔަށް ނެށުން، ލަނގިިރިޖެހުން، މަގުމަތީލަނގިިރި ޖެހުުން ހިމެނެއެވެ. ބެރުޖެހުމުގެ ވަރަށްގިނަ ވައްތަރުތައް މީނާ ދެނެލައްވައެވެ. ޖާދަރާބެރު، ޗަބްކާބެރު، ކެމްޓާބެރު، ފުސްތޮއި ބެރު، ތޮއްޑޫބެރުފަދަ ތަފާތު ބެރުޖައްސަވަން ދެނެލައްވައެވެ. އަދި ދަނޑިބެރުގެ ރާގުތައް ފުމެންވެސް ދެނެލައްވައެވެ. ބެރުދުންމާރި ތާޅަފިލީގެ ވަރަށްގިނަ ކަންތައްތައް ދަސްކުރައްވާފައިވެއެވެ. ބެރުޖައްސަވަން ދަސްކުރެއްވީ މީނާގެ ޒުވާން ދައުރުގައި މާލޭގައި އުޅުއްވި ބެރުޖެހުމަށް އެދުވަސްވަރު ވަރަށް މަޝްހޫރު މީހެއް ކަމުގައިވާ އަތަރުލާ މޫސާ ކަލޭގެފާނުގެ ގާތުންނެވެ. އޭނާއާއެކު ބެރުޖައްސަވަން އޭނާގެ ގޭގައި އަށެއްކަ އަހަރު އުޅުއްވާފައިވެއެވެ.

މީނާއަކީ ދިވެހިރާއްޖޭގެ ޘަޤާފީ ކުޅިވަރު އުވުނަނުދީ ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާ ބޭކަލެކެވެ. ތަފާތު މުނާސަބަތުތަކުގައި ކުޅިވަރާބެހޭ ސާމާނު އަމިއްލައަށް އުފައްދަވައިގެން ކުޅިވަރުތައް މީހުންނަށް ދަސްކޮށްދެއްވައި، ކުޅިވަރުތައް ދައްކުވައިދެއްވާ ބޭކަލެކެވެ. ޒުވާން ދައުރުން ފެށިގެން މިއަދާ ހަމައަށްވެސް މި މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. އުމުރުން 80 ވަރަކަށް އަހަރު ވީއިރުވެސް މިފަދަ ކަންކަމުގައި ފޯރިއާއެކު މީނާ ބައިވެރިވެލައްވައެވެ.