އަލްފާޟިލް ޢަބްދުﷲ ޢަފީފު
އަލިދޯދި / ގދ.ތިނަދޫ

 ޢަބްދުﷲ ޢަފީފުގެ އުމުރުން 14 އަހަރުގައި ޅެން ހައްދަވަން ފެށްޓެވި ފަހުން މިހާތަނަށް، ހާހަކަށްވުރެ ގިނަޅެމާއި ލަވަ ހައްދަވާފައިވެއެވެ. ޢަފީފަށް ޅެން ހައްދަވަން ދަތި ވަކި މައުޟޫއެއް ނެތެވެ. އެކިއެކި މުނާސަބަތުތަކާ ގުޅިގެން އެކި ފަރާތްތަކުގެ އެދިވަޑައިގަތުމުގެ މަތިން އެ މުނާސަބަތަކާ ގުޅޭ ވަރަށްގިނަ ލަވަ މީނާ ހައްދަވައި ދެއްވާފައިވެއެވެ. މިގޮތުން 1962 ން 1982 އާ ދެމެދު ގދ.އަތޮޅުގައި ބޭއްވުނު ރަސްމީ އަދި ނުރަސްމީ ހުރިހާ ޙަފްލާތަކެއްގައި ކިޔާފައިވާ ހުރިހާ ލަވައެއް ހައްދަވައިދެއްވީ ޢަފީފެވެ. މަދަރުސާތަކުގެ ކުދިންގެ ލަވަމުބާރާތަށް ބައެއް ސްކޫލްތަކަށްވެސް ވަރަށްގިނަ އަދަދަކަށް އަފީފް ލަވަ ހައްދަވައި ދެއްވާފައިވެއެވެ. ޚާއްޞަކޮށް، އެމް.އީ.އެސް.ގެ ކުދިން ކިޔާފައިވާ ހުރިހާ ލަވައެއް ހައްދަވައިދެއްވާފައިވަނީ މީނާއެވެ. ނަތީޖާއެއްގެ ގޮތުން އެކިފަހަރު މަތިން އެމުބާރާތުގެ 1، 2، 3 ވަނަ އިނާމު ލިބިވަޑައިގެންފައިވެއެވެ.

އެކިފަރާތްތަކުން ދިވެހި ލަވައިގެ "އަލްބަމް" ނެރެން ފެށުމާ ގުޅިގެން ޢަފީފް ވަރަށް ގިނަ ޅެން ހައްދަވައި ދެއްވާފައިވެއެވެ. މިގޮތުން އެމް.އީ.އެސް. އިން ތައްޔާރުކުރި ލަވަރޯލް "އަލި" މި އަލްބަމްގެ ހުރިހާ ލަވައަކާއި، ގ. ރިހިވެލި މުޙަންމަދު ޢާމިރު ތައްޔާރު ކުރެއްވި "ހިތްފަހި" މި ލަވަރޯލުގެ އެންމެ ލަވައެއް ފިޔަވައި އެހެން ހުރިހާ ލަވައެއް ހައްދަވައި ދެއްވާފައިވަނީ ޢަފީފެވެ. ސަރުކާރުގެ ބައެއް އޮފީސްތަކުގެ އެދިވަޑައިގަތުމުގެ މަތިން އެތަންތަނަށްވެސް ޢަފީފު ލަވަ ހައްދަވައި ދެއްވާފައިވެއެވެ. ކަސްޓަމްސްގެ ލަވަ "ކަސްޓަމްސްގެ ނިދާ" ފާހަގަކޮށްލެވެއެވެ.

ޅެންވެރިކަމުގެ ރޮނގުން އަފީފް ކުރެއްވި މި ޚިދުމަތްތަކުގެ ތެރޭގައި، އޭނާ ހިންގަވާ ޢިލްމީ ވިދުވަރު ކްލާހުގަޔާއި، ގދ.އަތޮޅުގެ ތަޢުލީމީ މަރުކަޒުގައި ޅެން ހަދަން ދަސްކޮށްދޭ ކްލާސްތައް ހިންގެވުމާއި، އައި.ޓީ.އީ.އިން ހިންގަވާ ސެކަންޑަރީ ދިވެހި މުދައްރިސުން ތަމްރީނުކުރާ ކޯހުގައި ޅެންވެރިކަން ކިޔަވައިދެއްވާ މުދައްރިސެއްގެ ގޮތުން 2 އަހަރު މަސައްކަތް ކޮށްދެއްވާފައިވުން ހިމެނެއެވެ. ޢަފީފުގެ ޅެންތަކުގެ ތެރެއިން ރާއްޖެއަށް މަޝްހޫރުވި ލަވަތަކުގެ ތެރޭގައި "ޒިކުރާ ޖަމީލް"، މާބުރާ ކޮކާލާ"، "ދެކެމިއަސަރީ މާދަމާ"، "ދެލޯ ކަރުނައިންނެ ފުރުވީ"، "ބޮނޑިބަތްތޯއެ އުދަންވީ" ފަދަ ލަވަތައް ހިމެނެއެވެ.