އަލްފާޟިލް ހީނާ އަޙްމަދު ސަލީމް
ހ. ހީނާގަސްދޮށުގެ

ހީނާ އަޙްމަދު ސަލީމަކީ 1979 ން ފެށިގެން ކުޅިވަރުގެ ރޮނގުން އެކަށީގެންވާ ގޮތެއްގައި ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މީނާއަކީ ތަފާތު ގިނަ ކުޅިވަރުތައް ކުޅުއްވި ބޭކަލެކެވެ. މީގެތެރޭގައި، ފުޓްބޯޅަ، ވޮލީ، ބެޑްމިންޓަން، ޓޭބަލްޓެނިސް، ހޮކީ، ކްރިކެޓް، އެތުލެޓިކްސް ހިމެނެއެވެ. މީގެތެރެއިން ގިނަ ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީތައް މީނާ ހޯއްދަވާފައިވެއެވެ. މީގެއިތުރުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، ސާފްގޭމްސްގައި ރާއްޖެ ތަމްސީލުކޮށްދެއްވާފައިވެއެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރިހިމެޑެލް ހޯއްދެވި ބެޑްމިންޓަން ޓީމުގައި މީނާ ހިމެނިލެއްވިއެވެ.

ކޯޗްކޮށްދިނުމުގެ ރޮނގުން ކުރިއަށް ދިޔުމަށް ބޭނުންވެލައްވާތީ، މީނާ މިހާރުވަނީ ކުޅިވަރު ކުޅުން ހުއްޓާލައްވައި، އެކިއެކި ކުޅިވަރުތައް ދަސްކޮށްދެއްވަން ފަށްޓަވާފައެވެ. މިގޮތުން މީނާއަކީ އެއްވަނަ ޑިވިޜަންގެ ޓީމެއް ކަމަށްވާ ޔޫތު ސްޕޯޓްސް ކްލަބްގެ ފުޓްބޯޅަ ކޯޗެކެވެ. މީގެއިތުރުން، މަދްރަސަތުލް އަޙްމަދިއްޔާގެ ސްޕޯޓްސް އެޑްވައިޒަރުކަން 3 އަހަރު ކުރެއްވިއެވެ. މިހާރު މީނާއަކީ މަދްރަސަތުލް އަމީރު އަޙްމަދުގެ ސްޕޯޓްސް ސުޕަވައިޒަރުވެސް މެއެވެ. މިދެންނެވި ދެ މަދަރުސާއަށް އެތްލެޓިކްސްއާއި، ޚާއްޞަކޮށް، ފުޓްބޯޅައިގެ ރޮނގުން އެކަށީގެންވާ ކާމިޔާބީތަކެއް ހޯއްދަވައި ދެއްވާފައިވެއެވެ. އަދި އެން.އެސް.އޭ.ގެ ކުޅިވަރުތައް ކުރިއަށް ގެންދެވުމުގައި ޚިދްމަތްކޮށްދެއްވާފައިވުންވެސް ހިމެނެއެވެ.

މިދެންނެވި ކަންތައްތަކުގެ އިތުރުންވެސް، ރާއްޖޭގައި ގިނަ ފުޓްބޯޅަ މެޗްތަކެއްގައި ސަލީމް ރެފްރީކަން ކުރައްވާފައިވުމާއި، ޤައުމީ ޓީމުތައް ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ކުޅޭއިރު ޓީމަށް އެހީތެރިވެދެއްވުން މީނާގެ ޚިދުމަތުގެ ތެރޭގައި ހިމެނެއެވެ.