ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް
ހ. ވިލާޑިސޯސަން

ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމަކީ، 30 އަހަރުގެ ދިގު މުއްދަތެއްގައި ރާއްޖޭގައި ލޮލުގެ ބަލިމީހުންނަށް ނުހަނު ގިނަ ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. 1964 ގައި އޭނާގެ ޚިދްމަތް ފެށުނު ފަހުން ހިނގި 23 އަހަރުގެ ތެރޭގައި ރާއްޖޭގައި ހުރި ހަމައެކަނި ލޮލުގެ ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރަކީ ޢަބްދުﷲ ޢަބްދުލްޙަކީމެވެ. ކުރީކޮޅުގައި ހުރިހާ ބައްޔަކަށް ފަރުވާދެއްވާ ހަމައެކަނި ދިވެހި ޑޮކްޓަރަކީ އޭނާއެވެ. އޭރުއްސުރެ ފެށިގެން މިހާތަނާ ޖެހެންދެން ސަރުކާރުގެ ދާއިރާގައި އަދި އަމިއްލަފުޅު ގޮތުން އޭނާގެ ޚިދްމަތް، ގިނަ ބަޔަކަށް ދެއްވާފައިވެއެވެ. ޢަބްދުﷲގެ ޚިދްމަތް ލިބިފައި ނެތް ޢާއިލާއެއް ރާއްޖޭގައި މަދުވާނެ ކަމަށްވެއެވެ.

މިހާތަނަށް ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް ކުރެއްވި ލޮލުގެ އޮޕަރޭޝަންތަކުގެ އަދަދު 3750 އަށް އަރާފައިވެއެވެ. ފާހަގަކޮށްލެވޭ ޚިދްމަތްތަކުގެ ތެރޭގައި، 1981 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ފުރަތަމަ ކޯރނިއަލް ގްރާފްޓް (ދިރޭލޯ ޖެހުން) ރާއްޖެއަށް ކްރައޯ ސަރޖަރީ ތަޢާރުފް ކުރެއްވުން ހިމެނެއެވެ. މިހާރު ހުރިހާ ކެޓަރެކްޓް އޮޕަރޭޝަނެއް ކުރެވެނީ މި މެތަޑް ބޭނުންކޮށްގެންނެވެ. ރާއްޖެތެރޭގައި ޞިއްޙީ މަރްކަޒުތައް ހުޅުވުމުގެ ކުރީގައި ޞިއްޙީ ޚިދްމަތްތައް ފޯރުކޮށްދެއްވުމުގެ ގޮތުން [ގޯލްޑަންރޭ] ގައި ރާއްޖެތެރެއަށް ކުރެއްވި ދަތުރުތަކުގައި މުހިންމު ބައެއް އޭނާ އަދާކުރެއްވިއެވެ. 1983 ން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދަވާފައިވާ އައިކޭމްޕްގެ މަޝްރޫޢު ފެށުނު ދުވަސްވަރު މިކަމުގައި އެންމެ އިސްކޮށް ހުންނެވީ ޢަބްދުﷲ ޢަބްދުލްޙަކީމެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި އެންމެ ފުރަތަމަ ކުރެވުނު ލޮލުގެ އޮޕަރޭޝަން ކުރެއްވީވެސް މީނާއެވެ. މިމަސައްކަތުގެ ތެރޭގައި ލޮލަށް ފަރުވާދިނުމާއި، ލޮލުގެ ބަލިމީހުން ރިފަރ ކުރުމާ ބެހޭގޮތުން ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނަށް ތަމްރީނު ދެއްވައި ހެއްދެވިއެވެ. ރާއްޖޭގައި އައިނު ހަދަން ބޭނުންވާ މީހުންނަށް ދިމާވާ ދަތިތައް ޙައްލުކުރެއްވުމުގެ ގޮތުން މާލޭ އޮޕްޓިކަލް ކޮމްޕެނީގެ ނަމުގައި އައިނުހަދާ ތަނެއް އުފެއްދެވުމުގައިވެސް ޑޮކްޓަރ ޢަބްދުﷲ މުހިންމު ބައެއް އަދާކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމްގެ ޚިދްމަތް މިހާރުވެސް ވަރަށް އެދެވޭ ގޮތެއްގައި ސަރުކާރަށާއި ޢާންމުންނަށް ދެއްވަމުން ގެންދަވައެވެ.