އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ލުޠުފީ

މުޙަންމަދު އިބްރާހީމް ލުޠުފީއަކީ، ދިވެހިރާއްޖޭގެ ތާރީޚަށާއި ޘަޤާފަތަށް ވަރަށްގިނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ޚިދްމަތްތަކުގެ ތެރޭގައި، އަބޫ ޢަބްދުﷲ މުޙަންމަދު ބުނު ބަޠޫޠާ، އޭނާގެ ދަތުރުނާމާގައި ރާއްޖެއާ ބެހޭގޮތުން ލިޔުއްވާފައިވާ ބައި ދިވެހިބަހަށް ގެންނަވައި، އެބަޔާމެދު ތަޙްޤީޤީ، ތަންޤީދީ އަދި ތަޙްލީލީ މަސައްކަތްޕުޅުގެ މައްޗަށް އެކުލަވާލައްވާފައިވާ [އިބްނު ބަޠޫޠާ ދިވެހިރާއްޖޭގައި] މިނަމުގައި ފޮތެއް ލިޔުއްވުން ހިމެނެއެވެ. ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކާބެހޭ ތާރީޚީ ޙާދިޘާތައް ހޯއްދެވުމާއި، ޙަސަން ތާޖުއްދީނުގެ ތާރީޚުގެ އެކި ކޮޕީތަކުގެ ހުރި ތަފާތު ފާހަގަކުރެއްވުމާއި، ދިވެހި ތާރީޚާބެހޭ އެކިއެކި ކަންކަމާމެދު ދިރާސާތައް ކުރެއްވުން ހިމެނެއެވެ.