އިބްރާހީމް ނަސްރީން
މާގަސްދޮށުގެ / ލ. އިސްދޫ

މި އިނާމު އިބްރާހީމް ނަސްރީނަށް ލިބިވަޑައިގަންނަވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ގެނެވެންހުރި އިނޮވޭޓިވް ޚިދުމަތްތަކާއި، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ތަނަވަސްކުރަންޖެހޭ ބިނާކުރަނިވި ތަރައްޤީގެ ފުރުޞަތުތަކާ ބެހޭގޮތުން ހެއްދެވި ސައިންޓިފިކް ރިސަރޗް ޕޭޕަރ، 2015 ވަނަ އަހަރު އެމެރިކާގެ ޓްރެވަލް އެންޑް ޓޫރިޒަމް ރިސަރޗް އެސޯސިއޭޝަނުން ބޭއްވި ޓޫރިޒަމް ރިސަރޗް ކޮންފަރެންސަށް ހުށަހަޅުއްވައި، އެންމެމޮޅު މާސްޓަރޒް ސްޓޫޑަންޓް ރިސަރޗް އެވޯޑް ހާސިލުކުރައްވާފައިވާތީއެވެ. އިބްރާހީމް ނަސްރީން މި ކާމިޔާބީ ހާސިލުކުރެއްވީ، މި ކޮންފަރެންސްގައި ބައިވެރިވި 23 ޤައުމުގެ 70 ޔުނިވަރސިޓީގެ ދަރިވަރުންނާ ވާދަކުރައްވައިގެންނެވެ.

އިބްރާހީމް ނަސްރީންގެ ދިރާސާ ޚާއްޞަކުރައްވާފައިވަނީ، ދިވެހިރާއްޖެ ލަގްޒަރީ ޓުއަރިސްޓް މަންޒިލެއްގެ ގޮތުގައި ދަމަހައްޓައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލަގްޒަރީ ޚިދުމަތްތަކެއް ފޯރުވައިދިނުމަށްޓަކައި، ރީތި ގޮނޑުދޮށްތަކާއި ރީތި ފަރުތައް ހިމެނޭގޮތަށް ތަފާތު އެހެނިހެން ޚިދުމަތްތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ތަޢާރުފު ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

އިބްރާހީމް ނަސްރީން މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޑައިރެކްޓަރ އޮފް އީ-ކޮމާރސް އެންޑް މާރކެޓިންގގެ މަޤާމުގައެވެ. ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުވައިދޭ ގިނަ މުއައްސަސާތަކަށްވެސް އިބްރާހީމް ނަސްރީން ގެންދަވަނީ ޚިދުމަތް ދެއްވަމުންނެވެ.