އަލްފާޟިލް ޙަސަން ޝިޔާމް
އިރުދޭމާގެ / ހއ. ހޯރަފުށީ

ޒުވާނުންގެ ދާއިރާއިން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލު ކުރައްވާ ޙަސަން ޝިޔާމަކީ، ޖަމާޢަތަށް ފައިދާހުރި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ އެންމެ ޚާއްޞަ މަސައްކަތަކީ، ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކާއި ދުވަސްތަކުގައި އެކިއެކި ދާއިރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކާއި، ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގެވުމެވެ. މިގޮތުން ދަރިވަރުންނަށާއި ޒުވާނުންނަށާއި، އެކިއެކި ކުންފުނިތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އެކި ފަންތީގެ މުވައްޒަފުންނަށާއި، ސްކޫލްތަކުގެ މުދައްރިސުންނަށާއި، ދަރިވަރުންގެ ބެލެނިވެރިންނަށާއި، އަދި ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ވެރިންނަށް އެކި ސެމިނާރތަކާއި ވާރކްޝޮޕްތައް ހިންގަވަމުން ގެންދަވައެވެ. މި ޕްރޮގްރާމްތައް ޝިޔާމް ހިންގަވަމުން ގެންދަވަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކެވަޑައިގެން ހިލޭސާބަހަށެވެ. މިދެންނެވި ސެމިނާރތަކާއި ވާރކްޝޮޕްތައް މާލެއާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ވަރަށްފުޅާ ދާއިރާއެއްގައި ހިންގަވަމުން ގެންދަވައެވެ.

އެނގިވަޑައިގެންފައިވާ ޢިލްމެއް އެހެން މީހުންނަށް އުނގަންނައިދެއްވުމުގެ ވިސްނުން ޝިޔާމް އަބަދުވެސް ގެންގުޅުއްވައެވެ. މި މަސައްކަތް އޭނާ ފެށްޓެވީ 2005 ވަނަ އަހަރުއެވެ. އޭނާ ހިންގަވާ ތަމްރީނު ޕްރޮގްރާމްތަކަކީ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކެކެވެ. ރާއްޖޭގެ އަތޮޅުތަކުގައި ހިންގަވާ ޕްރޮގްރާމްތައް ރާއްވަވަނީ ބަންދު ދުވަސްތަކަށް އަމާޒު ކުރައްވައިގެންނެވެ.

މިހާތަނަށް އޭނާ ހިންގަވާފައިވާ އެކިއެކި ސެމިނާރ ވާރކްޝޮޕްތަކުގެ ތެރޭގައި، ހިންގުމުގެ ހުނަރު މަތިކުރުމުގެ ވާރކްޝޮޕާއި، ކްލަބު ޖަމުޢިއްޔާ ހިންގުމުގެ ވާރކްޝޮޕާއި، އޮފީސް ހިންގުމުގެ ތަމްރީނު ވާރކްޝޮޕާއި، ތަރައްޤީއަށް އަހުލުވެރި ކުރުވުމާއި، އެކިއެކި މަޝްރޫޢުތައް ހިންގުމުގެ ވާރކްޝޮޕް ހިމެނެއެވެ. އަދި އަންހެނުން ހޭލުންތެރިކުރުވުމާއި، ބާރުވެރިކުރުވުމުގެ ވާރކްޝޮޕާއި، ސްމާޓް ސްޓަޑީ ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާރާއި، ސްމާޓް ޓީޗިންގ ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާރާއި، ސްމާޓް ޕޭރަންޓަލް ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާރުވެސް އޭނާ ހިންގަވަމުން ގެންދަވައެވެ. މީގެއިތުރުން ޤައުމިއްޔަތު ދިރުވުމާއި، އިޖުތިމާޢީ އަދަބުތަކާއި، ޒުވާނުންނާއި ދަރިވަރުން އަހުލުވެރިކުރުވުންފަދަ މުހިންމު މައުޟޫޢުތަކަށްވެސް އޭނާ ސެޝަންތައް ހިންގަވަމުން ގެންދަވާފައިވެއެވެ.

މި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މާލެ ފިޔަވައި މަދުވެގެން 40 އަށްވުރެ ގިނަ ރަށުގައި މި ޕްރޮގްރާމްތައް ހިންގަވާފައިވެއެވެ. މި ޕްރޮގްރާމްތައް އޭނާ ނުހިންގަވާ އެއްވެސް އަތޮޅެއް މިހާރު ރާއްޖޭގައި ނެތެވެ. ތަމްރީނު ދެއްވާފައިވާ ނުވަތަ މަޢުލޫމާތު ދެއްވާފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް ހަތަރުހާހަށްވުރެ ގިނަވާނެ ކަމަށް ޝިޔާމް ވިދާޅުވެއެވެ.

ޒުވާނުންނަށް ލީޑަރޝިޕް ދަސްކޮށްދެއްވުމަށްޓަކައި ޝިޔާމް ހިންގަވާ ޕްރޮގްރާމްތައްވެސް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވެވި [ދަރިވަރުންގެ މާދިރީ] ނުވަތަ [ސްޓޫޑަންޓް ޕާލަމަންޓް] ރާއްވަވައި ހިންގަވައިދެއްވާފައި ވެއެވެ. އަދި 2006 ން 2008 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިވަޑައިގެން ބޭއްވެވި [ޒުވާނުންގެ މާދިރީ] ނުވަތަ ޔޫތު ޕާލަމަންޓް ރާއްވަވައި ހިންގަވައި ދެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި މިނޫންވެސް އެކިއެކި މުނާސަބަތުތަކާ ގުޅިގެން މާލޭގެ ސްކޫލްތަކުންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގަވާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވަމުން ގެންދަވާފައިވެއެވެ. އަދި ދަރުމަޔަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރެއްވުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ޝިޔާމް ހިންގަވައިދެއްވާފައިވެއެވެ.