އަލްފާޟިލް ފަރުހާދު އިބްރާހީމް
ވާރޭވިލާ / ހދ. ނޭކުރެންދޫ

ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ ފަރުހާދު އިބްރާހީމަކީ، 2003 ވަނަ އަހަރު މި ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. ވޭތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި، މިރޮނގުން ތަފާތު މަސައްކަތްތައް ފަރުހާދު ވަނީ ކުރައްވާފައެވެ. މިގޮތުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވާ އެކި މިސްކިތްތަކުގައި ޢަރަބި އަކުރުން ލިޔެފައިވާ ލިޔުންތައް ލިޔުއްވުމާއި، މިސްކިތްތަކުގެ ނަންބޯޑުތައް ހެއްދެވުމާއި، ބައެއް ކުންފުނިތަކާއި މީޑިއާތަކުގެ ލޯގޯ ފަރުމާކުރެއްވުން ހިމެނެއެވެ. ފަރުހާދު މިހާތަނަށް 7 މިސްކިތަކަށް ޢަރަބި އަކުރުން ލިޔުންތައް ލިޔުއްވައިދެއްވާފައިވެއެވެ. މިގޮތުން، ހުޅުމާލޭގައި ބިނާކޮށްފައިވާ [މަސްޖިދު ޢުމަރު ބުނުލް ޚައްޠާބު] އާއި، [މަސްޖިދު ޢަޒީޒާ މޫސާ] އާއި، ހއ.އުތީމު ގަނޑުވަރު މިސްކިތާއި، ތޮއްޑޫގައި ބިނާކޮށްފައިވާ [މަސްޖިދު ޢާއިޝާ] އާއި، ހއ.އުލިގަމުގައި، މާލޭގެ ހުކުރު މިސްކިތުގެ ނަމޫނާއާ އެއްގޮތަށް ބިނާކޮށްފައިވާ [މަސްޖިދު މޫސާ ޢަލީ]އާއި، ގެމަނަފުށީ [މަސްޖިދު އިބްރާހީމް] އާއި، އައްޑޫ ޕޮލިސް އެކަޑަމީގެ މިޙުރާބުގޭގައި ހުރި ހުރިހާ ލިޔުންތައް ތައްޔާރުކުރައްވާފައިވަނީ ފަރުހާދު އިބްރާހީމެވެ.

މިދެންނެވި މަސައްކަތްތައް ފަރުހާދު ކުރައްވަމުން ގެންދަވާފައިވަނީ، ޕްލާސްޓިކްގައި ޢަރަބި އަކުރު ކަނޑައި ނަގައިގެންނެވެ. އެގޮތަށް އެ މަސައްކަތް އޭނާ ކުރައްވަނީ، އެފަދަ ލިޔުންތައް ވީހާވެސް ދިގު މުއްދަތެއްގައި ހުންނާނެގޮތް ހެއްދެވުމަށެވެ. އަދި އަތުން ކަނޑައި ނެގުމުގެ ބަދަލުގައި މެޝިން ބޭނުންކުރައްވައިގެން މި މަސައްކަތް ކުރައްވަން ވަނީ ފަށްޓަވާފައެވެ.

މި މަސައްކަތުގެ އިތުރުން، މިހާތަނަށް ފަރުހާދު އިބްރާހީމް ވަނީ ތަފާތު އެކި މުއައްސަސާތަކުގެ ލޯގޯވެސް ފަރުމާކޮށްދެއްވާފައެވެ. މިގޮތުން، ސަން މެގަޒިންގެ ލޯގޯއާއި، މިއަދު ނޫހުގެ ލޯގޯއާއި، ސަން އެފް.އެމް.ގެ ލޯގޯއާއި، ސްކޫލްތަކުގެ އެކި ޖަމުޢިއްޔާތަކުގެ ލޯގޯ ފަރުމާކުރައްވާފައިވެއެވެ.

ފަރުހާދު އިބްރާހީމުގެ ޚާއްޞަ އަނެއް ދާއިރާއަކީ، އެކިއެކި މުނާސަބަތުތަކަށް ސްޓޭޖް ޑެކަރޭޝަން ހައްދަވައިދެއްވުމެވެ. މިގޮތުން މިހާތަނަށް ވަރަށްގިނަ ޖަލްސާތަކަށާއި ޙަފުލާތަކަށް ސްޓޭޖް ތައްޔާރުކޮށްދެއްވާފައިވެއެވެ. ހަވީރު ސްޕޯޓްސް އެވޯޑްގެ ސްޓޭޖް 2008 ވަނަ އަހަރާއި، 2009 ވަނަ އަހަރު ތައްޔާރުކޮށްދެއްވިއެވެ. އާފަތިސް އެވޯޑް 2008ގެ ސްޓޭޖާއި، ސަން އެފް.އެމް. އެވޯޑްގެ ސްޓޭޖް، 2009 ވަނަ އަހަރާއި، 2010 ވަނަ އަހަރު ތައްޔާރުކޮށްދެއްވިއެވެ. ޖަމާލުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގެ ސެޓްތައް، 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަޔަށް ތައްޔާރުކޮށްދެއްވާފައިވަނީވެސް ފަރުހާދު އިބްރާހީމެވެ. ހަމައެހެންމެ، ހިރިޔާ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގެ ސެޓްތައް، 2011 ވަނަ އަހަރުން ފެށިގެން 2014 އަށް ތައްޔާރުކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށް ގެންދަވާ، ދީނީ ދަރުސް ސިލްސިލާ [އިޙްޔާ ފޯރަމް]ގެ ސްޓޭޖް 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތައްޔާރުކޮށްދެއްވަމުން ގެންދަވާފައިވަނީވެސް ފަރުހާދު އިބްރާހީމެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ޓީ.ވީ ޗެނަލްތަކުން އުފައްދައި ގެނެސްދިން ސެޓްތައްވެސް ފަރުހާދު އިބްރާހީމް ވަނީ ތައްޔާރުކޮށްދެއްވާފައެވެ. އެގޮތުން، ޓީ.ވީ މޯލްޑިވްސްއިން 2005 ވަނަ އަހަރު ގެނެސްދިން [މާމަ ކާފަ އެވޯޑް]ގެ ސެޓް ތައްޔާރުކުރެއްވުމާއި، ޓީ.ވީ.އެމް.ގެ [ފިލްމީ އުދަރެސް] އާއި [ހެނދުނު ހެނދުނާ] ފަދަ ބައެއް ޕްރޮގްރާމްތަކުގެ ސެޓްވެސް އޭނާ ތައްޔާރުކޮށްދެއްވިއެވެ. އަދި 2006 ވަނަ އަހަރު ޓީ.ވީ.އެމް. އިން ގެނެސްދިން ހުރިހާ ޝޯތަކެއްގެ ސެޓްތައް ތައްޔާރުކުރައްވާފައިވަނީވެސް ފަރުހާދެވެ. ވީ.ޓީ.ވީ ސްކޫލް އައިކަން 2009 އަދި 2010ގެ ސެޓާއި، ވީ.ޓީ.ވީ މޯލްޑިވިއަން އައިކަން 2009 އާއި 2010 އަދި 2011ގެ ސެޓާއި، 2009ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ވީ.ޓީ.ވީ އިން ގެނެސްދިން ހުރިހާ ޕްރޮގްރާމްތަކުގެ ސެޓްތައް ތައްޔާރުކޮށްދެއްވާފައިވަނީވެސް ފަރުހާދު އިބްރާހީމެވެ. ސަން އެފް.އެމް.ގެ [ވާހަނދާނަކުން] މި ޝޯގެ ސެޓްވެސް ތައްޔާރުކޮށްދެއްވާފައިވެއެވެ. 2013 ވަނަ އަހަރާއި، 2014 ވަނަ އަހަރު ހދ. އަތޮޅުގައި ބޭއްވުނު އަތޮޅު ޤުރްއާން މުބާރާތުގެ މުޅި އިވެންޓް ފަރުމާކުރައްވައި، އެހުރިހާ މަސައްކަތްތަކެއްވެސް ވަނީ ކުރައްވާފައެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް 2009 ވަނަ އަހަރު ހއ. ދިއްދޫގައި ބޭއްވުނު އިޙްތިފާލުތަކުގެ ހުރިހާ ޑެކަރޭޝަންތައް ތައްޔާރުކޮށްފައިވަނީ ފަރުހާދުގެ ބެއްލެވުމުގެ ދަށުންނެވެ.

މި ދާއިރާއިން ފަރުހާދު މިހާތަނަށް ކުރައްވާފައިވާ މަސައްކަތުން ގިނަ ބަޔަކަށް މި މަސައްކަތް ވަނީ ދަސްކޮށްދެއްވާފައެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ ޒުވާނުންކަން އޭނާ ފާހަގަކުރައްވައެވެ.