އަލްފާޟިލް އަޙްމަދު އަކްރަމް
މއ. މާންދޫގޭދެކުނުގެ

އަޙްމަދު އަކްރަމަކީ، ރާއްޖޭގެ ޓެނިހުގެ ތާރީޚުގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ، އަދި މިހާރުވެސް ޓެނިސް ކުޅުންތެރިން ތަމްރީނު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޓެނިސް ކުޅުމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުނީ ޢުމުރުން އެންމެ 12 އަހަރުގައެވެ. އޭރު ޓެނިސް އެސޯސިއޭޝަނުން ބޭއްވި ކޭމްޕެއްގައި ބައިވެރިވެވަޑައިގެންނެވި ހިސާބުން ފެށިގެން މި ކުޅިވަރުން ކުރިއަށް ވަޑައިގަތުމުގެ ޢަޒުމް އޭނާ ކަނޑައެޅުއްވިއެވެ.

އަކުރަމަކީ ރާއްޖޭގައި ބޭއްވުނު ޤައުމީ ޓެނިސް މުބާރާތްތަކުގަޔާއި، އެސޯސިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް މުބާރާތްތަކުގަޔާއި، ނިޕޯން ޓެނިސް ޗެމްޕިއަންޝިޕް މުބާރާތުގަޔާއި، ކޮކާކޯލާ ޓެނިސް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވެވަޑައިގެން އެތައް އަހަރަކު ގިނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެތައްފަހަރަކު ޑަބަލްސް ޗެމްޕިއަންކަމާއި، ޑަބަލްސް ރަނަރއަޕްކަމާއި، މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯއްދަވާފައި ވެއެވެ. އަދި މިއަހަރު ބޭއްވުނު 22 ވަނަ އެސޯސިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް މުބާރާތުގެ 45 އަހަރުން މަތީގެ ސިންގަލްސް ޗެމްޕިއަންކަމާއި، ޑަބަލްސް ޗެމްޕިއަންކަން ހޯއްދަވާފައިވެއެވެ. އަދި 4 ވަނަ މެރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕް މުބާރާތުގެ 45 އަހަރުން މަތީގެ ސިންގަލްސް ޗެމްޕިއަންކަމާއި، ޑަބަލްސް ޗެމްޕިއަންކަން ހޯއްދަވާފައިވެއެވެ.

1990 ވަނަ އަހަރުން ފެށިގެން އަކްރަމް ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެނިސް ކޯޗެއްގެ ގޮތުގައެވެ. ކޯޗިންގގެ ދާއިރާއަށް ވެދެވަޑައިގެންނެވުނީ، އެ އެސޯސިއޭޝަންގެ ޗެއަރމަން ކަމުގެ މަޤާމުގައި އޭރު ހުންނެވި އަލްއުސްތާޛު އަޙްމަދު އަސްލަމް ދެއްވި ފުރުޞަތަކާ ގުޅިގެންނެވެ. އޭރު އަކްރަމް ކުރައްވަމުން ގެންދެވި މަސައްކަތަކީ، އެސޯސިއޭޝަނަށް ރާއްޖެއިން ބޭރުން ގެންނަވާ ކޯޗުންގެ ކަންކަން ބަލަހައްޓަވައި، އެމީހުންނަށް އެހީތެރިވެދެއްވުމެވެ. އޭގެފަހުން ޕްރައިމަރީ ސްކޫލްތަކަށް ޚާއްޞަކޮށްގެން އެސޯސިއޭޝަނުން މުބާރާތެއް ބޭއްވުމަށްޓަކައި އެކުލަވައިލެއްވި ކޯޗިންގ ޓީމުގައި އަކްރަމް ހިމެނިވަޑައިގެންނެވިއެވެ. އެ މުބާރާތުގައި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަދި އަންހެން ރަނަރއަޕްކަން، އަކްރަމްގެ ކޯޗުކަމުގެ ދަށުން އިސްކަންދަރު ސްކޫލަށް ހޯއްދަވައިދެއްވިއެވެ. މިއީ ކޯޗެއްގެ ހައިސިއްޔަތުން ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ކާމިޔާބީއެވެ. މި ކާމިޔާބީއަށްފަހު އެސޯސިއޭޝަންގެ އެދިވަޑައިގަތުމުގެ މަތިން ކުޑަކުދިންނަށް ކޯޗްކޮށްދެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ ހެޑް ކޯޗްގެ އެހީތެރިއެއްގެ ގޮތުގައެވެ. އެއަށްފަހު އެކި ޢުމުރުފުރާތަކުގެ ކުދިންނަށް ޓެނިސް ދަސްކޮށްދެއްވަން ފަށްޓަވައި، ދެތިން އަހަރު ދުވަހުގެ ތެރޭގައި އެސިސްޓެންޓް ކޯޗްކަމުގެ މަޤާމުން ކޯޗެއްގެ މަޤާމަށް އެސޯސިއޭޝަނުން އޭނާ ހަމަޖެއްސެވިއެވެ.

އަކުރަމަކީ، ސްކޫލްތަކުގެވެސް ވަރަށްގިނަ ދަރިވަރުންނަށް ޓެނިސް ކުޅެން ދަސްކޮށްދެއްވައި، އަދި ސްކޫލްތަކަށް ވަޑައިގެން ކޯޗްކަންވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ބައެއް ޓީޗަރުންނަށްވެސް ޓެނިހުގެ ހުނަރު އޭނާ ދަސްކޮށްދެއްވަމުން ގެންދަވައެވެ. ރާއްޖެއިން ބޭރުގައި ބާއްވާ ބައެއް ޓެނިސް މުބާރާތްތަކުގައި އަކްރަމް ކޯޗްކޮށްދެއްވާ ބައެއް ކުޅުންތެރިން ވާދަކޮށް، ރަނގަޅު ނަތީޖާ ހޯދާފައިވެއެވެ. ހަމައެހެންމެ، މިހާރު ނަން މަޝްހޫރު ޒުވާން ޓެނިސް ކުޅުންތެރިން އުފެއްދެވުމުގައިވެސް އަކްރަމްގެ ހިއްސާ ވަރަށްބޮޑެވެ.

އަކްރަމަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލަކީ، އަކްރަމްގެ ކޯޗްކަމުގެ ދަށުން ތަމްރީނު ލިބުނު ބައެއް ކުދިން ރާއްޖޭގެ ޓެނިހުގެ އެންމެކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާކަމެވެ. އަކްރަމްގެ އުންމީދަކީ މި ރޮނގުގައި އިތުރަށް ކުރިއަށް ވަޑައިގެން، އުންމީދީ ޓެނިސް ކުޅުންތެރިންތަކެއް އުފައްދަވައި، ރާއްޖެއިން ބޭރުގައިވެސް ޓެނިހުގައި ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވުމެވެ.