ޖާރނީ
ގ.ގްރީންގެ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރާ ޖަމުޢިއްޔާއަކީ، މުޖުތަމަޢަށް ޚިދުމަތް ކުރުމުގައާއި، މުޖުތަމަޢުގައި ހަވާސާ ކުރެވިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ އާދަ ހިފާފައިވާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމުގައާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމަށް 2005 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދާ ޖަމުޢިއްޔާއެކެވެ.

ޖާރނީ އުފެދިގެން އައުމުގެ މައިގަނޑު ސަބަބަކީ، މަސްތުވާތަކެތިން ސަލާމަތްވެ، އެގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރަމުން އައި، މަދު ޒުވާނުންކޮޅެއް އިސްނަގައިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޢަޒުމުގައި ކުރީ ސަފަށް ނުކުމެ، އެފަދަ ފަރާތްތަކަށް އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުން، ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ ނަތީޖާއެވެ. އެގޮތުން އޭރުގެ ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެން.އެން.ސީ.ބީ)ގެ އެހީތެރިކަމާއެކު ޖަމުޢިއްޔާ ރަޖިސްޓަރީކޮށް، ޖަމުޢިއްޔާގެ ޢަމަލީ މަސައްކަތް، 2005 ވަނަ އަހަރު ފެށުނެވެ. ނަމަވެސް، ޖަމުޢިއްޔާ ހިންގާނެ ތަނެއް ނެތުމާއެކު، ޖަމުޢިއްޔާގެ ބައްދަލުވުންތައް އޭރު ހިންގަމުން ގެންދިޔައީ، އެކި ކެފޭތަކުގައާއި، އެކި ކުދިންގެ ގޭގޭގައެވެ. އެހެންނަމަވެސް، އެން.އެން.ސީ.ބީ އިން ކުރެއްވި މަސައްކަތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ގަލޮޅު ގްރީންގޭގެ ބައެއް ހަމަޖެހި، އެތަނުގައި ޖަމުޢިއްޔާގެ މަސައްކަތްތައް ފެށިގެން ދިޔައީއެވެ. އެހިސާބުން ރަސްމީގޮތެއްގައި ޖަމުޢިއްޔާގެ ފަރާތުން އެކި ޕްރޮގްރާމުތައް ފަށައި، މި ދާއިރާއަށް ބޭނުންވާ މީހުން، ޔުނިސެފް އަދި ޔޫ.އެން.ޑީ.ޕީ ފަދަ ބޭރުގެ ޖަމުޢިއްޔާތަކުގެ އެހީތެރިކަމާއެކު، ރާއްޖެއިން ބޭރަށް ފޮނުވައިގެންނާއި، ރާއްޖޭގައި ތަމްރީނު ކުރެވުނެވެ.

މިވޭތުވެދިޔަ އެގާރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި، [ޖާރނީ] އިން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ޒިޔާރަތްކޮށް، މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ޕްރޮގްރާމުތަކެއް ހިންގާފައެވެ. އަދި ބައިނަލްއަޤްވާމީ ގިނަ ޖަމުޢިއްޔާތަކަކާއެކު ތަފާތު އެތައް މަޝްރޫޢުތަކެއް ހިންގައި، ޒުވާނުންނަށް މިކަމުގެ މަޢުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދުރުހެލިވުމާ ބެހޭގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން މެދުކެނޑުމެއްނެތި ހަދަމުންގެންދާ ރިސަރޗްތަކާއި ސްޓަޑީތައް މުޠާލިޢާ ކުރުމަކީވެސް، އެ ޖަމުޢިއްޔާއިން ކުރަމުންގެންދާ، ވަރަށް މުހިންމު މަސައްކަތެކެވެ. އަދި މި މަސައްކަތުގެ އެދެވޭ ނަތީޖާއެއް ނެރެވޭނީ، ޕްރިވެންޝަންގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިޔުމުން ކަމަށްވާތީ، ޖާރނީއިން މިހާރުވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއި، ރާއްޖޭގައި ތިބި ފަންނީ މާހިރުންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ޘަޤާފަތާ ގުޅޭ ޕްރިވެންޝަން ޕްރޮގްރާމެއް އެކުލަވައިލާފައެވެ. ރަށްރަށުގެ ކަމުވޮށިވެގެންވާ މީހުންނަށާއި، ރަށްރަށުގެ ސްކޫލްތަކުގެ ކުދިންގެ ބެލެނިވެރިންނަށާއި، އަދި ޒުވާނުންނަށް ޚާއްޞަ ކުރެވިފައިވާ މި ޕްރޮގްރާމު މިހާރުވަނީ ގިނަ ރަށްތަކެއްގައި ހިންގާފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން، މަސްތުވާތަކެއްޗާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ޗާޕުކުރި ފޮތުގެ ހަތްދިހަހާސް ކޮޕީ، ރާއްޖޭގެ އެކި ރަށްރަށަށް ބަހައި، އަދި މާލޭގެ ބައެއް ސްކޫލްތަކަށް ވަނީ ހަދިޔާކޮށްފައެވެ.

މިހިސާބަށް އައިއިރު ޖާރނީ ވަނީ ބައިނަލްއަޤްވާމީ ސެމިނާރތަކުގައި ބައިވެރިވެ، އެކިއެކި ތަޤްރީރުތައް ހުށަހަޅާފައެވެ. އަދި ސްރީލަންކާއާއި އިންޑިޔާއާއި، ތައިލެންޑާއި ތައިވާނުގައި ބޭއްވުނު އެކި ކޮންފަރެންސްތަކުގައާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެޑިކްޝަން ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ޤާބިލު ޒުވާނުން ބިނާކޮށްފައެވެ. މިވޭތުވެދިޔަ މުއްދަތުގައި އެ ޖަމުޢިއްޔާ އިން ވަނީ އެކި ކާމިޔާބީތައްވެސް ހާސިލުކޮށްފައެވެ. އެގޮތުން ޖާރނީގެ ދެ މުވައްޒަފަކަށާއި، އެ ޖަމުޢިއްޔާއަށް ވަނީ ޒުވާނުން ބިނާކުރުމުގެ އެވޯޑް ލިބިފައެވެ. އަދި ޖަރނީގެ މުވައްޒަފަކަށް ވަނީ މި ސަރަޙައްދުގެ ސާރކް އެވޯޑްވެސް ލިބިފައެވެ.

ޖާރނީގެ ތަޞައްވުރަކީ، ކުރިމަގުގައިވެސް ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުގައި ކުރިއަށް ގޮސް، ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެނެސް، މުޖުތަމަޢު ގަބޫލުކުރާ ޒުވާނުންގެ ގޮތުގައި އެމީހުން ބިނާކުރުމެވެ. އަދި ރާއްޖޭގެ ޒުވާނުންނަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުބައި އާދަޔަށް ނޫނެކޭ ބުނަން އެނގޭ، ނޫނެކޭ ބުނާނެ ބަޔަކަށް ހެދުމެވެ.

ޖަރނީގެ މި ދައުރުގެ ޗެއަރޕަރސަނަކީ ހެންވޭރު ސްކައިނެޓް މުޙައްމަދު ފަސީނެވެ. ވައިސް ޗެއަރޕަރސަނަކީ މއ. ޝޭޑީކެބިން މުޙައްމަދު ޝުޢައިބެވެ. ޖަމުޢިއްޔާގެ މިހާރުގެ ސީ.އޯ.އޯ.އަކީ މައްޗަންގޮޅީ އޭނާޒް އަޙްމަދު ނާޒިމެވެ.