އަލްފާޟިލާ ފައުޒިއްޔާ މަޙްމޫދު
ދަފްތަރު ނަންބަރު 1621 (ހުޅުމާލެ ފްލެޓް ނަންބަރު 03-3-91)

އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދެއްވައި، އެކުދިންގެ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފައުޒިއްޔާގެ ހިތްޕުޅުގައި އުފެދުނީ، މީގެ 12 އަހަރު ކުރިންނެވެ. އޭރުވެސް އޭނާ ގެންދެވީ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުންނެވެ. އެ ދާއިރާގެ ޚިދުމަތާ ފައުޒިއްޔާ ގުޅިވަޑައިގަތީ 12 ފެބުރުވަރީ 1987 ގައެވެ. މިރޮނގުން މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ސްކޫލް މާޙައުލުގައި ތިބި ދަރިވަރުންގެ ތެރެއިން ތަޢުލީމީ ރޮނގުން އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ އެކި ކުދިންގެ ހާލަތާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނާވަޑައިގެން، އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ދެއްވިދާނެ ގޮތްތަކާ ދޭތެރޭގައި ޚިޔާލުކުރައްވަމުން ގެންދެވިއެވެ.

އާދަޔާޚިލާފު އެކި މިޒާޖުގެ ދަރިވަރުންނާއެކު ފައުޒިއްޔާ މަސައްކަތް ކުރައްވަމުން ވަޑައިގެން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ވަކި ކްލާސްތަކެއް ސަރުކާރުން އުފެއްދެވުމާއެކު، އެ ދާއިރާއަށް ފައުޒިއްޔާގެ ތަޢުލީމީ ޚިދުމަތުގެ ދަތުރުގެ މިޞްރާބު އަނބުރައިލެއްވީ، އެކަމަށް އޮތް ޝައުޤެއްގެ ބޮޑުކަމުންނެވެ.

ޢިމާދުއްދީން ސްކޫލުގައި އުފެއްދެވި، ޚާއްޞަ އެހީއަށް ބޭނުންވާ ކްލާސްތަކުގައި ކިޔަވައިދިނުމުގެ ކަންތައްތައް ބައްލަވައި ސުޕަވައިޒް ކުރައްވަން ފައުޒިއްޔާ ފެށްޓެވީ 2004 ވަނަ އަހަރުއެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އޭނާ ޚިދުމަތް ކުރައްވަމުން ގެންދަވަނީ އެ ކްލާސްތަކުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައެވެ.

ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ފައުޒިއްޔާއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މި އެރުވެނީ، ރަސްމީ ވަޒީފާގެ ހައިސިއްޔަތުން ފައުޒިއްޔާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، މާލޭގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެކި ރޮނގުން އޭނާ ދެއްވާ ޚިދުމަތްތަކާއި، އެ ރޮނގުން މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައެވެ.

ޢިލްމީ ވެށީގެ ބޭރުންވެސް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށާއި، އެކިއެކި ސަބަބުތަކާހުރެ ތަޢުލީމު އުނގެނުމުން މަޙުރޫމުވެފައިވާ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް ފައުޒިއްޔާގެ އެހީތެރިކަން އަބަދުވެސް ދެއްވަމުން ގެންދަވައެވެ. އެފަދަ ކުދިންނާއި ޢާއިލާތަކާ ބައްދަލުކުރައްވައި، އެކުދިންގެ ހާލަތާ ގުޅޭގޮތުން ކަންކަން ކުރަން ފެނިވަޑައިގަންނަވާ ގޮތުގެ މަޝްވަރާއާއި ލަފާ ދެއްވައި، އެ ޚިދުމަތެއް ދެއްވެން އޮތް އެންމެ ރަނގަޅު ފެންވަރަކަށް އެ ޚިދުމަތެއް ދެއްވަމުން ގެންދަވަނީ، އެއީ ފައުޒިއްޔާގެވެސް އަމިއްލަ ޢާއިލާ ކަމުގައި ދެކެވަޑައިގެންނެވެ. މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި، އެކުދިންގެ ޢާއިލާތަކުގެ އެއްވެސް ޙައްޤެއް ނިގުޅައިގަނެވިފައިވާނަމަ، އެ ޙައްޤެއް ހޯއްދަވައިދެއްވުމަށް ފައުޒިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ހަނދާންކުރަންޖެހެއެވެ. ފައުޒިއްޔާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން ކުރެވޭ އެކި ތަޙުޤީޤުތަކަށް ވަޑައިގެން، އެހީތެރިވެދެއްވުމާއި، ކޯޓުތަކަށާއި، ޞިއްޙީ މައްސަލަތަކާ ގުޅޭ ކަންކަމުގައި އެކުދިންނަށް އެހީތެރިވެދެއްވުމަށް ތަރުޖަމާނެއްގެ ގޮތުންވެސް މަސައްކަތް ކޮށްދެއްވާ ބޭފުޅެކެވެ.

މިއަދު ފައުޒިއްޔާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ލޯބި ހޯއްދަވާފައިވާ، އެކުދިންގެ އިޙުސާސްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދުވަހުގެ ގިނަ ވަގުތުތައް އޭނާ ހޭދަކުރައްވަނީ މި މަސައްކަތުގައެވެ. މިއީ ފައުޒިއްޔާގެ ހަޔާތުގައި އޭނާ ދެކެވަޑައިގަންނަވާ އެންމެ އުފާވެރި ދުވަސްތަކެވެ.