ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙަންމަދު
ގ. ހުދުކޮކާ

ޞިއްޙީ ދާއިރާއިން ޢާންމު ޞިއްޙަތު ކުރިއެރުވުމާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙަންމަދަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ޚާއްޞަކޮށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެޑިކަލް ސަރވިސްގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 16 އަހަރަށްވުރެ ގިނަދުވަސްވީ ބޭފުޅެކެވެ.

ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރައްވައި، ޞިއްޙީ ރޮނގުން މީހުން ހޭލުންތެރިކުރުވުމުގެ ރޮނގުން ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ވަކިން ޚާއްޞަކޮށް، ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، އެމް.އެން.ޑީ.އެފް. އިން ހިންގާފައިވާ ފަސްޓްއެއިޑް ކޯސްތަކުގައި ކިޔަވައިދެއްވައި، އެ ދާއިރާއިން އިންސްޓްރަކްޓަރުން ތަމްރީނުކޮށްދެއްވާފައިވެއެވެ. އަދި ބޭސިކް ފީލްޑް ފަސްޓްއެއިޑް ކޯހާއި، ކްލިނިކަލް އެސިސްޓެންޓް އޮރިއެންޓޭޝަން ކޯހާއި، އީ.ސީ.ޖީ ޓެކްނީޝަން ކޯހާއި، މިނޫންވެސް އެހެން ބައެއް ކޯސްތައް ހިންގުމަށް ބޭނުންވާ ކަރިކިއުލަމް ތައްޔާރުކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ފަސްޓްއެއިޑް ޕްރޮގްރާމް ފަރުމާކުރައްވައި، ކަރިކިއުލަމް އެކުލަވައިލައްވައި، ޑޮކްޓަރ ޢަލީ ޝާހިދުގެ ބެއްލެވުމުގެ ދަށުން 4 ކޯހެއްގައި 80 ޓީޗަރަކަށް ތަމްރީނު ދެއްވާފައިވެއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އިމަރޖެންސީ ފަސްޓް ރެސްޕޮންސް ޓްރޭނިންގ ޕްރޮގްރާމު ވިލަރެސްކޮށްދެއްވައި، އެ ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވެއެވެ.

ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މި ރޮނގުން ކުރައްވާފައިވާ އެހެން މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 1ގެ ދަރިވަރުންނަށް ވޭތުވެދިޔަ 3 އަހަރު ހިންގުނު ހެލްތް ސްކްރީނިންގ ޕްރޮގްރާމު ރާއްވަވައި ހިންގަވައިދެއްވުމާއި، މިކަމާ ގުޅިގެން ތައްޔާރުކުރެވުނު ރިޕޯޓުތައް، އިސްނަންގަވައިގެން އެކުލަވައިލެއްވުން ހިމެނެއެވެ. އަދި ގްރޭޑް 1ގެ ދަރިވަރުންގެ ސްކޫލް ހެލްތް ސްކްރީނިންގ ޕްރޮގްރާމު ހިންގާނެ ނޭޝަނަލް ގައިޑްލައިނެއް އޭނާ ތައްޔާރުކޮށްދެއްވާފައި ވެއެވެ.

ޞިއްޙީ ދާއިރާއަށް މީހުން ހޭލުންތެރިކުރެއްވުމުގެ ރޮނގުންވެސް ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، އެމް.އެން.ޑީ.އެފް. އިން ޝާއިޢު ކުރަމުންގެންދާ [އައްޑަނަ] މަޖައްލާގައި ޞިއްޙަތާ ގުޅުންހުރި ތަފާތު މައުޟޫޢުތަކަށް ލިޔުންތައް ލިޔުއްވާފައިވެއެވެ. މީގެއިތުރުން ތަފާތު ސެމިނާރތަކަށާއި ވާރކްޝޮޕްތަކަށް ޞިއްޙީ ދާއިރާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ކަރުދާސްތައް ތައްޔާރުކުރައްވާފައިވެއެވެ.

ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މިހާރު ހުންނެވީ އެމް.އެން.ޑީ.އެފް މެޑިކަލް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުގައެވެ. މި މަޤާމުގައި ހުންނަވައިގެން، ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރައްވާފައިވެއެވެ. އަދި [ސެނަހިޔާ ހޮސްޕިޓަލް] ވުޖޫދަށް އައުމުގައާއި، އެތަނުން ދެވޭ ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރައްވައި، އިތުރު އެތައް ޚިދުމަތްތަކަކާއެކު އެ ހޮސްޕިޓަލް ހުޅުވިގެން ދިޔުމުގައި ޑޮކްޓަރ ޢަލީ ޝާހިދު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދަކީ، ރާއްޖޭގެ މެޑިކަލް ކައުންސިލްގެ ރަޖިސްޓްރާރގެ މަޤާމާއި، ނޭޝަނަލް ޕެރޯލް ބޯޑުގެ ޗެއަރޕަރސަންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ފުރުއްވަމުން ގެންދަވާ މަޤާމުތަކުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ނޭޝަނަލް ޑްރަގް ފަންޑުގެ ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މެޑިކަލް އެސެސަރ ކަމާއި މެޑިކަލް އެގްޒޭމިނަރކަމާއި، ނޭޝަނަލް އެއިޑްސް ކައުންސިލްގެ ވައިސް ޗެއަރޕަރސަންކަމާއި، އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަން ކޮމިޓީގެ މެންބަރުކަންވެސް ގެންދަވަނީ ކުރައްވަމުންނެވެ. އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވައެވެ.

ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މިހާތަނަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އޭނާއަށް ވަނީ އެމް.އެން.ޑީ.އެފް. އިން ތަފާތު 7 މެޑެއްޔެއް ލިބިވަޑައިގެންފައެވެ. މީގެތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް އަދި ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލް ލިބިވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.