އަލްފާޟިލް އަޙްމަދު ޢާޠިފް
ޝަބްނަމްގެ / އއ. ފެރިދޫ

އަޙްމަދު ޢާޠިފް ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1996 ވަނަ އަހަރުއެވެ. ޢާތިފުގެ އުފަން ރަށް އަރިއަތޮޅު އުތުރުބުރީ ފެރިދޫގައި ހުންނަ އަތޮޅު މަދަރުސާގައި ގްރޭޑް 6 އަދި 7ގެ ކްލާސްތަކަށް ހިސާބާއި ސައެންސް ކިޔަވައިދެއްވާ ޓީޗަރެއްގެ ގޮތުގައެވެ. އެއަށްފަހު، ރާއްޖެއިން ބޭރުން ޑިޕްލޯމާ ހާސިލުކުރެއްވުމަށްފަހު، ހެޑްމާސްޓަރެއްގެ ގޮތުން ރާއްޖޭގެ އެކި ސްކޫލްތައް ހިންގެވުމުގަޔާއި، ކިޔަވައިދެއްވުމުގައި ޚިދުމަތް ކުރައްވާފައިވެއެވެ.

މިހާރު އަޙްމަދު ޢާޠިފްގެ އެންމެ މުހިންމު މަސައްކަތްޕުޅަކީ، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު އުނގަންނައިދެއްވުމާއި، އެކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ކަރިކިއުލަމް ފަރުމާކުރައްވައި އެކުލަވައިލެއްވުމުގެ މަސައްކަތްޕުޅެވެ. އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު އުނގަންނައިދިނުމާއި، ކަރިކިއުލަމް ފަރުމާކުރުމުގެ ދާއިރާއިން އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވަރސިޓީއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު، މާލެ ވަޑައިގެން އެ މަސައްކަތް އޭނާ ފެށްޓެވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެނެގަތުމަށްޓަކައި 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ހެދުނު ސާރވޭގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ އަޙްމަދު ޢާޠިފްގެ ބެއްލެވުމުގެ ދަށުންނެވެ. މިގޮތުން، މި ސާރވޭ ފަރުމާކުރުމާއި، ސާރވޭ ހެދުމަށް ބޭނުންކުރެވުނު ޓޫލްސްތައް އެކުލަވައިލުމާއި ތަރައްޤީ ކުރުމުގައިވެސް ފަންނީގޮތުން އެންމެ އިސް ދައުރެއް އަދާކުރައްވާފައިވަނީ ޢާޠިފެވެ. މި ސާރވޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި 18 އަހަރުން ދަށުގެ ކުދިންގެ މަޢުލޫމާތު އެއްކުރެވުނެވެ. ސާރވޭއަށް މަޢުލޫމާތު ހޯއްދެވުމަށްޓަކައި ޢާޠިފް އަމިއްލަފުޅަށް ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ވަޑައިގެންނެވިއެވެ. އަދި ސާރވޭގެ ނަތީޖާއަށް ރިޢާޔަތް ކުރައްވައި، އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމް ހަރުދަނާކުރާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވައިލުމުގެ މަޝްވަރާ ބައްދަލުވުންތަކެއްވެސް އޭނާ ކުރިއަށް ގެންދެވިއެވެ.

2010 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އަޙްމަދު ޢާޠިފް ހުންނެވީ، ޑިސްއެބިލިޓީ ކައުންސިލްގެ ރައީސް ކަމުގެ މަޤާމުގައެވެ. އެ ކައުންސިލް މެދުވެރިކޮށް ހިންގާ އެންމެހައި ކަންކަމުގައި ޢާޠިފް އެހީތެރިވެދެއްވައި، އޭނާގެ ފަންނީ ޤާބިލުކަން ހިއްސާ ކުރައްވަމުން ގެންދެވިއެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި މި ދާއިރާއާ ގުޅުންހުރި އަމިއްލަ ޖަމުޢިއްޔާތަކާއި، ސަރުކާރުގެ މުއައްސަސާތައް ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުވައިދިނުމުގެ ހަރުދަނާ ނިޒާމެއް ނުވަތަ މަލްޓި ސެކްޓޯރިއަލް އެޕްރޯޗެއް އުފެއްދެވުމަށް ޢާޠިފް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު، (ޤާނޫނު ނަންބަރު: 2010/8) އެކުލަވައިލެއްވުމުގައިވެސް ޢާޠިފް އެހީތެރިވެދެއްވާފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރު ދިނުމާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ސަރުކާރުން ދެއްވާ [ޑިސްއެބިލިޓީ އެވޯޑް] ތަޢާރުފް ކުރެއްވުމުގައި، ޢާޠިފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އަޙްމަދު ޢާޠިފް މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވައި، މި ރޮނގުން މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެކިއެކި މަސައްކަތްތައް ކުރައްވަމުންނެވެ. މިގޮތުން، 2010 ން 2015 އަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގަވާފައިވާ ސްޕެޝަލް އެޑިޔުކޭޝަން ކޯސް 3 ފަރުމާކުރައްވައި، އެ ކޯހުގެ އެންމެހައި މޮޑިއުލްތައް ތައްޔާރުކުރައްވައި ކިޔަވައިދެއްވާފައިވެއެވެ. 2012 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީން ހިންގަވާފައިވާ ޑިޕްލޯމާ އިން ސްޕެޝަލް އެޑިޔުކޭޝަން ކޯހުގެ ބައެއް މޮޑިއުލްތައް ޑިވެލޮޕް ކުރައްވައި ކިޔަވައިދެއްވާފައިވެއެވެ. އަދި 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު އާރލީ އިންޓަރވެންޝަން ޓްރޭނިންގ ޕްރޮގްރާމް ފަރުމާކުރައްވައި، އެ ޕްރޮގްރާމް ރާއްވަވައި ހިންގަވާފައިވެއެވެ. މީގެއިތުރުން، 2010 ން 2014 އަށް ހިންގުނު އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ޓްރޭނިންގ ޕްރޮގްރާމް ފަރުމާކުރައްވައި، ރާއްވަވައި ހިންގަވާފައިވެއެވެ. މީގެއިތުރުން، ރޭޑިއޯ އާއި ޓީ.ވީ އާއި، ނޫސް މަޖައްލާތައް މެދުވެރިކުރައްވައި، މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އޭނާ މިހާރުވެސް ކުރައްވަމުން ގެންދަވައެވެ. މީހުން ބިނާކުރުމުގެ ގޮތުން މުދައްރިސުންނާއި ބެލެނިވެރިން ހިމެނޭގޮތަށް ސަތާރަސަތޭކައަށްވުރެ ގިނަ މީހުން މިއަދާ ހަމަޔަށް ޢާޠިފް ތަމްރީނު ކުރައްވާފައިވެއެވެ.

އަޙްމަދު ޢާޠިފްގެ އުންމީދަކީ، މި ދާއިރާއިން ޚިދުމަތް ކުރެއްވުމުގައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރެއްވުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމާއި ދިރިހުރުމަށް އެޅޭ ހުރަސްތައް ގިރާކުރައްވައި، އެފަރާތްތަކަކީ ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށްވުމަށް މަގުފަހިވަމުންދިޔުމެވެ.