އަލްފާޟިލް އަޙްމަދު ޝާކިރު
މއ. ކަށިމާ

ދިވެހި ތާރީޚުގެ ދާއިރާއިން، ތާރީޚާބެހޭ ފޮތް އެކުލަވާލައި ލިޔެ ޝާއިޢު ކުރުމުގެ ރޮނގުން މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ، ކަށިމާ އަޙްމަދު ޝާކިރަކީ، ރާއްޖޭގެ ތާރީޚާބެހޭ އެކިއެކި ފޮތްފޮތް އެކުލަވައިލައްވާ ލިޔުއްވުމުގެ މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ވަރަށްފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ތާރީޚުގެ ތެރެއަށް ވެދެވަޑައިގަތުމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުނީ، ސުމުއްވުލްއަމީރު މުޙަންމަދު އަމީންދީދީގެ ޖުމްހޫރީ ދައުރު ބަދަލުވިގޮތް، އަލްމަރްޙޫމް ހޯރަފުށީ އާދަމް ސަލީމް ވިދާޅުވެދެއްވި ހިސާބުންނެވެ. އޭގެފަހުން އެކަމަށް ހިތްޕުޅުގައި އުފެދުނު ޝައުޤުވެރިކަމާ ގުޅިގެން އެމަސައްކަތް ފެށްޓެވީ 1978 ވަނަ އަހަރުއެވެ. އެއީ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި އަހަރު ކަމަށްވުމާއެކު، އެ އަހަރުން ފެށިގެން ރައީސް މައުމޫންގެ ޚިދުމަތުގެ ތާރީޚު ލިޔުއްވުމުގެ ޝައުޤުވެރިކަން ޝާކިރުގެ ހިތްޕުޅުގައި އުފެދުނެވެ. އެގޮތުން އެދުވަސްވަރު ނުކުތް ނޫސްތަކުންނާއި ބައެއް ބޭބޭފުޅުންގެ އަރިހުން މަޢުލޫމާތު ހޯއްދަވައިގެން، ރައީސް މައުމޫންގެ ފުރަތަމަ 5 އަހަރުގެ ދައުރު ނިމެންވާއިރަށް، ހުރިހާ ޚިދުމަތްތަކެއް ކުރުކޮށް ފެންނާނެހެން ފޮތެއް ލިޔުއްވައި ޝާއިޢު ކުރެއްވިއެވެ. މި ފޮތް ނެރުއްވީ، މަރްޙޫމް ހޯރަފުށީ އާދަމް ސަލީމް އޭރު ނެރުއްވަމުން ގެންދެވި މަޖައްލާގެ ނަމުގައެވެ. އޭގެފަހުން ކޮންމެ 5 އަހަރަކުން އެއްފަހަރު ރައީސްގެ ޚިދުމަތްތަކާ ބެހޭގޮތުން ފޮތް އެކުލަވައި ލިޔުއްވައި ނެރުއްވަމުން ގެންދެވިއެވެ. އޭގެ ބައެއް އަހަރުތަކުގެ ފޮތް ޝާއިޢު ނުކުރައްވައިވެސް އެބަހުއްޓެވެ.

2000 ވަނަ އަހަރު ފެށެން ކައިރިވުމާއެކު، 20 ވަނަ ޤަރުނުގައި ރާއްޖޭގައި ކަންކަން ހިނގައިދިޔަ ގޮތާބެހޭ ފޮތެއް ވަރަށް ތަފްޞީލުކޮށް ލިޔުއްވުމަށް އޭރުގެ ރައީސް ބޭނުންފުޅުވެގެން އުފެއްދެވި 8 މެންބަރުންގެ ކޮމިޓީގައި ޝާކިރު ހިމެނިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، މި މަސައްކަތް ފަހުން ޝާކިރާ ހަވާލުކުރެއްވުމާ ގުޅިގެން، ޤަރުނު ފޮތުގެ 5 ވޮލިއުމްގެ މައިގަނޑު މަސައްކަތްތައް އޭނާ ކުރައްވައި، ފޮތްތައް އެކުލަވައިލެއްވީއެވެ.

މިދެންނެވި ފޮތްތައް ލިޔުއްވުމަށް ކުރެއްވި ދިރާސާތަކުގެ އިތުރަށް، 2008 ވަނަ އަހަރުގެ ކުރީކޮޅުގައި ސަރުކާރުގެ ގިނަ އޮފީސްތަކަކުން އެތަންތާނގައި ޒަމާނުއްސުރެ ކުރެވެމުން އައި މަސައްކަތްތަކާބެހޭ ފޮތްތައް [ތަރައްޤީގެ ދުވެލި]ގެ ނަމުގައި ލިޔުއްވަމުން ގެންދެވިއިރު، އޭގެތެރެއިން 5 އޮފީހެއްގެ މަސައްކަތްތަކުގެ 5 ފޮތް ޝާކިރު ލިޔުއްވާފައިވެއެވެ. މީގެއިތުރުން، ބައެއް ބޭބޭފުޅުންގެ ބައޮގްރަފީވެސް ލިޔުއްވާފައިވެއެވެ. އެބޭބޭފުޅުންގެ ތެރޭގައި، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ހިމެނިވަޑައިގަންނަވައެވެ. ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ބައޮގްރަފީ ފޮތް މިހާރުވަނީ ލިޔުއްވައި ނިންމަވާފައެވެ. މިބޭފުޅުންގެ އިތުރުން، އޮނަރަބްލް ޢުމަރު ޒާހިރުގެ ބައޮގްރަފީ ވަނީ ލިޔުއްވައި ޝާއިޢު ކުރައްވާފައެވެ. އަދި އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ ބައޮގްރަފީ ލިޔުއްވައި، ފޮތުގެ ލޭއައުޓް މަސައްކަތް ނިންމަވައި، ފޮތް ވަނީ ފާސްވެސް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން، މިނިވަން 50ގެ ނަމުގައި ޝާއިޢު ކުރެވުނު ފޮތްވެސް ލިޔުއްވާފައިވަނީ، އަޙްމަދު ޝާކިރެވެ.

އެމް.ބީ.ސީ.ގެ ދަށުން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ހިނގަމުންދިޔައިރު، ބޮޑުތަކުރުފާނު ފިލްމު އަލުން ހެދުމަށް 2015 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ބޭނުންވެގެން އެދިވަޑައިގަތުމުން، އެ ވާހަކަ ދިރާސާ ކުރައްވައި އަލުން ލިޔުއްވުމުގެ މަސައްކަތް ޝާކިރު ކުރެއްވިއެވެ.

ތާރީޚު ދިރާސާ ކުރައްވައި ފޮތް ލިޔުއްވުމުގެ މަސައްކަތް ޝާކިރު ފެށްޓެވި ފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި ގިނަ ކަންތައްތަކެއް ޝާކިރުވަނީ ހިލޭސާބަހަށްވެސް ކޮށްދެއްވާފައެވެ. އޭގެތެރޭގައި، ރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، މަދަރުސާތަކުގެ ދަރިވަރުންނަށް އެކި މަޢުލޫމާތުތައް ހިލޭ ފޯރުކޮށްދެއްވުން ހިމެނެއެވެ. އަދި ޝާކިރުގެ އަމިއްލަ ލައިބްރަރީގައި ހުންނަ ފޮތްފޮތްވެސް ދަރިވަރުންނަށް ދޫކުރައްވައި، ބައެއް ތާރީޚީ ހާދިސާތައް އެދަރިވަރުންނަށް ރެކޯޑުކޮށްދެއްވަމުން ގެންދަވައެވެ. މީގެއިތުރުން އެކިއެކި މުނާސަބަތުތަކާ ގުޅިގެން، ތާރީޚާބެހޭ ވަރަށް ގިނަ ރިޕޯޓްތައް ދިވެހިރާއްޖޭގެ އަޑަށް ތައްޔާރުކޮށްދެއްވައި، އެކި ޕްރޮގްރާމްތަކަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

ތާރީޚީގޮތުން ދިރާސާތަކެއް ކޮށްގެން ދެވޭ ކޮންމެ ޞައްޙަ މަޢުލޫމާތަކީ، ޤައުމުގެ ތަރައްޤީއަށްވެސް ކޮށްދެވޭ ވަރަށްބޮޑު ޚިދުމަތެއް ކަމަށް ޝާކިރު ދެކެވަޑައިގަންނަވައެވެ. ޤައުމުގެ މުސްތަޤްބަލަށް ރާއްވަވާ ކޮންމެ ޕްރޮގްރާމެއް ބިނާވާނީ މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް ކަމަށްވެސް ޝާކިރު ދެކެވަޑައިގަންނަވެއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ޤައުމަށް މެދުވެރިވެފައިވާ ހިތާމަވެރި ކޮންމެ ހާދިސާއެއްގެ ހުރި ކޮންމެ ދެރަ ކަމެއްގެ ފަހަތުގައި ދިވެހިން ތިބިކަން ދެނެގަނެވުނީ، ތާރީޚީ ދިރާސާތަކެއްގެ އަލީގައި ކަމަށްވުމާއެކު، އެވާހަކަތައް މިހާރުގެ ޖީލަށް ފޯރުކޮށްދެވުމުން، ޤައުމުގެ މިހާރުގެ ޙާލަތާއި، ކުރިމަގުގައި ކަންތައްތައް ވެދާނެ ގޮތަކާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ޝާކިރު ގަބޫލުކުރައްވައެވެ.

އަޙްމަދު ޝާކިރަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުންވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ފަރާތުން އަދަބީ ޖަމުޢިއްޔާތަކުގެ މެދުގައި 1993 ވަނަ އަހަރު ބޭއްވެވި ބަޙުޘް މުބާރާތުން 1 ވަނަ ވާހަކަދެއްކުންތެރިޔާގެ މަޤާމު ޝާކިރު ހޯއްދަވާފައިވެއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބޭއްވެވި ވާހަކަދެއްކުމުގެ ޤައުމީ ބައެއް މުބާރާތްތަކުންވެސް ވަނަ ހޯއްދަވާފައިވެއެވެ. މީގެއިތުރުން، އެ މަރުކަޒުން ބޭއްވެވި ޅެން ހެދުމުގެ ޤައުމީ މުބާރާތްތަކުންވެސް އެކި އަހަރު 1 ވަނަ، 2 ވަނަ، 3 ވަނަ ހޯއްދަވާފައިވެއެވެ. ވާހަކަދެއްކުންތެރިކަމުގެ ރޮނގުން 2002 ވަނަ އަހަރު ޝާކިރަށް ވަނީ ސަރުކާރުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ. ހަމައެޔާއެކު އަޙްމަދު ޝާކިރަކީ، ތަމްސީލު ލިޔުއްވުމާއި ތަމްސީލު ކުޅުއްވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަމްސީލު ކުޅުއްވުމުގެ ރޮނގުން 1984 ވަނަ އަހަރު އޭނާއަށްވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން އަރުވާފައެވެ.