އަލްފާޟިލް މޫސާ ދާއޫދު
ރަޝީދާ މަންޒިލް/ ފ.މަގޫދޫ

               މޫސާ ދާއޫދަކީ، މަގޫދޫގެ ތަރައްޤީއަށްޓަކައި ކުރެވިފައިވާ ކޮންމެ މަސައްކަތެއްގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެލައްވާފައިވާ އިޚްލާޞްތެރި ބޭކަލެކެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، މަގޫދޫގައި އިމާރާތް ކުރެވިފައިވާ ޢަބްދުﷲ އިސްމާޢީލްގެ ލައިބްރަރީއާއި، މަގޫދޫ ސްކޫލް އިމާރާތް ކުރުމާބެހޭ މަސައްކަތްތަކުގައާއި، މަގޫދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުލުމަށް ކޮށްފައިވާ މަސައްކަތްތަކުގައި، މޫސާ ދާއޫދު ޙަރަކާތްތެރިވެލައްވާފައި ވެއެވެ. އަދި މަގޫދޫ ރައްޔިތުންގެ ބޭސްފިހާރައާއި، ފޮތްފިހާރައާއި، ހިނަވާގެއާއި، އަންހެނުންގެ މިސްކިތާއި، މަގޫދޫގައި އަޅާފައިވާ ދެ ފާލަމުގެ މަސައްކަތުގައިވެސް ޙަރަކާތްތެރިވެލައްވާފައި ވެއެވެ. މިދެންނެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަޑާމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ، މައިގަނޑު ގޮތެއްގައި މޫސާ ދާއޫދުގެ ވަޑާމުގެ ސާމާނު ބޭނުންކުރައްވައިގެން އަދި މީނާ އިސްކޮށް ހުންނަވައިގެން މީނާގެ މުވައްޒަފުން ލައްވާ ހިލޭސާބަހަށެވެ. މިކަންތައްތައް މީނާ ކޮށްދެއްވަނީ، އަމިއްލަ މަސައްކަތްތަކަށްވުރެ ތަރައްޤީއަށް ކުރާ ކަންތައްތަކަށް އިސްކަން ދެއްވައިގެންނެވެ.

               މީގެއިތުރުން، މޫސާ ދާއޫދު ކުރައްވާ ކިއްސަރުވަޑާމާއި، ތެދުއުއިވަޑާމާއި، އޮޑިދޯނިފަހަރުގައި އިންޖީނު ބަހައްޓައިދެއްވުމާއި، މެރިން އިންޖީނާއި އިލެކްޓްރިކް އިންޖީނުގެ ކުދިކުދި މަރާމާތުތައް ކުރެއްވުން ފަދަ މަސައްކަތްތައްވެސް އާދައިގެ ހެޔޮ އަގެއްގައި ރަނގަޅު ފެންވަރެއްގައި ކޮށްދެއްވަމުން ގެންދަވައެވެ.