ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން

               ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ) މި ޖަމްޢިއްޔާ އުފެދުނީ 7 އެޕްރީލް 1988 ގައެވެ. މިއީ، ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެކެވެ. ޝީގެ ހުރިހާ މަސައްކަތެއްވެސް އަމާޒުކުރައްވާފައިވަނީ، ޢާއިލާގެ ޞިއްޙަތާއި، ޢާއިލާ ބަދަހިކުރުމާއި، އަދި މިނޫންވެސް މިރޮނގުން ދެވޭ ތަފާތު ޚިދުމަތްތަކަށެވެ. އޭގެތެރޭގައި، ތެލެސީމިއާއަށް ލޭ ޓެސްޓް ކުރެއްވުމާއި، އެ ބައްޔާ ބެހޭގޮތުން ކައުންސެލިން ދެއްވުމާއި، ހޭލުންތެރިކަން އިތުރުކޮށްދެއްވުން ހިމެނެއެވެ. އަދި ތެލެސީމިއާގެ ބަލިކުދިންނަށް އެޅުމަށްޓަކައި ލޭ ހޯއްދަވައިދެއްވުމުގައި ވެވުނުވަރަކުން މަސައްކަތް ކޮށްދެއްވުންވެސް ހިމެނެއެވެ. ޢާއިލާގެ ޞިއްޙަތާއި، ޢާއިލާ ރޭވުމާ ބެހޭގޮތުން ކައުންސެލިން ދެއްވުމާއި، ޒުވާނުންނާއި އަންހެނުންނަށް އެ ރޮނގުން ޞިއްޙީ މަޢުލޫމާތު ދެއްވުމާއި، އެހީތެރިވެދެއްވުމަކީވެސް ޝީގެ ފަރާތުން ކުރައްވާ މަސައްކަތެކެވެ. އަދި މާލެއާއި، ރާއްޖެތެރޭގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގެވުންވެސް ހިމެނެއެވެ.

               މިވޭތުވެދިޔަ އަށެއްކަ އަހަރުދުވަހުގެ ތެރޭގައި ޖުމްލަގޮތެއްގައި ރާއްޖޭގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޝީގެ ފަރާތުން، ހިލޭސާބަހަށް ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކަކީ އޭގެސަބަބުން ދިވެހި ރައްޔިތުންގެ ގިނަބަޔަކަށް މަންފާކޮށް، ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޞިއްޙީ ޚިދުމަތްތަކަށް ބާރުލިބިދޭ މަސައްކަތްތަކެއް ކަމުގައިވަނީ ފާހަގަކުރެވިފައެވެ. އަދި ޝީގެ މި ޚިދުމަތްތަކަށްޓަކައި، [ޞިއްޙަތާ ބެހޭގޮތުން އާދަޔާ ޚިލާފު ޚިދުމަތްކުރާ ފަރާތްތަކަށްދެވޭ [ސަސަކާވާ ހެލްތް ޕްރައިޒް 1996] އާއި 40،000 ޔޫ.އެސް. ޑޮލަރުގެ އިނާމު ޝީއަށް މިއަހަރު ވަނީ ލިބިފައެވެ.

               ޝީ ފުރަތަމަ އުފެއްދެވިއިރު ތިއްބެވި ފައުންޑަރ މެންބަރުންނަކީ ޑޮކްޓަރ ނާއިލާ އިބްރާހީމް ދީދީ އާއި، އަލްފާޟިލާ ނަސްރީނާ އިބްރާހީމާއި، އަލްފާޟީލާ ނާއިލާ އިބްރާހީމް ކަލޭފާނާއި، އަލްފާޟީލާ ނަޝީދާ އަޙްމަދު ރިޟާއެވެ. ނަމަވެސް މިހާރު ތިއްބެވި ފައުންޑަރ މެންބަރުންނަކީ ޑޮކްޓަރ ނާއިލާ އިބްރާހީމް ދީދީއާއި، އަލްފާޟީލާ ނަސްރީނާ އިބްރާހީމާއި. އަލްފާޟިލާ ނާއިލާ އިބްރާހީމް ކަލޭފާނެވެ.