އަލްފާޟިލް ސަމަރުބުލޫ އިބްރާހީމް މަނިކު

               އިބްރާހީމް މަނިކަކީ ލަވަ ވިދާޅުވާ ބޭފުޅެއް ނޫނެވެ. އަދި މިޔުޒިކް ގުރޫޕަކާ ގުޅިވަޑައިގެން މިޔުޒިކް ކުޅުއްވި ބޭފުޅެއްވެސް ނޫނެވެ. އެހެންނަމަވެސް ދިވެހި ލަވަޔަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ދިވެހި ލަވަޔާއި، މިޔުޒިކުގެ ފަންނާނުން އުފެއްދެވުމަށާއި، އަގު ވަޒަންކުރެއްވުމަށާއި، އަގު ހިފެހެއްޓޭނޭ ގޮތްތައް ހޯއްދެވުމުގެ މަތިވެރި މަޤްޞަދުގައި، ދިވެހި ލަވަ އުފެއްދެވުމުގެ މަސައްކަތްޕުޅު ފެށްޓެވި ބޭފުޅެކެވެ.

               ވަރަށް ކުޑަގޮތަކަށް، އޭނާ މި މަސައްކަތްޕުޅު ފެށްޓެވީ ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ފުރަތަމަ، ދިވެހި ލަވަޔަށް އައިސްފައިވާ ހީނަރުކަން ފޫބެއްދެވޭތޯ ކުރައްވަން ފެށްޓެވި މަސައްކަތްޕުޅެއްގެ ގޮތުގައި މިޔުޒިކް ކުޅުއްވާ ދެތިން ބޭފުޅަކާއި، ލަވަ ހައްދަވާ މުދައްރިސަކާއި، އަދި ލަވަ ވިދާޅުވާ ބޭފުޅުންކޮޅެއް ހޯއްދަވައިގެން، އެބޭފުޅުންގެ އެހީއާއެކު، ލިބިވަޑައިގަންނަވާ، ރޭގަނޑުގެ ހުސްވަގުތުތަކުގައި، އޭރުގެ އެންމެ މަޝްހޫރު މިޔުޒިކް ގުރޫޕެއް ކަމަށްވާ "ކްއިކް ސޭންޑް" ބޭންޑުގެ ބައެއް ތަކެތި، އެ ބޭންޑުގެ ބައެއް މެންބަރުންގެ (ރިޒޯޓަށް ނުދާ) ހުސްރޭތަކުގައި ގެނެްނަވައިގެން މިޔުޒިކާއި ލަވައިގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ. މިގޮތުން ލަަވަ ރެކޯޑު ކުރެއްވުމުގައި، މީހުން މަދުވެގެންދާ ވަގުތުތަކުގައި އަމިއްލަފުޅަށް ބައެއް ކުދިކުދި ސާމާނު ކުޅުއްވައި ހެއްދެވިއެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދެވުމުގެ ގޮތުން އަމިއްލަފުޅު ޖީބުން ޚަރަދުކުރައްވާފައިވެސް ވެއެވެ. 

               ދިވެހި ލަވަ ކިޔުމުގެ ފުރްޞަތު ނުލިބިފައިވާ އެތައް ފަންނާނުންނަކަށް ލަވަ ކިޔުމުގެ ފުރްޞަތު ހޯއްދަވައިދެއްވައި އަދި ލަވަ ކިޔުމާ ދުރަށް ގޮސްފައިވާ ލަވަ ކިޔުންތެރިންތަކެއް އަނބުރައި ލަވަ ކިޔުމަށް ގެންނެވުންވެސް އިބްރާހީމް މަނިކު މިރޮނގުން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

               ތަފާތު އެކި ދުވަސްވަރުގެ ގިނަ އަދަދެއްގެ މަޝްހޫރު ދިވެހި ލަވަކިޔުންތެރިން، އެއް ސްޓޭޖެއްގެ މަތިން ފެނިގެންދިޔަ ޝޯތަކެއް ކަމުގައިވާ، "ގެލެކްސީ" ޝޯތަކާއި، ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ކޮންމެ އަހަރަކު ދެކެމުން އަޑުއަހަމުން ގެންދާ ދިވެހި ފަންނާނުގެ މިޔުޒިކީ ޢީދަކީވެސް އިބްރާހީމް މަނިކު އިސްނަންގަވައިގެން އޭނާގެ އަމިއްލަފުޅު ޚިޔާލާއި ރޭއްވެވުމުން ބާއްވަވަމުން ގެންދަވާ ޝޯތަކެކެވެ. އެ ޝޯތަކަކީ، މިހާރު އެތައް ބަޔެއްގެ މަޤްބޫލުކަން ލިބި އަދި، ލަވަކިޔުމަށް ޝައުޤުވެރިވާ އެތައްބަޔަކު އެ ޝޯތަކުން، ލަވަކިޔުމުގެ ދުނިޔެއަށް ތަޢާރުފުވުމުގެ ދޮރު ހުޅުވި، އަދި އެފަރާތްތައް ޢާންމުންގެ މެދުގައި މަޝްހޫރުވެގެންދިޔަ ޝޯތަކެކެވެ.