بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 16 ޑިސެމްބަރ 2011ވީ ހުކުރު ދުވަސް. އަޅުގަނޑު ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން މިއަދު ބައްދަލުވާއިރު އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން، ދިވެހިން އަނެއްކާވެސް މިތިބީ ހަތަރު އަނގޮޅިއެއްގެ މެދަށް ނުކުމެވިފައި. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ފަށައިގެން ދީނީ ކަންކަމުގައި ޢަމަލުކުރަމުން އައި ގޮތްތަކެއް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނާން އެބައޮތް. އަޅުގަނޑުމެން މިގެންދަނީ އެ ގޮތްތަކަށް ޢަމަލުކުރަމުން. އެ ގޮތްތައް ކަނޑައަޅައި ބަޔާން މިކުރަނީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި އަދި ޤާނޫނުލްޢުޤޫބާތާއި އަދި ޢާންމު ޤާނޫނުތަކުގެ ޒަރީޢާއިން.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވަރަށް ޞަރީޙަ ޢިބާރަތުން ބަޔާންކޮށްފައި މިއޮންނަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ. އަދި އިސްލާމްދީނަކީ، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށް. ރާއްޖޭގައި ހެދޭ ހުރިހާ ޤާނޫނެއްވެސް، ގަވާއިދެއްވެސް ހެދިގެން އަންނާން މިޖެހެނީ، އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. މިއަދާ ހަމައަށް އަޅުގަނޑުމެން ޢަމަލުކުރަމުން އައި ގޮތަށް ވިސްނާއިރުގައި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ބައެއް ޙުކުމްތަކަށް ދިވެހި ދައުލަތުން އަބަދުވެސްދަނީ މަޢާފު ދެމުން. އޭގެ ތެރޭގައި ޚާއްޞަކޮށް ރަޖަމުކުރުން، އަތްކެނޑުން، ޤަތުލުކުރުން، މިފަދަ ބޮޑެތި ޙުކުމްތަކަށް ދައުލަތުން އަބަދުވެސް ހުރީ، ހަމަ އެހިނދުން ހިނދަށް މަޢާފު ދެވިފައި. އެހެންނަމަވެސް، ޙައްދު ޖެހުމުގައި ދައުލަތުން މިހާތަނަށް އަމަލުކުރަމުން މިއަންނަނީކީއެއް މިދެންނެވި މަގަކުންނޫން. ރާއްޖޭގައި ޢަމަލުކުރާންވީ ސީދާ ސާދާ ގޮތަކީ ކޮބައިތޯ، އަޅުގަނޑުމެންގެ ހިތްތަކުގައި ސުވާލުކުރަމުން މިއަދު އަންނައިރުގައި އަޅުގަނޑުމެންނަށް މިފެންނަނީ، އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި އަޑު އުފުލަމުން އެބަ އާދޭ، މީގެކުރީގައި އަޅުގަނޑުމެން ޢަމަލު ނުކުރާ ގޮތަކަށް މިހާރު ޢަމަލުކުރާން ފެށުމަށް. އިސްލާމްދީން ހިމާޔަތް ކުރުމުގެ ގޮތުން ބަޔަކު އަޑު އުފުލާއިރު، އުފުލޭ ޙަޤީޤީ އަޑަކީ، މިދެންނެވި ޙުކުމްތައް ހިންގުމާ ގުޅޭގޮތުން އެމީހުން އުފުލާ އަޑު. އަޅުގަނޑަށް ފެންނަ ފެނުމުގައި މިއަދާ ހަމައަށް އަޅުގަނޑުމެން ޢަމަލުކުރަމުން މިއައި ގޮތްތައް އެއީތޯ، ރަނގަޅު ގޮތްތަކަކީ ނުވަތަ މިހާރު އަޅުގަނޑުމެންނަށް އަޑު އިވެމުން މިއަންނަ ގޮތްތައްތޯ ރަނގަޅު ގޮތަކީ، އެއީ މިވަގުތު އަޅުގަނޑުމެން ނިންމާން ޖެހިފައި އޮތް ނިންމުމެއް.

އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އަޅުގަނޑަށް ފެންނަ ގޮތުގައި 23 ޑިސެމްބަރުވަނަ ދުވަހު ސުލްހަވެރި އެއްވުމަކަށް ނުކުތުމަށް ނިންމިފައި މިވަނީ، އަޅުގަނޑު ދެންމެ މިދެންނެވި، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ފަށައިގެން ހިނގަމުން އައި ގޮތާއި، އަދި އެގޮތް އެއީ، ރަނގަޅު ގޮތް ނޫންކަމަށް އަޑު އުފުލަމުން އަންނަ ގޮތާ، މިދެގޮތުގެ ދެމެދުގެ ފަރަޤު ދިވެހިންނަށް ސާފު ކޮށްދިނުމަށްޓަކައި. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީންވެސް އަދި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުންވެސް ޤާނޫނުލްޢުޤޫބާތު އިސްލާހުވެގެން ނިމިގެން އަންނައިރުގައި، އެ ޢުޤޫބާތުގައި ކަންކަން ކަނޑައެޅިފައި އޮންނަންވީ ގޮތަކީ ކޮބައިތޯ އެބަ ސާފުކޮށް އަންގައިދޭންޖެހޭ. ގޮތެއް އަޅުގަނޑުމެން އެބަ ނިންމާންޖެހޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި ޑީ.އާރު.ޕީ.އިންވެސް، ޕީ.ޕީ.އެމް.އިންވެސް އަދި ޖުމްހޫރީ ޕާޓީންވެސް އަދި އެހެން ޕާޓީތަކުންވެސް އެބޭފުޅުން މިކަމުގައި ގަބޫލުކުރާ ގޮތަކީ ކޮބައިތޯ، އެބޭފުޅުންގެ ފިކުރަކީ ކޮބައިތޯ، އެބަ ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށްދެއްވާންޖެހޭ. ހަމައެހެންމެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީންވެސް އެބަ މިކަންކަން ސާފުކޮށްދޭންޖެހޭ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނިންމާފައި އޮތް އެއް ނިންމުމަކީ، ދިވެހިރާއްޖޭގައި ދީނީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ޢަމަލުކުރާނީ ދީނީ ދަންނަ ބޭކަލުންގެ ހެޔޮލަފާ ނަސޭހަތުގެ މައްޗަށް ބިނާވެގެންނޭ. މިއަދާ ހަމައަށްވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ޢަމަލުކުރަމުން ގެންދާން ބޭނުންވަނީ މިދެންނެވި ޢުޞޫލުގައި، މިދެންނެވި ހަމައިގައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ޤާނޫނުލްޢުޤޫބާތުގައި މި މާއްދާތައް ކަނޑައަޅަންވީ ގޮތް އެބަ އެނގެންޖެހޭ. އަދި އެގޮތުގެ މަތިން އެ މާއްދާތައް ކަނޑައަޅައި ޤާނޫނުލްޢުޤޫބާތް އެބަ ނިންމާންޖެހޭ.

އަޅުގަނޑު އުއްމީދުކުރާނީ، މިފެށޭ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގައި ޤާނޫނުލްޢުޤޫބާތު ނިންމައި، އެއީ، ޤާނޫނުގެ ގޮތުގައި އެބަ ކަނޑައަޅާންޖެހޭ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މިކަމުގައި މިހާރު ދެން ލަސްނުކޮށް އަޅުގަނޑުމެންނަށް ގޮތެއް ނިންމައި، އެގޮތަކީ ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅޭގޮތްގޮތުގައި ބެލުން.

މި މަސްއޫލިއްޔަތު އަދާކުރަން މިވަގުތު ޖެހިފައި މިވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި އެ މަޖިލީހަކީ، މި މަސްއޫލިއްޔަތު އަދާކުރުމުގައި ވަރަށް ތަޞައްރުފު ފުދިފައިވާ މަޖިލީހެއް. އެހެންވީމާ، އެ މަޖިލީހުން މިކަން އަވަހަށް ނިންމައި، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް، ޔަޤީންކަމާއި އަމާންކަމާއި އުފާވެރިކަން އެބަ ބޭނުންވޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.