بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް، ޖަލްސާ އެބޭފުޅަކަށް ނިސްބަތްވާ އަޅުގަނޑުމެންގެ އެކުވެރި ރަޙްމަތްތެރި، ޙުސައިން މުޙައްމަދުގެ އާއިލާގެ ބޭފުޅުން، އަދި، މިބައްދަލުވުމުގައި ބައިވެރިވެވަޑައިންނަވާ ހުރިހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ފުރަތަމަ ކަމަކަށް، ޙުސައިން މުޙައްމަދުގެ ހަނދާނުގައި މިރޭ މި ބޭއްވޭ ޖަލްސާގައި، އަޅުގަނޑަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔަދިޔުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ޙުސައިން މުޙައްމަދަކީ، އަޅުގަނޑު ދެކޭގޮތުގައި، ޤައުމަށް ވަރަށްގިނަ، ވަރަށް ތަފާތު ދާއިރާތަކުން ގިނަ ޚިދުމަތްތަކެއް ކުރެއްވި ޚާދިމެއް. ޙުސައިން މަސައްކަތް ކުރެއްވި ދާއިރާތަކުގެތެރޭގައި، މީޑިއާއާއި، ތަޢުލީމީ ދާއިރާއާއި، ސިޔާސީ ދާއިރާ ހިމެނޭ.

އަޅުގަނޑާއި ޙުސައިން މުޙައްމަދާ ފުރަތަމަ ބައްދަލުވީ މީގެ ގާތްގަނޑަކަށް 32 އަހަރު ކުރިން. އެއީ، ދެންމެ ޑޮކްޓަރ ޙުސައިން ރަޝީދުވެސް ވިދާޅުވި ފަދައިން، އަޅުގަނޑުވެސް ސްކޫލް ނިމުމަށްފަހުގައި، އަޅުގަނޑަށް ފުރަތަމަ މަސައްކަތްކުރަން ދާންޖެހުނީ ޓެލެވިޒަން މޯލްޑިވްސަށް. އެތަނުގައި މަސައްކަތްކުރިއިރުގައި ޙުސައިން މުޙައްމަދަކީ އަޅުގަނޑުގެ ވެރިމީހާ. އަޅުގަނޑަށް ވަރަށް އިތުބާރު ކުރައްވައި ވަރަށްގިނަ މަސައްކަތްތަކެއް ޙަވާލުކުރެއްވި ބޭފުޅެއް. އަދި އަޅުގަނޑަށް ވަރަށް އިސް ޚިދުމަތްތެރިއެއް. އަދި އަޅުގަނޑަށް ހެޔޮއެދޭ އަޅުގަނޑުގެ ގާތް ރަޙްމަތްތެރިއެއް. އަދި، އެކުގައި މަސައްކަތް ކުރަން ލިބުނު ކޮލީގެއް. އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ޓެލެވިޜަން މޯލްޑިވްސްގައި މަސައްކަތްކުރިއިރުގައި އަޅުގަނޑަށް ވަރަށް އިތުބާރުކުރައްވައި ގިނަ މަސައްކަތްތަކެއް ޙަވާލުކުރެއްވި.

އެގޮތުން އަޅުގަނޑު ފާހަގަކުރާ އެއްކަމަކީ، އޭރު ބާއްވަމުން ގެންދަވާ، އަތޮޅުވެރީންގެ ބައްދަލުވުމުގައި، ޓެލެވިޜަން މޯލްޑިވްސް ތަމްސީލު ކުރަން އަޅުގަނޑަށް ދެއްވި ފުރުސަތު. ޙުސައިން މުޙައްމަދަކީ އޭރުގެ ވެރިޔަކަށް ހުންނެވި ބޭފުޅާ. އެހެންނަމަވެސް އަޅުގަނޑާ ބައްދަލުކޮށް، އަޅުގަނޑު ގެނެސް ވިދާޅުވީ، އިބޫ މީގައި ބައިވެރިވާށޭ. އަޅުގަނޑު ޖެހިލުންވެސްވި. އޭރު އަޅުގަނޑުގެ ޢުމުރުން ގާތްގަނޑަކަށް އެކާވީސް، ބާވީސް އަހަރު. އެހެން ހުރިހާ މިނިސްޓްރީތަކުންނާއި، އެހެން ހުރިހާ ވުޒާރާތަކުން، އެހެން ހުރިހާ އޮފީސްތަކުން ވަޑައިގެން ތިއްބެވީ މިނިސްޓަރުންނާއި، ޑިރެކްޓަރ ޖެނެރަލް ފެންވަރުގެ ބޭފުޅުން. އެ ބައްދަލުވުން ވެގެންދިޔައީ، ޤައުމުގައި ހުރި ކަންތައްތަކަށް އަޅުގަނޑަށް ލޯހުޅުވިގެންދިޔަ އެއް ބައްދަލުވުމަށް. އަޅުގަނޑު ސިޔާސީ މައިދާނަށް ނުކުންނަން ދިމާވި އެއް ސަބަބު ކަމުގައިވެސް އެ ވެގެންދާނެ. ޤައުމުގައި ހުރި ގިނަ މަސައްކަތްތަކަށް އަޅުގަނޑުގެ ސިކުނޑި ހުޅުވިގެންދިޔަ އެއް ފުރުސަތަށް، އެ ފުރުސަތު ވެގެންދިޔައީ. އެކަމަށްޓަކައި، އަޅުގަނޑަށް އެ ހިތްވަރުދެއްވައި، އެ މަސައްކަތް ޙަވާލުކުރެއްވި ކަމަށްޓަކައި މިއަދު އަޅުގަނޑުމެންނާ ދާއިމަށް ވަކިވެވަޑައިގެންނެވި ޙުސައިން މުޙައްމަދަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެއަށްފަހުގައި، އަޅުގަނޑަށް ދެން ޙުސައިން މުޙައްމަދާ ބައްދަލުވީ މަޖިލީހުގެ ތެރެއިން. އެއީ ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު. ފުރަތަމަ އަޅުގަނޑާއި ޙުސައިނާ މަސައްކަތް ކުރަންޖެހުނީ، ޚިޔާލުތަފާތު ދެ ޕާޓީއެއްގައި. އަޅުގަނޑު އެމް.ޑީ.ޕީ ގައި މަސައްކަތް ކުރަމުން ގެންދިޔައިރު، ޙުސައިން ހުންނެވީ، އޭރު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރެއްގެ ގޮތުގައި. ޚިޔާލު ކިތަންމެ ތަފާތުވި ނަމަވެސް، ވަރަށްގިނަ ކަންތައްތަކުގައި އަޅުގަނޑު އޭރުވެސް ދިޔައީ، ޙުސައިނާ މަޝްވަރާ ކުރަމުން. ވަރަށް ރަނގަޅު ލަފާ ދެއްވަމުން ގެންދެވީ. ކެތްތެރިކަމާއެކީގައި މަސައްކަތް ކުރުމަށް އަބަދުވެސް އިރުޝާދު ދެއްވި.

އެއަށްފަހުގައި، ދެން، އަޅުގަނޑަށް މަސައްކަތް ކުރަން ލިބުނީ، ޙުސައިނާ އެކީގައި ބައިވެރިއެއްގެ ގޮތުގައި. އެއީ، ސިޔާސީ ހަލަބޮލިކަން މި ފަހަކަށްއައިސް އެންމެ ބޮޑުވެގެންދިޔަ ދުވަސްވަރު. އަޅުގަނޑުމެން ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައިރުގައި، އަޅުގަނޑާ ވަކިން ގުޅުއްވައި، ވަކިން ބައްދަލުކުރައްވައި، ވަރަށްގިނަ އިރުޝާދުތައް ދެއްވި ބޭފުޅެއް ޙުސައިނަކީ. އެހަނދާންތައް އަޅުގަނޑުގެ މިއަދުވެސް އެބަހުރި.

އަޅުގަނޑު އެންމެފަހުން ޙުސައިނާ ވާހަކަދެއްކީ، ޙުސައިން އަޅުގަނޑުމެންނާ ވަކިވެދިޔުމުގެ ގާތްގަނޑަކަށް ހަފްތާއެއްވަރު ކުރިން. އަޅުގަނޑު ފޯނުން ޙުސައިނާ ގުޅައި ވާހަކަދެއްކިން. އެ ދުވަހުވެސް، މަސައްކަތް ކުރަންވީ ގޮތާއި، މިހާރު އަޅުގަނޑު މިހުރި މަޤާމުގެ ހައިސިއްޔަތުން، އަޅުގަނޑު ކުރަމުންގެންދާ ކަންތައްތަކާ ބެހޭގޮތުން ފެނިވަޑައިގަންނަވާގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވި.

އަދި ކުރިންވެސް މިދެންނެވިފަދައިން، ސިޔާސީ ހަލަބޮލިކަމުގެތެރޭގައި، މީގެ ތިންހަތަރު އަހަރު ކުރިން އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި، މުޒާހަރާތަކުގައާއި، އަދި ބައްދަލުވުންތަކުގައި، އެންމެ ކުރީސަފުގައި ހުންނެވި ބޭފުޅެއް ޙުސައިނަކީ. ކަންދިމާކުރިގޮތުން އެއިން އެއް މުޒާހަރާގައި އަޅުގަނޑަށްވެސް ޖަލަށްދާންޖެހުނު. އެރޭ އަޅުގަނޑާ އެކީގައި ޙުސައިންވެސް ޖަލަށް ވަޑައިގެންނެވި. އެއްރޭ އަޅުގަނޑުމެން އެކީގައި ދޫނިދޫގައި ހޭދަކުރަންޖެހުނު. އެހަނދާންތައްވެސް އަޅުގަނޑުގެ އެބަހުރި.

އަޅުގަނޑުގެ ދުޢާއަކީ، ޙުސައިން މުޙައްމަދުގެ ފުރާނައަށް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ޙުސައިން މުޙައްމަދުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން. އަދި އެ އާއިލާއަށް، މި ފުރުސަތުގައި ތަޢުޒިޔާ ދަންނަވަން. އަދިވެސް އެއްފަހަރު ޙުސައިން މުޙައްމަދުގެ ޚިދުމަތްތަކަށް ޝުކުރު ދަންނަވަމުން، އާއިލާއަށް ތަޢުޒިޔާ ދަންނަވަން.

ވަރަށްބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް މިފުރުސަތު ދެއްވިކަމަށްޓަކައި.