ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރޮހާނާ ބެއްޑާޖު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ، އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޒަމާންވީ އެކުވެރިކަމުގެ ގުޅުންތައް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، ކޯވިޑް ޕެންޑަމިކްގައި ރާއްޖެއަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަމާއި އަދި ވަކިން ޚާއްޞަކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ސްރީލަންކާގެ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލަންކާއަކީ ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައާއި ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރުދަނައާއި ލަންކާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ފޮނުއްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ސަފީރު ވަނީ އާދަކާދައާއި ޘަޤާފީ ކަންކަމުގައި ވެސް ދެ ޤައުމަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި އާދަކާދައާ ޘަގާފަތާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެ އާ ސަފީރާ އެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.