ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުވުމުގައި، ނިލަންދޫ ކައުސިލަރުންގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނިލަންދޫ ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިންގެ ކިބައިން އެރަށުގެ ރައްޔިތުންނަށް މި ވަގުތު އެންމެ ދަތިވާ މައްސަލަތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އެގޮތުން، ރަށުގެ ކަރަންޓާއި ނަރުދަމާގެ ޙާލަތު މިވަގުތު ހުރިގޮތުން ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ބަނދަރާއި ގުޅިގެން މިހާރު ހުރި ކަންބޮޑުވުންތައް ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޖަނަރޭޓަރާއި އެހެނިހެން ބައެއް ސާމާނު އެރަށަށް ގެންދިއުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ފާހަގަކުރައްވައި، އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ނިލަންދޫ ކައުންސިލަރުންނާއި އަދި މުއައްސަސާތަކުގެ ވެރިންނާ ޙިއްޞާކުރެއްވިއެވެ. އަދި، ކަރަންޓާއި ނަރުދަމާއާއި ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ފެނަކަ ކުންފުނީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އަދި އޭގެ އިތުރަށް ފާހަގަކުރެއްވި ކަންކަންވެސް ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ ޙިއްޞާކުރައްވައި މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖެ މިއޮތް ޞިއްހީ ޙާލަތުގައި ނިލަންދޫގެ ޞިއްހީ ޚިދުމަތްދޭ ފަރާތްތަކުންވެސް ރައްޔިތުންނަށް ވީހާވެސް ބޮޑަށް މަޢުލޫމާތު ފޯރުކޮށްދީ ރައްކާތެރިކަމުގެ ގޮތުން ޞިއްޙީ މާހިރުންދޭ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.