بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ  އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ފުލުހުންގެ އިސް އޮފިސަރުން، ކޮމިޝަން އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އެންމެހައި ފުލުހުންނާއި، ފުލުހުންގެ މަދަނީ މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ދުވަސްކޮޅަކަށްފަހު، ދިވެހި ފުލުހުންގެ މި މަރުކަޒަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. ދިވެހި ފުލުހުންނާ ބައްދަލުކޮށްލުމަށް، ތިޔަބޭފުޅުންގެ ގާތަށް މި އާދެވުނީ، ވަރަށް ބުރަ ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައި.

ވަކިން ޚާއްޞަ ގޮތެއްގައި، މިއަހަރު ފެށުނީއްސުރެ، ކޯވިޑް-19އާ ދެކޮޅަށް، އަޅުގަނޑުމެން އެންމެން އެކުގައި މި ކުރި މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރީ، އަދި މިހާރުވެސް އަދާކުރަމުން ގެންދަނީ ވަރަށް މުހިންމު ދައުރެއް. އެއީ، ދިވެހި ކޮންމެ ރައްޔިތަކުވެސް ހެޔޮހިތުން ބަލައިގަންނާނެ މަސައްކަތެއް.

ކޯވިޑްގެ ތެރޭގައި، ވެރިރަށް މާލެ ފުރަބަންދުގައި ހޭދަކުރި މުއްދަތުގައި، ތިޔަބޭފުޅުންގެ މަސައްކަތް އެތައް ގުނައަކަށް އިތުރުވެގެންދިޔަކަން އަޅުގަނޑަށް އެނގޭ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ޢާންމު ރައްޔިތުން ގޭގައި ތިބިއިރު، މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އަދި ރައްޔިތުންގެ ގެދޮރާއި މުދާ ޙިމާޔަތްކުރުމުގައި، ތިޔަބޭފުޅުން ފުރާނަ އަތްމައްޗަށް ލައްވައިގެން، ޢާއިލާއާ ވަކިން، ކުރެއްވި މަސައްކަތަކީ، އަގުކުރެވޭ ވަރަށްވުރެ މާ މަތީ މާ އަގުބޮޑު މަސައްކަތެއް. އަދި މި އުނދަގޫ ޙާލަތުގައި، ޢާއިލާތަކާ ވަކިން ދިވެހި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި، ފުލުހުންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި.

ރާއްޖެއިން ކޯވިޑް-19 ފެނުމާއެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ބިދޭސީންގެ މެދުގައި، މި ބަލި ފެތުރި، ކޮމިޔުނިޓީ ސްޕްރެޑެއް ފެށިދާނެތީ. ނަމަވެސް މާތްﷲގެ ރަޙްމަތްފުޅުން، އެ ޙާލަތު މެދުވެރި ނުވީ، ތޮއްޖެހިގެން އުޅެމުން ދިޔަ ބިދޭސީން، އެކި ތަންތަނަށް ބަދަލުކޮށް، ވަކި އުސޫލެއްގެ މަތިން ބެލެހެއްޓުމަށް، ފުލުހުން ކުރި ބުރަ މަސައްކަތުގެ ސަބަބުންކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. އެކަމަށްޓަކައި ދިވެހި ފުލުހުންނަށް އަޅުގަނޑު ސާބަހާއި އައްސަރިބަސް ރައްދުކުރަން.

ހަމައެއާއެކު، ކޯވިޑް-19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމާއި، ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމާއި، ހުރިހާ ރަށްރަށެއްގެ މޮނިޓަރިންގެ މަސައްކަތްތައް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން އަދި ރައްކާތެރި ކަމެއްވެސް ނޫންކަން އަޅުގަނޑަށް އެނގޭ. ކޯވިޑާ ގުޅިގެން، މިކުރެވުނު ހުރިހާ ބާވަތެއްގެ މަސައްކަތުގައި ފުލުހުން ބައިވެރިވެފައިވާކަން އަޅުގަނޑު މިއަދުވެސް ފާހަގަކުރަން.

މި ނުރައްކާތެރި ޙާލަތުގައިވެސް، ދިވެހި ފުލުހުންވަނީ، އެމީހުންގެ ޤައުމީ ވާޖިބު ވަރަށް ފުރިހަމައަށް އަދާކުރައްވާފައި. އެކަމަށްޓަކައި، ފުލުހުންގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ހުރިހާ ރޭންކުތަކުގެ އެންމެހައި ފުލުހުން ޝާމިލުވާ ގޮތަށް، ދިވެހި ރައްޔިތުންގެ ނަމުގައި، ދިވެހި ފުލުހުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

ފުލުހުންގެ މަސައްކަތްތައް ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަދާކުރައްވާ ޙިކްމަތްތެރި ދައުރު ފާހަގަކޮށް، އެމަނިކުފާނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެފަދައިން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާނާއި، އެސިސްޓެންޓް ކޮމިޝަނަރުންނާއި، އެހެނިހެން އޮފިސަރުން އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! ތިޔަބޭފުޅުންގެ ޝިޢާރަކީ، ޙިމާޔަތް ކުރުމާއި ޚިދުމަތް ކުރުން. ޢަމަލީ ގޮތުން ތިޔަބޭފުޅުން ސާބިތުކޮށްދެއްވަމުން ތިޔަ ގެންދަވަނީ، އެ ޝިޢާރުގެ މަތީގައި ދިވެހި ފުލުހުން ދެމިތިބިކަން. އެކަން އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓޭނީ، ދިވެހި ފުލުހުންނަކީ، ތަޢުލީމާއި ތަމްރީން ލިބިފައިވާ، ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި ޙަރަކާތްތެރިވާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ދެމިތިބެގެން.

އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވެ މިތިބީ ވަރަށް މުހިންމު ވަޢުދުތަކަކާއެކު. އޭގެތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް ޢަދުލު އިންޞާފު ހޯދައިދީ، މުޖުތަމަޢުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށްދީ، އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުން. މި މުހިންމު ވަޢުދުތައް ފުއްދުމުގައި، ދިވެހި ފުލުހުން އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑު.

ކޯވިޑް-19ގެ އަޑިގުޑަންތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، އަދިވެސް ވަރަށް ދަތި އުނދަގޫ މަރުޙަލާތަކެއް ކަޑައްތުކުރަން އެބަޖެހޭ. ރާއްޖޭގެ އިޤްތިޞާދަށް މިއައި ހީނަރުކަމާއެކު، ޢާންމު ރައްޔިތުންގެ އަތްމަތި ދަތިވެ، ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައި. ހަމައެއާއެކު އިޖުތިމާޢީ ގިނަ މައްސަލަތަކެއް މިދަނީ ފެންމަތިވަމުން.

އޭގެތެރެއިން ގިނަ މައްސަލަތަކަކީ، ކޯވިޑާ ސީދާ ގުޅިގެން އަލަށް ކުރިމަތިވާން ފެށި ކަންކަމެއް ނޫން. އެފަދަ ގިނަ މައްސަލަތަކަކީ، އެތައް ޒަމާނެއް ވަންދެން، އެ ކަންކަމާމެދު، މީގެކުރިން މާބޮޑު ސަމާލުކަމެއް ނުދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހުމުގެ ސަބަބުން، ތިލަވަމުން އަންނަ މައްސަލަތަކެއް. އެއީ، ޤަވާޢިދާ ޚިލާފަށް، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ކަމަށްވިޔަސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ގެވެށި އަނިޔާއާއި، މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވިޔަސް، މިއީ ޙައްލުނުކުރެވި މުޖުތަމަޢުގައި ހުރި ދުވަސްވީ މައްސަލަތައް. މި ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، އިޖުތިމާޢީ މިފަދަ މައްސަލަތައް ޙައްލުކުރުމަށް.

ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިންމު ރޯލު އަދާކުރާ، އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން، މި މައްސަލަތައް ޙައްލުކުރުމުގައި ތިޔަބޭފުޅުންގެ ދައުރު ވަރަށް ބޮޑު އަދި ވަރަށް މުހިންމު.

މިކަން ކާމިޔާބުކުރުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަޢުލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭން އެބަޖެހޭ. ހަމައެފަދައިން ފުލުހުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ.

އަޅުގަނޑު ބޭނުންވަނީ، ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ނޫން. އަޅުގަނޑުގެ ބޭނުމަކީ، ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، އަދި ތިޔަ ފުލުހުންވެސް އެތަނަކާމެދު ފަޚުރުވެރިވާ، ނަޒާހަތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ހެދުން.

ތަނެއް ކުރިއަރައި ތަރައްޤީވުމަކީ، ބަދަލުވަމުންދާ ޒަމާނުގެ ފިޔަވަޅު މަތީގައި، ކުރިމަގުގެ ރާސްތާއަށް އަމާޒު ހިފައި، ދަތުރު ފައްސިޔަ ކުރުން. އެކަން އަޅުގަނޑުމެން ކުރާނީ، ފުލުހުންގެ ތެރޭގައި ތިއްބެވި، މިފަންނުގެ ޢިލްމީ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ މަތިން.

ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ، ޢަދުލު އިންޞާފު ޤާއިމުކުރުން. އެކަމުގެ ފެށުންވެސް ގުޅިފައިވަނީ ފުލުހުންގެ ޚިދުމަތާ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަޙުޤީޤު ފުރިހަމަކޮށް އަވަސްކުރުމަކީ، އޭގެތެރެއިންވެސް އެންމެ މުހިންމު މަސައްކަތް. ޚާއްޞަކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް، އިތުރު ސަމާލުކަމެއް ދޭން އެބަޖެހޭ. ތަޙުޤީޤު އަވަސްކޮށް ޝަރީޢަތްތައް ހަލުވިކޮށް އަވަހަށް އިންސާފު ޤާއިމުކުރެވެންޖެހޭ.

މީގެ އިތުރުން، ފުލުހުންނަށް ހުށަހެޅޭ ޙައްސާސީ މައްސަލަތަކުގެ ތެދު މަޢުލޫމާތު، އޭގެ ވަގުތުގައި ރައްޔިތުންނާ ޙިއްޞާ ކުރުން މިވަނީ އިތުރަށް މިއަދު މުހިއްމުވެފައި. އެނގިވަޑައިގަންނަވާނެ، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މިހާރު އެއްވެސް ހުރަހެއް ނެތް. ބައެއް މީޑިއާތަކުން ބައެއްފަހަރު މަޢުލޫމާތު ހާމަކުރާގޮތުން ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅިގެން އެބަދޭ.

އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެފަދަ މައްސަލަތަކުގެ ތެދު މަޢުލޫމާތު، ރައްޔިތުންނަށް އެނގެން ބޭނުންވާ ވަގުތުގައި ހާމަނުކުރެވުން. އެހެންވީމާ، މިކަމުގައި އެންމެ މަޞްލަޙަތު ހުރި ގޮތަކީ، މިދެންނެވިފަދަ ޙައްސާސް މައްސަލަތަކުގެ ޙަޤީޤަތް، ވީހާވެސް އަވަހަކަށް، ރައްޔިތުންނަށް ހާމަކުރުން. އެކަން އެގޮތަށް ނުކުރާނަމަ، އޭގެ ބަދުނާމު އެޅިގެން މިދަނީ، ދިވެހި ފުލުހުންނާއި ސަރުކާރުގެ ބޮލުގައި.

އަޅުގަނޑު ހިތުން، މިފަދަ ބަދުނާމެއް ބޮލުގައި އެޅޭކަށް، އެންމެ ފުލުހަކުވެސް ބޭނުމެއްނުވާނެ. އަޅުގަނޑަށް އެނގޭ، މިފަދަ ކަންކަން އިޞްލާޙުކުރަން، ފުލުހުންގެ ތެރެއިންވެސް މަސައްކަތް ކުރަމުން އަންނަކަން. މާތް اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި ވާގިފުޅާއެކު، އަޅުގަނޑުމެން އެކުގައި މިކުރާ މަސައްކަތް ކާމިޔާބުވާނެ. އޭރުން ތިޔަބޭފުޅުންގެ ޤައުމީ ޚިދުމަތް މިހާރަށްވުރެވެސް ފުޅާގޮތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބެމުންދާނެކަން އަޅުގަނޑަށް ޔަޤީން.

ދިވެހި ފުލުހުން ތިޔަ ކުރައްވާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ޤައުމަށް ވަފާތެރި ތެދުވެރި ބައެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ހެޔޮ ތައުފީޤު، ދިވެހި ފުލުހުންނަށް ދެއްވުން އެދި ދުޢާ ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه