މި އޮފީހުގެ ނަންބަރު 19/2020 (18 ޖޫން 2020) ދެންނެވުމާ ޙަވާލާދީ ދަންނަވަމެވެ.
ސަރުކާރުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު، 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 2020 ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވައިފި ކަމަށާއި، މި މުއްދަތުގައި އޮފީސްތައް ހުޅުވާނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 2020 ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް މި އިތުރުކުރެއްވި މުއްދަތުގެ ތެރޭގައި، ތިރީގައިވާ އުސޫލުތަކަށް، ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1. އިދާރާ ހުޅުވައިގެން ދެއްވާނެ ޚިދުމަތްތައް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެއެވެ. އިދާރާއެއް ހުޅުވާނީ، އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށެވެ.
2. ސަރުކާރުގެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު، އާންމުކޮށް ހުޅުވައިނުލެއްވި ނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ފޯރުކޮށްދެވިދާނެއެވެ.   
3.  މި ދެންނެވި މުއްދަތުގެ ތެރޭގައި އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، މި ނޫން ވަގުތުތަކުގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދެވިދާނެއެވެ.
4. އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދޭންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.  
5.   ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްފަދައިން، އެ އިދާރާއަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން ގޭގައި މުވައްޒަފުން ތިބެގެން ދެވެން ހުރި ޚިދުމަތްތައް ދޭންވާނީ އެ ގޮތުގެ މަތިންނެވެ. އަދި އިދާރާއިން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް ދޭނީ އޮންލައިންކޮށެވެ.

ވީމާ، 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 2020 ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް، މަތީގައިވާ ގޮތުގެ މަތިން ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.