އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު، ބައިނަލްއަޤްވާމީ ދަތުރުތަކަށް ރާއްޖޭގެ ވައިގެ ބަނދަރުތައް ހުޅުވައިލުމާއި، ކޯވިޑް-19 އަށްފަހު ޢާންމު ދިރިއުޅުމަކަށް އެނބުރި ދިޔުމަށްޓަކައި، ދެވަނަ މަރުޙަލާ ވެސް އަންނަމަހު ފެށުމަށް ނިންމަވާފައިވާކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ކޯވިޑް-19 އާއި ގުޅޭގޮތުން މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވައި މަޢުލޫމާތުދެއްވަމުންނެވެ.

ކޯވިޑް-19 ގެ ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން 42 ދުވަސް ވަންދެން ގެއިން ނުނިކުމެ، މުޅި ރޯދަމަސް ވެސް ހިމެނޭ ގޮތަށް، ތުއްތު ތުއްތު ދަރިންނާއި ދުވަސްވީ މައިންބަފައިންނާއި، މުޅި ޢާއިލާ އެކުގައި ގޭ ބަންދުގައި ހޭދަކުރުމަކީ މުޅި މުޖްތަމަޢުގެ ރައްކަލަށްޓަކައި ވަކިވަކި ފަރުދުން ވެވަޑައިގެންނެވި ވަރަށް ބޮޑު ޤުރުބާނީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ކޯވިޑް-19 އަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގެ ވެސް ޞިއްޙީ ނިޒާމު ހުއްޓުމަކަށް ގެނުވި އަދި މުޅިން އާ ތަޖުރިބާތަކެއް ކުރަން ޖެހުނު ބައްޔެއްކަން ފާހަގަކުރައްވައި ރާއްޖެވެސް މި ބައްޔާކުރިމަތިލީ މި ޙާލަތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ނަމަވެސް މާތް اللهُގެ ރަޙްމަތްފުޅާއެކު، އެތައް ބައެއްގެ ބުރަ މަސައްކަތުން މިހާރު ވަނީ، މި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭ ވަރަށް ތައްޔާރުވެފައިކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިހާރު ދުވާލަކު 1000 އަށް ވުރެ ގިނަ ޓެސްޓް ހެދޭކަމަށާއި، އައްޑޫގައި މިމަހުގެ 21 ވަނަ ދުވަހު ކޮވިޑަށް ޓެސްޓު ކުރަން ފަށުމުގެ އިތުރުން، ކުޅުދުއްފުށީގައިވެސް، އަންނަ ހަފުތާގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު، މި ސަރަޙައްދުގައި އެންމެ ގިނައިން ކޮވިޑަށް ޓެސްޓު ކުރާ ޤައުމުކަން ފާހަގަކުރައްވައި އެކަމުގެ ތަފްޞީލުތަކަށް ބައްލަވާލައްވާފައެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތާއެކު އަންނަ ޖުލައިމަސް ފެށުމާއެކު ޢާންމު ދިރިއުޅުމަކަށް އެނބުރި ދިޔުމަށްޓަކައި، ދެވަނަ މަރުޙަލާއެއް ފަށާއިރު އިތުރު ލުއިތަކަކާ އެކު، ސަރުކާރުގެ އޮފީސްތަކާއި، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި ސްކޫލްތަކުގައި ކިޔަވައިދިނުންވެސް، ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ ދަށުން ހަމަޖެހިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖުލައި މަހުގެ ރާއްޖޭގެ ބޯޑަރު ހުޅުވާލައި ބައިނަލްއަޤްވާމީ ދަތުރުތަކަށް، ރާއްޖޭގެ ވައިގެ ބަނދަރުތައް ހުޅުވައިލުމާއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެކަމަށެވެ. އަދި ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައިލާއިރު، ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ޤައުމެއް ކަމަށް، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ޤައުމު ކަމަށްވާ ޖަރުމަނު ވިލާތުންނާއި އަދި، ދުބާއީން ވެސް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި އެއީ ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު ސަރުކާރުގެ ވިސްނުން ހުރީ އިޤްތިޞާދީ އަވަސް ރިކަވަރީއަކަށް ވާޞިލުވުމަށްކަމަށާއި، އެކަމަށްޓަކައި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ޚިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިހާރު ނޭޝަނަލް ޓާސްކްފޯސްތަކެއް އެކުލަވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތުގައި ރަޙްމަތްތެރި ޤައުމުތަކުންނާއި އެހީދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ދޭ އެހީތަކާއި އަދި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތަކުންނާއި ވަކިވަކި ފަރުދުން ދެއްވާ އެއްބާރުލުމާއި އަދި ވަކިން ޚާއްޞަކޮށް ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން އެ ވެވަޑައިގަންނަވާ މަތިވެރި ޤުރްބާނީ ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ހުށަހެޅުއްވި އެކިއެކި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވިއެވެ.