بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ތިޔަ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މިއަދު މި ބައްދަލުކޮށްލަނީ، އަޅުގަނޑުމެން އެންމެން މިހާރު ކުރިމަތިލާން ޖެހިފައިވާ، "ކޯވިޑް-19" އާ ދެކޮޅަށް ކުރަމުން އަންނަ ބައެއް ކަންކަން ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުމުގެ ބޭނުމުގައި.

ރާއްޖެއިން "ކޯވިޑް-19" ފެނުނު ފަހުން، މިހާތަނަށް 541 މީހަކަށް އެބަލި ޖެހިއްޖެ. އެއީ 185 ދިވެހިންނާއި 356 ބިދޭސީން. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ޙާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު.

"ކޯވިޑް-19" އާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ފެށި ފަހުން، މިހާތަނަށް އަޅުގަނޑުމެން އެހި އެންމެ ހިތްދަތި ޚަބަރަކީ، މި ބަލީގެ ޝިކާރައަކަށްވެ، ޢުމުރުން 83 އަހަރުގެ އަންހެން ބޭފުޅަކު، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ހިތާމަވެރި ޚަބަރު.

އެ މަރުޙޫމާގެ ފާފަ ފުއްސަވައި ފުރާނައަށް ސުވަރުގޭގެ ތަނަވަސް ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ހަމައެފަދައިން، ރާއްޖޭގައި "ކޯވިޑް-19" އަށް ޕޮޒިޓިވްވެ، މިހާރު ފަރުވާ ހޯދަމުން އަންނަ، އެންމެންނަށް، މާތްﷲގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމުން، އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

"ކޯވިޑް-19" އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން މި އަންނަނީ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން.

ރާއްޖޭގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން. ނަމަވެސް އެއީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ޤައުމީ ރޫޙުގައި މަސައްކަތް ކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް.

ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތްﷲގެ ވާގިފުޅާއެކު، ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން.

މިހާރު ދިމާވެފައިވާ އުނދަގޫތައް ތަޙައްމަލުކުރައްވައި، ކެތްތެރިކަމާއެކު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް، އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމަ މިއާއެކު، މި ބަލި ރާއްޖެއިން ނައްތައިލުމަށް، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި، ޢާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ބަޔަކު އެބަތިއްބެވި.

ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން، އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑް ކްރެސެންޓްގެ ހުރިހާ ބޭފުޅުން، އަދި އެ ތަންތަނާ އެކުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިހާރު "ކޯވިޑް-19" ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި.

މި ބަލި ފެތުރުން ކޮންޓްރޯލް، ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީވެސް މިއީ. މިކަމަށް ހައްލެއް ހޯދުމަށްވެސް މިއަންނަނީ މަސައްކަތް ކުރަމުން.

ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން.

އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތްވެސް މި އަންނަނީ ކުރަމުން.

ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މި އޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ.

ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއްނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން.

މިހާރު އަޅުގަނޑުމެން މިތިބަ ޙާލަތަކީ، މާ ގިނަ ދުވަހަށް ތިބެވޭނެ ޙާލަތެއް ނޫންކަން، އެންމެންވެސް ގަބޫލުކުރާނެ. އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް، ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ނެތް.

އެތައް މިލިޔަން ޑޮލަރެއް އިންވެސްޓްކޮށްގެން ހިންގަމުން އައި ރިޒޯޓްތައް އެހުރީ ފަޅަށް. ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުއްޓި، ޢާންމު ވިޔަފާރިތައް އަޑިއަޅާލައިފި.

"ކޯވިޑް-19" އާ ދެކޮޅަށް، ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށްވުރެ ގިނަ ދުވަސް ނަގާ.

މި އުނދަގޫ ޙާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް މިބަލި ކޮންޓްރޯލް ކުރެވޭތޯ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ.

މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާއެކު ތަޙައްމަލްކުރި ޤައުމުތަކުގެ ރައްޔިތުން މިހާރު އެ ތައްޔާރުވަނީ، ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް.

އަޅުގަނޑުމެންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މި އަންނަނީ، މި ޙާލަތުން އަރައިގަނެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ދެވޭތޯ.

ރާއްޖޭގައި "ކޯވިޑް-19"ގެ ޙާލަތު ވަޒަންކުރައްވާ ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މި އޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށްވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް.

އެހެންވީމާ، ކުރިއަށް މި އޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު.

މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވްވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ.

"ކޯވިޑް-19"ގެ ސަބަބުން، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވެފައި. ޚިދުމަތުން ރިޓަޔަރ ކުރައްވައިގެން ތިއްބެވި، ވަރަށް ގިނަ ޞިއްޙީ ޚިދުމަތްތެރިން މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި.

އަދި ވަގުތީ ގޮތުން ޚިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުންވެސް އެބަތިއްބެވި. އަޅުގަނޑު ދަންނަވާނީ، މިއީ ތިޔަ ބޭފުޅުން އެނބުރި ޚިދުމަތަށް ވަޑައިގަންނަވަންވީ ވަގުތޭ. ޤައުމު މިއަދު ތިޔަ ބޭފުޅުންގެ ޚިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ.

އަދި ޞިއްޙީ ޚިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެހީތެރިކަންވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ.

މާލޭގައި މި ބަލި ކޮންޓްރޯލް ކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ.

އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަންޖެހުނީ އެ ސަބަބަށްޓަކައި. ރަށްރަށުން މާލެއަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލަންޖެހުނީވެސް އެ ސަބަބަށްޓަކައި.

މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތިވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެންވެސް ގަބޫލުކުރާނެ.

އެހެންވީމާ، މިކަމުގައި ތިޔަ ލޮބުވެތި ރައްޔިތުން މިހާތަނަށްވެސް ދެއްވަމުން އައި އެއްބާރުލެއްވުން، އެއަށްވުރެވެސް ފުރިހަމައަށް ދެއްވުމަށް އަޅުގަނޑު ގޮވާލަން.

ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، އިޖުތިމާޢީ ގައިދުރުކަމަށް އިސްކަން ދެއްވައިގެން އުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވައި، ކަމާބެހޭ ފަރާތްތަކަށް އެންގެވުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް.

މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ތިޔަބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެ ކުރައްވަނީ، ތިޔަބޭފުޅުންގެ ރައްކަލަށްޓަކައި.

ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއްނެތި ލިބޭނެގޮތް ހަދައިދިނުމަށް.

މުޅި ރާއްޖެ ފުރަބަންދުގެ ޙާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި. ދޭންޖެހޭ ޚިދުމަތްތައްވެސް އެބަހުރި.

އެޚިދުމަތްތައް ދިނުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި، އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން.

މިކަމުގައި ރަޙްމަތްތެރި ޤައުމުތަކުންނާއި، ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވައިފި. އަދި މިހާރުވެސް އިތުރު އެހީތައް ދެއްވުމަށް އަންނަނީ ތައްޔާރުވަމުން.

އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ވަރަށް ދީލަތި ބޭފުޅުންކޮޅެއްގެ ފަރާތުންވެސް، މިކަމުގައި ވަރަށް އަގުހުރި އެހީތަކެއް އަންނަނީ ލިބެމުން. އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން "ކޯވިޑް-19" އާ ދެކޮޅަށް މަސައްކަތް މި ކުރަނީ، އެއް ޢަޒުމެއްގައި، އެއް ރޫޙެއްގައި، އެއް އަމާޒަކަށް. މާތްﷲގެ އޯގާވަންތަކަމާއި އެކަލާނގެ މަދަދާއެކު، އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބާއި ނަޞްރު ލިބޭނެ.

އެކަމަށްޓަކައި މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ، މި ބައްޔާ ދެކޮޅަށް އަޅުގަނޑުމެން އެންމެން އެކުގައި މި ކުރާ މަސައްކަތް ކާމިޔާބު ކޮށްދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ވީއެންމެ އަވަހަކަށް ރާއްޖެއިން މި ބަލި ނެތިގޮސް، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއިގެން ނޭވާލާން ފެށުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

މި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ނަސީބު މިންވަރު ކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ކެތްތެރިކަމާއި ސާބިތުކަން ހަރުލެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه