• މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ސުވާލުތައް ދެންނެވީ [ހޭޔަންބޯ] ޕްރޮގްރާމް ހުށަހަޅުއްވާ މުޙައްމަދު ޒަޔާން ޢަބްދުﷲ.

ޕްރެޒެންޓަރ:

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ވަރަށް ގިނަ ކަންކަން ފުރިހަމަވަނީ މުޖުތަމަޢުގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައި. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏޭ ދެންނެވެން އޮތީމާ. ބައެއް ބޭފުޅުން އިސްނަންގަވައިގެން ކުރައްވާ ކަންތައްތަކުގެ ސަބަބުން، މުޖުތަމަޢުގައި ފުރިހަމަނުވެ ހުންނަ ވަރަށް ގިނަ ކަންކަން ފުރިހަމަވޭ. ވަރަށް ގިނަ ބަޔަކު އެދިއެދި ތިބޭ ކަންތައްތައް ފުރިހަމަވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނޭ. އެހެންކަމުން އިޖުތިމާޢީ ގޮތުން ރަށްރަށުގައި މިގޮތަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކުގައި އިސްނަންގަވާ ބޭފުޅުންނަކީ، ހަމަގައިމުވެސް އެ މުޖުތަމަޢަކަށް ވަރަށްބޮޑު ޤަދަރަކާއި ލޯތްބެއް ދެވިފައިވާ ބައެއް.

އާދެ، މި ހަފްތާގެ [ހޭޔަންބޯ] ޕްރޮގްރާމްގެ މެހްމާނުންގެ ގޮނޑިން ތިޔަބޭފުޅުންނާ ބައްދަލުކުރައްވަނީ އެފަދަ ބޭފުޅެއް. ވަރަށް ޚިދުމަތްތެރި ބޭފުޅެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް.

ވަރަށްހޫނު މަރްޙަބާއެއް ދަންނަވަން އަޅުގަނޑުމެން [ހޭޔަންބޯ] ޕްރޮގްރާމްގެ ނަމުގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޝުކުރިއްޔާ!

ޕްރެޒެންޓަރ:

ކިހިނެއްތޯ ޙާލު؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، اَلحَمْـدُ لِلّـهِ ވަރަށް ރަނގަޅު.

ޕްރެޒެންޓަރ:

ކޮންމެ ބޭފުޅެއްގެ ޙަޔާތްޕުޅުގައިވެސް، ތުއްޕުޅުއިރުގެ ހަނދާންތަކަކީ ވަރަށް ޚާއްޞަ ހަނދާންތަކަކާ ގުޅޭ ދުވަސްކޮޅެއްގެ ގޮތުގައި ފާހަގަކުރެވެނީ. ކޮބައިތޯ މަނިކުފާނުގެ ތުއްޕުޅުއިރުގެ އެންމެ ޚާއްޞަ ހަނދާންތަކަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ހަމަ ފެށުމުގެ ކުރިންވެސް، އައު އަހަރުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްލަން ބޭނުން. ދެން އޭގެ އިތުރަށް އަޅުގަނޑު ހަމަ މި ޝުކުރު އަދާކޮށްލަން ބޭނުންވޭ. ހޭޔަންބޯ މި ޕްރޮގްރާމްގައި އަޅުގަނޑަށް މި ފުރުޞަތު ލިބިގެން މިދަނީ ދެވަނަފަހަރަށް.

އަޅުގަނޑުގެ މި ކުޑައިރުގެ ހަނދާންތަކުގައި، އަޅުގަނޑަކަށް ނުދެންނެވޭނެ، ދެން ތަންކޮޅެއް އަޅުގަނޑަށް އުޅެވުނީ ހަލަބޮލިކޮށް ކަމަށް އަޅުގަނޑު ހަނދާން ހުންނަނީ. ތަންކޮޅެއް ހަލަނިކޮށް. އެންމެ ކުޑައިރުވެސް ތަންކޮޅެއް ބޮޑަށް، މި އަޅުގަނޑަށްވުރެ އުމުރުން ދޮށީ މީހުންނާއެކީ. އެ ހަނދާންތައް އަޅުގަނޑުގެ ހުންނަނީ. ތަންކޮޅެއް ބޮޑަށް ކުޅިވަރާއި މަސައްކަތުގެ ތެރޭގައި އެންމެ ކުޑައިރުވެސް އެކަހަލަ ހަނދާންތަކެއް އަޅުގަނޑު ހުންނަނީ. އެހާ ތަންކޮޅެއް ހަލަނިކޮށް، ޢުމުރަށްވުރެ ތަންކޮޅެއް ދޮށީ މީހުންނާއެކީ އަބަދުވެސް އުޅޭ ހަނދާންތަކެއް އަޅުގަނޑުގެ އަންނަނީ.

ޕްރެޒެންޓަރ:

އާދެ، ސްކޫލް ދައުރު ސިފަކުރައްވާނީ ކިހިނެއްތޯ؟ އޭރު ކޮން ކަމަކަށްތޯ ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވަނީ؟ ކޮން ދާއިރާއަކުން ކުރިއަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅެއްތޯ އޭރު ހުރީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެންގެ ސްކޫލް ދައުރު ހަމަ ވަރަށް ތަފާތު އިނގޭތޯ. މިހާރުގެ މި ކުދިންނާ ވަރަށް ތަފާތުކޮށް. އަޅުގަނޑުމެން ވަރަށް އުމުރުން ހަގުއިރު، ދެން އޭރުގެ ގޮތުން ކަމަށްވަންޏާ، މާލެ އައިސް އެކަނި ގާތްގަނޑަކަށް އަޅުގަނޑުމެން މިއުޅުނީ. އުމުރުން ބާރަ އަހަރުގައި، މަންމައާއި ބައްޕައާ ވަކިން އަދި ހަމައެކަނި އެއްބަނޑު ބޭބެއަކާއެކީ.

އެހެންވީމާ، ވަރަށް ތަފާތު އިޙްސާސްތަކެއް، ވަރަށް ތަފާތު ގޮތަކަށް އަޅުގަނޑުމެންގެ އެ ސްކޫލް ދައުރު ދިޔައީ. މިހާރުގެ ގޮތަށް، ކައިރީގައި އަޅުގަނޑުމެންގެ ފޮތްތައް ބަލައި، އަޅުގަނޑުމެން ސްކޫލަށް ފޮނުވަން، ތެދުކޮށްފައި ފޮނުވަން، ނޫނީ އެކަހަލަ އެއްވެސް ކަމެއް ކުރާނެ، އެގޮތަށް ބަޔަކު ނެތް ޙަޤީޤަތުގައި. އެހެންވީމާ، އެ ވަރަށް ތަފާތު. އެހެންނަމަވެސް، ވަރަށްބޮޑަށް އަޅުގަނޑު އުފާކުރަން، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި މި ލިބުނު ތަޢުލީމު ލިބުމުގެ އަސްލަކަށް ވެގެންދިޔައީ އަޅުގަނޑުމެންގެ މަންމައާއި ބައްޕަގެ ހަމަ އެ ވަރުގަދަ ޢަޒުމު ނުވަތަ އަޅުގަނޑުމެންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި އެ ކުރެއްވި މަސައްކަތް. ދުރުގައި ތިއްބަސް އަޅުގަނޑުމެންގެ ޙާލު ވަރަށް ރަނގަޅަށް ކައިރިން ބެލި. އޭރު މި ކޮމިއުނިކޭޓް ކުރެވޭނެ އެއްވެސް ގޮތެއް ނޯވޭ.

އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ ވަރަށް ތަފާތު ގޮތަކަށޭ، އަޅުގަނޑުމެންގެ އެ ދުވަސްތައް ވެގެންދިޔައީ. މި ދެންނެވި ގޮތަށް އޮތުމުން، އަމިއްލަ ޒިންމާ، މި އެންމެ ފުރަތަމަ ދުވަހުވެސް އަޅުގަނޑަށް މިހާރު އުނދަގޫ މި ތަޞައްވުރު ކުރަން. އަޅުގަނޑުގެ ހުރޭ، ބާރަ އަހަރަށްވުރެ ދޮށީ ކުއްޖެއް.

އެހެންވީމާ، އަޅުގަނޑުގެ އެ އުމުރުގައި އަޅުގަނޑު އެކަނި އެގޮތަށް ބޭބެއަކާއެކީ ކޮޓަރިއެއްގައި ވަކިން، މިސާލަކަށް ކުއްޔަށް ހިފައިގެން ކިޔަވަން އުޅޭއިރު އަމިއްލައަށް ތެދުވެގެން ގޮސްފައި، މިހިސާބަށް ނުވަތަ ތަޢުލީމީ ގޮތުން އަޅުގަނޑަށް ދެވުނު ހިސާބަކަށް ދެވުނު. އެކަމަކު އަޅުގަނޑު ހިތަށްއަރާ އިނގޭތޯ، އޭގައި ވަރަށްގިނަ ގޮންޖެހުންތަކެއް ހުއްޓޭ. އެހެންނަމަވެސް، އަޅުގަނޑު ވަރަށް އުފާކުރަން، އަދި ހަމަ އެކަމަށްޓަކައި އަޅުގަނޑު ޝުކުރު އަދާކުރަން، އޭރު އަޅުގަނޑުމެންނަށް އެހީތެރިކަން ލިބުނު ފަރާތްތަކަށް. އަދި ޚާއްޞަކޮށް، އަޅުގަނޑުގެ މަންމައާއި ބައްޕައަށް.

ޕްރެޒެންޓަރ:

މަނިކުފާނަކީ ހަމަ މަނިކުފާނުގެ އުމުރުފުޅުގައި، ގާތްގަނޑަކަށް ހަމަ ވަރަށް ތުއްޕުޅުއިރު، ބާރަވަރަކަށް އަހަރުގައިވެސް އިޖުތިމާޢީ އެކި ކަހަލަ ކަންކަމުގައި އިސްނަންގަވައިގެން، އެކަންކަމުގައި ވަރަށްބޮޑަށް ބައިވެރިވެވަޑައިގެން އުޅުއްވި ބޭފުޅެއް.

ދެން މިހާރު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރައްވަމުން ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު އަދާކުރައްވާއިރުވެސް، ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމެއް، އިޖުތިމާޢީ ގޮތުން އެކި ކަހަލަ ހަރަކާތްތަކުގައި ވަރަށްބޮޑަށް އުޅުއްވާކަން. ކިހިނެއްތޯ މިކަމަށް ޝައުޤުވެރިކަން އުފެދުނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެން އޭރު ދެން ކުޅިވަރު. އަޅުގަނޑުމެންގެ އުމުރުން ބާރަ، ތޭރަ އަހަރުގައި އަޅުގަނޑުމެންނަކަށް ދެން އެހެން އެއްވެސް އެއްޗެއް ނުވެސް ފެންނާނެ. އޭރު އުމުރުގެ ގޮތުން އަދި މާގިނަ މަންޒަރުތަކެއް ނުވެސް ފެނޭ. މިހާރު މިހިރަ ވަސީލަތްތަކާއި އެކަހަލަ އެއްވެސް ކަމެއް އޭރަކު ނެތް.

އެހެންވީމާ، ކުޅިވަރުގެ ތެރެއިން، ދެން ފުޓްބޯޅައަކީ އަޅުގަނޑުވެސް ހަމަ ވަރަށް ކުޅޭހިތްވާ އަބަދުވެސް ވަރަށް ލޯބިކުރި، ކުރަމުންދިޔަ ކުޅިވަރެއް. އެގޮތުން ދެން ފުޓްބޯޅަ މުބާރާތްތަކެއްގެ ގޮތުގައި އަސްލު އަޅުގަނޑުމެންގެ މި ކަންތައްތައް ފެށިގެން ދިޔައީ. ދެން ޙަޤީޤަތުގައި އޭރު ބޮޑަށް އެ ފެށުނީވެސް 1986 ވަނަ އަހަރުގެ ވަރލްޑް ކަޕް. އޭރު ދެން މެރަޑޯނާ، ރާއްޖޭގައިވެސް ހުރިހާ އެންމެންގެވެސް ވަރަށް މަޤްބޫލު، އަޅުގަނޑުމެންގެ ވަރަށްބޮޑު ސަޕޯޓް ލިބުނު ފަރާތަކަށް ވެގެންދިޔައީ.

އެކަމާ ގުޅިގެން ގޮސްފައި އަޅުގަނޑުމެން ފުޓްބޯޅަ ފެށްޓީ ސްކޫލް ޗުއްޓީގައި. ފުޓްބޯޅަ މުބާރާތެއްގެ ސިފައިގައި ދެން ފުވައްމުލަކުގައި ކޮންމެ އަހަރަކުވެސް. ހަމަ ދެން އެއީ ކުޅިވަރުގެ ޢީދެއް ފުވައްމުލަކަށް އަންނަ. އޭގެ ތެރެއިން ގޮސްފައި އަސްލު މި ކަންތައްތައް ފެށުނީ. ދެން އެހެންނަމަވެސް، އޭރު ހަމަ މުޅިންވެސް ކުޅިވަރުގެ ކަންތައްތައް އެންމެ ފުރަތަމަ ކުރަމުން ދިޔައީ. ވަރަށް ގަޔާވާ، ވަރަށް ކުރާހިތްވާ އެގާރަ މަސްދުވަސް އަޅުގަނޑުމެން އިންތިޒާރުކުރަން އެއްމަސް ދުވަހަށް. އެގާރަ މަސްދުވަހުގެ އިންތިޒާރަކަށްފަހު، އަޅުގަނޑުމެންގެ ރައްޓެހިންނާއި، ވަރަށްގިނަ ބަޔަކު މި ރަށަށް ޗުއްޓީގައި ދަނީ. އެ އެއްމަސްދުވަސް ވެގެންދަނީ އެކުވެރިކަމާއި، ރަޙުމަތްތެރިކަމުގެ ގުޅުން އުފެއްދުމާއި، އެކަކު އަނެކަކަށް ތަޢާރުފުވެ، އެ ގުޅުން ވަރުގަދަކުރުމަށްވެސް ލިބުނު ވަރަށްބޮޑު ފުރުޞަތަކަށް.

ޕްރެޒެންޓަރ:

އެއީ ހަމަގައިމުވެސް، ރަށުގައި ތިއްބެވި ޒުވާނުންނަށްވެސް ފުރުޞަތަކަށްވާނެ، އެކަކު އަނެކަކު ފެނިދެނިވެ، އަދި ހަމައެހެންމެ ގުޅުންތައް ބަދަހިކުރުމަށްޓަކައި.

އޭރު އަދި ހަމަ އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުންނަމަ، ރަށުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ފުޓްބޯޅަ މުބާރާތްތައްވެސް އިންތިޒާމު ކުރައްވާފައި އެބަވޭ. މިހާރުވެސް އަޅުގަނޑުމެން ފުޓްބޯޅަ މުބާރާތްތަކުގެ އިންތިޒާމުތަކަށް ބަލައިލާއިރު، ވަރަށް ޚަރަދު ބޮޑު ކަމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ. އޭރު ހަމަގައިމުވެސް އެ ކަންކަން ކުރެއްވޭނީ، ވަރަށްގިނަ ގޮތްގޮތަށް ވިސްނަވާފައި، ވަރަށްބޮޑު ހިތްވަރެއް ހުރެގެން. ކިހިނެއްތޯ އެކަން ކުރިއަށް ގެންދެވީ އޭރު؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ސްކޫލުގައި އުޅެމުން ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދިޔައީ. ދެން ޚަރަދުތަކެއްދިޔަ. ދެން އަޅުގަނޑު ކުރި ކޮންމެ ޚަރަދަކީ، ހަމައެކަނި އަޅުގަނޑުގެ ބައްޕަ އެ ކަންތައްތައް އަޅުގަނޑަށް ކޮށްދެއްވީ. ދެން އަޅުގަނޑުގެ ވަރަށް ރަނގަޅު ޓީމެއް އޮވޭ. ޒުވާނުން، މި ހުރިހާ އެންމެން. ފުވައްމުލަކަކީ ބޮޑު ރަށެއް، ޒުވާނުން ވަރަށް ގިނަ ރަށެއް. އެގޮތުން މި ހުރިހާ އެންމެންގެވެސް އެއްބާރުލުމާއި މަސައްކަތާއެކު ކުރިއަށްދިޔައީ.

ދެން އޭރު އެހާ ގިނަ ޚަރަދުތަކެއް، މިހާރު ކަންތައްތައް ކުރަން ކުރަންޖެހޭ ހޭދަތަކެއް އެ ވޮލަންޓިއަރިޒަމް، އޭރު ވަރަށް ބޮޑު އެކަހަލަ ކަންތައްތަކުގައި. ކުޅިވަރުގެ ކަންތައްތަކުގައި، ހަމަ ހުރިހާ އެންމެން ނުކުމޭ. އެހެންވީމާ ކަންނޭނގެ އަޅުގަނޑު އެހާ ފަސޭހަކޮށް، މެދުކެނޑުމެއްނެތި ގާތްގަނޑަކަށް ހަމަ ސްކޫލް ދައުރު ނިމި، އަދި ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ފުޓްބޯޅަ މުބާރާތް މެދުނުކެނޑި ބޭއްވުނީވެސް، އަޅުގަނޑު ގަބޫލުކުރަނީ، އެގޮތަށް އެހީތެރިކަންވެސް ޒުވާނުންގެ ފަރާތުން، ޚާއްޞަކޮށް، ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން އެ ލިބިގެންދިޔަ އެކުވެރިކަމާއި އެއްބާރުލުމުގެ ސަބަބުން. އަދި ހަމައެއާއެކު އޭރުވެސް މި ފުޓްބޯޅައިގައި، މި އެފް.އޭ.އެމް.ގެ ފަރާތުންވެސް އެހީތެރިކަން ވަރަށްބޮޑަށް ލިބިގެންދިޔަ. އަޅުގަނޑު ހަމަ ހިތަށްއަރާ، އޭރު އެހާ އުމުރުން ހަގުކޮށް ހުރިއިރުވެސް، އަޅުގަނޑު މި އެފް.އޭ.އެމް.އާ، އެ ތަންތަނަށް ދިޔުމުން އެ އެހީތެރިކަން ލިބުނީމާ، އަޅުގަނޑު ހަމަ ހިތަށްއަރާ، ހާދަހާ ރަނގަޅަށޭ އޭރުވެސް އެބޭފުޅުން ކަންތައްތައް ކުރެއްވީ.

ޕްރެޒެންޓަރ:

ދެން ފުޓްބޯޅަ މުބާރާތްތަކުގެ އިތުރަށް، ހަމަ އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި، އަދި ހަމަ އެހެންމެ ރަށަށް ބޭނުންވާ މުހިންމު ކަންތައްތައް ފުރިހަމަ ކުރެއްވުމަށްޓަކައިވެސް ދީލަތި އެހީފުޅުތަކެއް ވެދެއްވާފައި އެބަހުރި. އޭގެ ތެރޭގައި ރަށުގައި ޤުރްއާން ކުލާސްތައް ޤާއިމުކުރުމާއި، އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި އަދި މިނޫނަސް ރަށަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައި އެބަވޭ. އެކަންކަން އޭރު ފެށްޓެވީ ކޮން ބޭނުމެއްގައި، ކޮން މަޤްޞަދެއްގައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެންނަށް މި ފެށިގެން ދިޔައީ ކުޅިވަރުގެ ކަންތައްތަކުން. ދެން އޭރު އަޅުގަނޑުމެންނަކީ ކުޑަކުދިން. އޭރު އުމުރުން ތޭރަ، ސާދަ، ފަނަރަ އަހަރުގެ ޒުވާނުން. އެހެންވީމާ، އޭރު ހަމަ މުޅިންވެސް ވިސްނުން ހުރީ ކުޅިވަރުގެ ކަންތައްތަކަށް. އެގޮތުން ފުޓްބޯޅަ މުބާރާތްތަކާއި، މިއުޒިކް ޝޯއާއި، އަދިވެސް، ޒުވާނުން އޭރު ބޭނުންވާނެ ކަހަލަ ކަންތައްތަކަށް މުޅިންވެސް ސަމާލުކަން، ނޫނީ ފޯކަސް ބެހެއްޓުނީ. އެހެންނަމަވެސް، އަޅުގަނޑުމެންވެސް ހަމަ ސްކޫލުގައި އުޅެމުން ރަނގަޅަށް ވިސްނުން ބަދަލުވަމުންދާ ނުވަތަ ހަރުދަނާވެގެންދާ މިންވަރުން މި މުޖުތަމަޢަށް ފައިދާކުރާނެ ކަންތައްތަކަށް ބޮޑަށް ހަމަ ވިސްނުން ބަދަލުކޮށް، އެގޮތުން ޤުރްއާން މުބާރާތްތަކާއި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އަދި އެނޫނަސް މުޖުތަމަޢަށް ފައިދާކުރުވަނިވި އެކިއެކި ކަންތައްތަކެއް ކުރަމުންދިޔައީ.

ދެން މީގެ ތެރޭގައި ހަމަ ސަލާމަތާއި ރައްކާތެރިކަމުގެ ކަންތައްތައް. އެއީ ދެން އޭރުވެސް އެނގިވަޑައިގަންނަވާނެ، ފުވައްމުލަކަކީ އޭރު ބަނދަރެއް އޮންނަ ރަށެއް ނޫން. ވަށައިގެން ރާޅު. ރަށަށް އަރައި ފޭބުމަކީ އެއީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައި އޮންނަނީ. އެހެންވީމާ، އޭގެ ތެރެއިން ގޮސް އަޅުގަނޑުމެން ހަމަ ވަރަށްބޮޑަށް އަބަދުވެސް ވިސްނޭ، ސަލާމަތާއި ރައްކާތެރިކަމަކީ ހާދަ މުހިންމު ކަމެކޭ. އެއީ ހާދަ ބޭނުން ކަމެކޭ. އެހެންވީމާ، އެގޮތުން އެންމެ ބޭނުންތެރި ކަންތައްތަކަށް އޭރު ދެން ކަންތައްތައް ކުރަމުން ދިޔައީ، އަޅުގަނޑަށް ދެން ވެވުނު މިންވަރަކުން.

ޕްރެޒެންޓަރ:

ތިޔަ ވާހަކަ ފާހަގަކުރެއްވީމާ ހަމަ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މިދިޔަ އަހަރުވެސް މަނިކުފާނު އިސްނަންގަވައިގެން ފުވައްމުލަކަށް އެ ވެދެއްވި އެހީތަކުގެ ތެރޭގައި ވަކިން ޚާއްޞަކޮށް، ތުނޑީ ސަރަޙައްދުގައި، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޭނުންވާ ރިންގްތަކެއްވެސް ހަދިޔާ ކުރައްވާފައި އެބަވޭ. އެގޮތަށް، ހަމަ އެކި ދުވަސްވަރު އެކި ރަށްރަށަށް، އެގޮތަށް ވަރަށް ދީލަތި އެހީތަކެއް ވެދެއްވާފައި އެބަހުރި. ފުވައްމުލަކު ނޫނަސް، މަނިކުފާނު ކާށިދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވިއިރު، އެ ދާއިރާގެ ރަށްތަކަށްވެސް ވަރަށް ދީލަތި އެހީފުޅުތަކެއް ވެދެއްވާފައި އެބަވޭ.

ދެން މި ކަންކަމާ އެކީގައި އިޖުތިމާޢީ ގުޅުން ވަރަށް ރަނގަޅު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ. ވަރަށް ޒުވާން އުމުރުފުޅުގައި، 1999 އަހަރު ޒުވާނުންގެ ޤައުމީ އިނާމުވެސް ވަނީ ލިބިވަޑައިގެންފައި. އެހެންވީމާ، މި ހުރިހާ ކަމެއްގައިވެސް، މި ކާމިޔާބީގެ އަސްލެއް ކަމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އިޖުތިމާޢީ ގޮތުން ޤައުމަށް ކުރައްވާފައިވާ ޚިދުމަތް. އޭރު
އެ ދުވަސްކޮޅު، މި އިނާމާ އެކީގައި، މި ކާމިޔާބީއާ އެކީގައި، ހިތަށްވެރިވެވަޑައިގެންނެވި ޝުޢޫރުތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑަށް ދެން ޒުވާނުންގެ ޤައުމީ އިނާމު ލިބުމުން ޙަޤީޤަތުގައިވެސް ވަރަށް އުފާވި. ދެން އަދި އެ ލިބުމުން އަޅުގަނޑުގެ ހިތްވަރު އިތުރަށް ގަދަވެ، ޢަޒުމު ވަރުގަދަ ކުރިން، އިތުރަށް އަޅުގަނޑަށް ކުރެވެން ހުރި ކަންތައްތައް ހުއްޓުމެއްނެތި ކުރިއަށް ދިޔުމަށް. މީގައި އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ކަންތައްތައް ކަމަށް ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ޤައުމަށް އެކި ރޮނގުރޮނގުން، އެކި ގޮތްގޮތުން މި ޚިދުމަތް ކޮށްދެއްވާ ފަރާތްތަކާއި، ރީތި ނަން ހޯއްދަވައިދެއްވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތަށް އެކަމައިގެން ކުރިއަށް ދެވޭނެ މަގު ފަހިކުރުމަށްޓަކައި ހިތްވަރުދިނުން. އެއީ އަޅުގަނޑު ގަބޫލުކުރަނީ އަބަދުވެސް ކުރަންޖެހޭނެ ކަމެއްކަމަށް. ދެން އެ ދުވަހު އަޅުގަނޑަށް ލިބުމުން، ހަމަ ހުއްޓުމެއްނެތި އަޅުގަނޑު ބެލީ، ތަފާތު އެކި ކަންތައްތައް ކުރެވޭތޯ. އެ ވެގެންދިޔައީ ވަރަށްބޮޑު އުފަލަކަށް. ވަރަށްބޮޑު ހިތްވަރެއް ލިބުނު ކަމަކަށް ވެގެންދިޔައީ.

ޕްރެޒެންޓަރ:

ސިޔާސީ ދާއިރާއަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުންވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައި އެބަވޭ. އެހެންވީމާ، މަނިކުފާނުގެ ޢާއިލާއަށް ބަލައިލާއިރުވެސް، ޢާއިލާގެ ވަރަށްގިނަ ބޭފުޅުންނަކީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތުގައި މިހާރުވެސް ތިއްބެވި ބޭފުޅުން. އަނެއްބައި ބޭފުޅުންނަކީ ކޮންމެވެސްވަރަކަށް އެ މަސައްކަތުގައި އުޅުއްވާފައި، މިހާރު ތަންކޮޅެއް ދުރަށް ޖެހިވަޑައިގެންފައި ތިއްބެވި ބޭފުޅުން. ކިހިނެއްތޯ، ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ސްކޫލްގައި އުޅުނުއިރު، އަޅުގަނޑު ހަމަ އަބަދުވެސް ވިސްނަމުން ދިޔައީ، ސްކޫލް ނިމުމާއެކު އަޅުގަނޑު ހަމަ އެންމެ ދުވަހެއްވެސް މަސައްކަތަކަށް ނުގޮސް، ވަޒީފާއަކަށް ނުގޮސް ނުހުންނާނަމޭ. ހަމަ އަޅުގަނޑު ފުރަތަމަ އޯ ލެވެލް ނިމުމާއެކު، އަޅުގަނޑު ހަމަ ވަރަށްބޮޑަށް ބަލަމުން ދިޔައީ، މި ދެންނެވި ގޮތަށް ވަޒީފާއަކަށް ދާން. ދެން ރާއްޖެއަށް އޭރު ބަލައިލިއިރު ކުރިއަށް ދިޔުމަށްޓަކައި، އަޅުގަނޑަށް ފެނުނީ އެންމެ ރަނގަޅު ދާއިރާއެއްގެ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ. ދެން އެގޮތުން، އަޅުގަނޑު ހަމަ ސްކޫލް ނިމުމާއެކު، މި ޖޮއިން ކުރީ އެމަސައްކަތާ. އެއީ އޭރުގައި ރިޒޯޓު ހެދުން. ނަމަވެސް، ހިންގަމުންދިޔަ ރިޒޯޓަކަށް އަޅުގަނޑު ވަޒީފާއަކަށް ދިޔައީކީވެސް ނޫން. ރަށެއް ހަދަން ފުރަތަމަ، އެ މަސައްކަތުގައި އަޅުގަނޑަށް އުޅެވުނީ.

ޕްރެޒެންޓަރ:

މައިގަނޑު ގޮތެއްގައި މަނިކުފާނަށް ހަވާލުކުރެވުނު މަސްއޫލިއްޔަތުތަކަކީ ނުވަތަ ކޮންކަހަލަ މަސައްކަތްތަކެއްތޯ އޭރު ހަވާލުކުރެވުނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން އޭރު މަސައްކަތް ކުރަންޖެހުނީ، ތަނުގެ މެނޭޖަރ ނޫނީ، އިންޗަރޖްގެ ދަށުން އެސިސްޓެންޓެއްގެ ގޮތުގައި، ޑެޕިއުޓީއެއްގެ ގޮތުގައި. އަޅުގަނޑުގެ އުމުރުން އޭރު އަދި އަށާރަ އަހަރު. ދެން އަޅުގަނޑު ބެލީ އަޅުގަނޑަށް ހަވާލުކުރެވޭ މަސައްކަތުގެ އިތުރުންވެސް، އަޅުގަނޑަށް ކުރެވެން ހުންނަ ހުރިހާ މަސައްކަތެއް ކުރަން. އެއްވެސް ކަމެއް ދޫކޮށްނުލައި، ގިނަ ކަންތައްތަކެއް ކުރަން އަޅުގަނޑު ވިސްނީ.

އެއީ އަޅުގަނޑު ގަބޫލުކުރީ، އޭރު އަޅުގަނޑަކީ އެއްވެސް ތަޖުރިބާއެއް ހުރި މީހެއްނޫން. އަދި އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަކީ އޭރު އެއްވެސް މަސައްކަތެއް ކުރެވިފައި ހުރި މީހެއްނޫން. ދަސްވެފައި ހުރި މީހެއްނޫން. އެހެންވީމާ، އަޅުގަނޑު ވީހާވެސް ގިނަ ކަންތައްތަކެއް ކޮށްގެންނޭ އަޅުގަނޑަށް ކުރިއަށްދެވޭނީ. ތަފާތު ކޮންމެ ރޮނގަކުން އަޅުގަނޑު އަދި ދާންޖެހުނަސް. އެހެންވީމާ، އަޅުގަނޑު ބެލީ އަބަދުވެސް އަޅުގަނޑާ ހަވާލުކުރި މަސައްކަތްތަކަށްވުރެ ގިނަ ކަންތައްތައް ކުރުމަށްޓަކައި، އެހެން މީހަކަށް ކަމެއް، އެމީހަކާ ހަވާލުކުރަން ނޫނީ، އެމީހަކު ކުރަންޖެހޭނެ ކަމެކޭ އެކަމަކީ، އެގޮތަށް ދޫނުކޮށް، އެވަގުތުގެ ފުލް އެޑްވާންޓޭޖް އަޅުގަނޑު ނެގުން އެއީ އަޅުގަނޑު އޭރު މަސައްކަތުގައި އުޅެމުންދިޔަ ގޮތަކީ.

ޕްރެޒެންޓަރ:

އާދެ، ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވުމަށްފަހު، ދެން ސިޔާސީ ދާއިރާއަށް ނުކުންނަވަން ގަސްތުކުރެއްވީ ކޮން ސަބަބަކާ ގުޅިގެންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑެއް ނުވިސްނަން، ވަކި ސީދާ ސިޔާސީ ދާއިރާއަކަށް. ސީދާ އެގޮތަށް ނުކުތުމުގެ ވިސްނުމެއް ނޫން އަބަދުވެސް އޮތީ. އެހެންނަމަވެސް، އަޅުގަނޑުގެ ވިސްނުމުގައި އޮތް، އަޅުގަނޑު އޭރު ކުރަމުންދިޔަ ކަންތައްތައް މަދުންނަމަވެސް އެ އިޖުތިމާޢީ ކަންތައްތައް، ނޫނީ ޤައުމަށްޓަކައި ޚިދުމަތެއް ކުރުމަށް މި ލިބޭ ފުރުޞަތު، އަބަދުވެސް އެކަމުގައި އުޅެން އަޅުގަނޑު އަބަދުވެސް ބޭނުންވޭ.

ދެން އަޅުގަނޑު ގަބޫލުކުރަނީ، ކޮންމެހެން ވަކި މަޤާމެއްގައި ސީދާ މީހަކު އަދި ހުންނާކަށްވެސް ނުޖެހެޔޭ ވަކި ކަންތައްތަކެއް ޤައުމަށްޓަކައި ކުރާކަށް. ހަމަ ކޮންމެ މަޤާމެއްގައި ހުއްޓަސް، އަޅުގަނޑަށް ގަބޫލުކުރެވެނީ ޚިދުމަތް ކުރެވޭނޭ ކަމަށް.

ދެން އަޅުގަނޑު ހަނދާންވަނީ، އެ ޚާއްޞަ މަޖިލިސް އިޢުލާން ކުރެއްވި ދުވަސް އެއީ. އޭރު ދެން އަޅުގަނޑުގެ އުމުރުން އަދި އެހާ ދުވަހެއްވެސް ނުވޭ. އޭރު ހަމަ އިޢުލާނު ކުރުމާއެކު އަޅުގަނޑުގެ ބައްޕަ އަޅުގަނޑާ ގުޅުއްވި. އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑު އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ މަތީގައި ހުއްޓައި، އަޅުގަނޑާ ގުޅުއްވާފައި ބައްޕަ ވިދާޅުވި، ކުރިމަތިލާންވީއޭ. ދެން އަޅުގަނޑުވެސް ހަމަ އެގޮތަށް ވަގުތުން މި ލާން ނިންމީ. ދެން އެ ވަގުތަކީ އަޅުގަނޑަށްވެސް ހަމަ ކޮންމެވެސްވަރަކަށް ޒުވާނުންނާއި، ރައްޔިތުންނާއެކީ އަބަދުވެސް ވަގުތުތަކެއް ހޭދަކުރެވޭތީވެ، ފުވައްމުލަކު ރައްޔިތުންނަށް ވަރަށްބޮޑަށް ފެންނަ ކަމަކަށް ވެގެންދިޔައީ، އަޅުގަނޑު ކުރިމަތިލުން. ދެން އެގޮތުން ވަރަށް ރަނގަޅަށް އަޅުގަނޑަށް އެ އިންތިޚާބުގައި، ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ. ރަށުގެ ހަމަ ގާތްގަނޑަކަށް 90 ޕަސެންޓް ރައްޔިތުންގެ.

ޕްރެޒެންޓަރ:

މަނިކުފާނަކީ ހަމަ ފުވައްމުލަކަށް އުފަން، ފުވައްމުލަކަށް ވަރަށްގިނަ ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، ފުވައްމުލަކުގެ ވަރަށްގިނަ އަދަދެއްގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވާފައިވާ ބޭފުޅެއް. އެހެންނަމަވެސް، ކުރިން ތިޔަ ފާހަގަކުރެއްވި، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ކުރިމަތިލެއްވުމަށްފަހު، ވަރަށްބޮޑު އަޣްލަބިއްޔަތަކުން އޭރު ހޮވިވަޑައިގަތީ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި، 2014 ވަނަ އަހަރުގެ އިންތިޚާބުގައި، ކީއްވެގެންތޯ ފުވައްމުލަކުގެ ދާއިރާއަކަށް ކުރިމަތިނުލައްވައި، ކާށިދޫ ދާއިރާއަށް ކުރިމަތިލެއްވީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު މިއީ ފުވައްމުލަކަށް، ރަށުގެ އަދި އެހެން ތަނެއްގައިވެސް އަޅުގަނޑު ކުރިކަމެއްވިއްޔާ ސީދާ އަޅުގަނޑު ކުރީކީ، އެކަމުގެ ބަދަލުގައި އަޅުގަނޑު އެއްޗެއް ހޯދަންޖެހޭނެ ކަމަށް ގަބޫލުކޮށްގެންނެއް ނޫން.

އެހެންވީމާ، އަޅުގަނޑު ނުދެކެން ކޮންމެހެން އަޅުގަނޑު ފުވައްމުލަކުގެ ޒުވާނުންނާއެކީ އަދި ރައްޔިތުންނާއެކު ކަންތައްތަކެއްގައި އުޅެފައި އަދި އަޅުގަނޑުގެ ޚިދުމަތެއް، އެއްވެސް ކަމެއް އަޅުގަނޑު ކުރިޔަސް، އޭގެ ބަދަލުގައި ކޮންމެހެން އަޅުގަނޑު ނުޖެހޭނެއޭ، ފުވައްމުލަކު ތަމްސީލުކުރަން، ނޫނީ ފުވައްމުލަކުގެ ރައްޔިތުންގެ އަތުން އޭގެ ބަދަލުގައި އެއްޗެއް ހޯދަން. އެއީ އަޅުގަނޑު ގަބޫލުކުރި ކަމެއްނޫން.

ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު ކުރިމަތިލުމުގެ ވިސްނުމަކީވެސް އެއްވެސް ހާލެއްގައި ދުރާލައި ރޭވިގެން އައި ކަމެއްނޫން. އެހެންވީމާ، އަސްލު އަޅުގަނޑު މި ކާށިދޫ ދާއިރާއަށް ކުރިމަތިލާންޖެހުނީވެސް. ކުރިމަތިލުމުގެ ވިސްނުންވެސް ހަމަ ކުއްލިގޮތަކަށް އައީ.

އަޅުގަނޑު އަބަދުވެސް ބޭނުންވޭ، ގިނަ ކަންތައްތައް ކުރަން. އަޅުގަނޑު އެއްކަމެއް ދެކަމަކަށްވުރެ ގިނަ ކަންތައްތަކުގައި އަބަދުވެސް އެންގޭޖްވެ މަސައްކަތްކުރަން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑަށް އޭރުވެސް ގަބޫލުކުރެވުނު، އަޅުގަނޑު އަދާކުރަމުންދިޔަ ވަޒީފާ، ކުރަމުންދިޔަ މަސައްކަތް ކުރަމުން، އަދިވެސް އަޅުގަނޑަށް އިޖުތިމާޢީ ކަންތައްތަކުގައިވެސް ކޮންމެވެސް މިންވަރަކަށް ހަމަ އުޅެވިދާނެ ކަމަށް. އަދި ހަމައެއާއެކު، އަޅުގަނޑު ގަބޫލުކުރީ، އެ ވަގުތަކީ ރާއްޖެއަށް ހަމަ ސިޔާސީ ގޮތުންވެސް ހަމަ ޚާއްޞަކޮށް، ރާއްޖޭގެ މި ޕާލެމެންޓްރީ ނިޒާމުގެ މަސައްކަތްތަކުގެ ތެރެއިން މި ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރެވި، އެ ވަގުތު ކަންތައްތައް ހުރި ގޮތުން އަޅުގަނޑު ކާށިދޫ ދާއިރާއަށް ނުކުންނަން ޖެހުނީ.

އަނެއްހެން ދަންނަވަންޏާ، އަޅުގަނޑު ދުވަހަކުވެސް ނުދަން ކާށިދުއަށްވެސް. ގާފަރަށްވެސް ނުދަން. އަދި އަޅުގަނޑުގެ އެއްވެސް ރައްޓެހި ބަޔަކުވެސް ނެތް. ތިމާގެ ބަޔަކުވެސް ނެތް. ހަމަ އަލަށް އަޅުގަނޑު ދާންޖެހުނީ، މި މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާ މީހެއްގެ ގޮތުގައި.

ޕްރެޒެންޓަރ:

އަލަށް އެގޮތަކަށް ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންގެ ތާއިދާއި ލޯބި ހޯއްދެއްވުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންނަމަވެސް، ހިފެހެއްޓެވި އުޞޫލުތަކާއި އަގުތަކެއްގެ ސަބަބުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ސިޔާސީ ޙަޔާތްޕުޅުގައި އެގޮތަށް އަގުތަކެއްގެ ގޮތުގައި ނުވަތަ އަބަދުވެސް ދަމަހައްޓަވާ އުޞޫލުތަކެއްގެ ގޮތުގައި، ކޮންކޮން ކަންތައްތަކެއްތޯ ގެންގުޅުއްވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކޮންމެ ކަމެއް އަޅުގަނޑު ކުރިޔަސް، ކޮންމެ ކަމެއްގައި އަޅުގަނޑު އުޅުނަސް އަޅުގަނޑަށް ވަރަށް މުހިންމު އެހެން މީހުން. އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުގެ ނަފްސަށް އަޅުގަނޑު ރަނގަޅު ގޮތް، އަޅުގަނޑުގެ ޢާއިލާއަށް، އަޅުގަނޑުގެ އެއްބަނޑު ތިމާގެ މީހުންނަށް، މިސާލަކަށް، އަޅުގަނޑު ހަމަ އެ އެދޭގޮތަށް އެހެން މީހުންވެސް އެކަން ބޭނުންވާނެ. ހަމަ އެހެން މީހުންގެ ޙައްޤުތަކެއްވެސް ވާނޭ. އެހެން މީހުންވެސް، އެމީހުންގެ ނަފްސަށް، އެމީހުންގެ ޢާއިލާއަށް ހެޔޮގޮތްތައް އަބަދުވެސް ބޭނުންވާނެ.

އެހެންވީމާ، އަޅުގަނޑަށް ވަރަށް މެޓަރ ކުރާ ކަމެއް، އެހެން މީހުންގެ ކަންތައްތަކަށްވެސް އިސްކަންދިނުން. ހަމައެކަނި އަޅުގަނޑުގެ ކަންތައްތައް އެކަންޏެއްނޫނޭ. އެހެންވީމާ، ކުރާ ކަންތައްތަކުގައި އަބަދުވެސް އެންމެންނަށް ފެންނަ ގޮތް ހޯދުމާއި، ކޮންމެ ކަމެއް ކުރިޔަސް، ގިނަ ބަޔަކަށް ފެންނަ ގޮތް ހޯދައި މަޝްވަރާ ކުރެވި، ޚިޔާލުބަދަލުކުރެވި، އެ ކަންތައްތައް ނިންމުމުގަޔާއި، ކުރުމުގައި އަޅުގަނޑު ވަރަށް ބޭނުންވޭ އެހެން މީހުންގެ އަޑުއަހާލަން. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑަށް ފަހަރެއްގައި އެއީ ވަރަށް ރަނގަޅު ގޮތެއް ކަމުގައި ގަބޫލުކުރެވުނަސް، ހަމަ ފަހަރެއްގައި ގިނަ ބައެއްގެ މަޝްވަރާއިން، އެއަށްވުރެ އަދި ރަނގަޅު ގޮތެއް އޮވެދާނެ އެކަމުގައި.

އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އަބަދުވެސް އެ ރެސްޕެކްޓް، އަޅުގަނޑުމެން އެ އިޙްތިރާމް އަނެކާއަށް ދޭން އެބަޖެހެޔޭ. ކޮންމެ ވަޒީފާއެއް އަދާކުރާ މީހަކަށްވިޔަސް، އެއީ ކޮންމެ ދަރަޖައެއްގެ ސަނަދެއް އޮންނަ މީހަކު ކަމުގައިވީނަމަވެސް، އެ އަޅުގަނޑަށް ހީވަނީ އެ މެއިންޓެއިން ކުރަންޖެހޭނެހެން. އެހެންވީމާ، އަޅުގަނޑަށް ވަރަށް އިސްކަންދެވޭ އެ ކަންތައްތަކުގައި.

ދެން އަޅުގަނޑަށް ޙަޤީޤަތުގައި މީގައި ފާހަގަކުރެވުނު، ފުވައްމުލަކުންވެސް އަދި ކާށިދޫ، ގާފަރުންވެސް ފެނިގެން ދިޔައީ ޒުވާނުންނާއި ރައްޔިތުންނާވެސް ހަމަ ވަރަށްގާތުން މަސައްކަތް ކުރެވުނު، ވަރަށް އެއްކޮށް މަސައްކަތް ކުރެވުނު. އަޅުގަނޑު ވަރަށް އުފާކުރަން، އަޅުގަނޑު އެމީހުން ބަލައިގަތީތީ. އަނެއްހެން އަޅުގަނޑަށް ކޮންކަމެއްތޯ ކޮށްދެވިފައި އޮންނާނީވެސް. އެހެންނަމަވެސް، އަޅުގަނޑަށް ހަމަ ގަބޫލުކުރެވުނީ، އަޅުގަނޑަށް އެނގިފައި ހުރި އެއްޗެއް ދެން އަޅުގަނޑު އެ ބޭނުންކޮށްގެން އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަން އެމީހުންނާއެކު އުޅުމުން، އެމީހުން އެގޮތް ގަބޫލުކުރީކަމަށް.

ޕްރެޒެންޓަރ:

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްކޮޅަކީ ހަމަ ވަރަށް ބުރަކޮށް އުޅުއްވާނެ ދުވަސްކޮޅެއް. އޭރު ރަށްރަށަށް ވަޑައިގެން ހަމަގައިމުވެސް އާންމު ރައްޔިތުންގެ އުދާސްތަކާއި، އާންމު ރައްޔިތުންގެ ޝުޢޫރުތައް ވަރަށް ކައިރިން، ހަމަ އެބޭފުޅުން އަރިހަށް ވަޑައިގެން އެކަންކަން ވާނީ ފެނިވަޑައިގެންފައި.

އެދުވަސްކޮޅު ކިހިނެއްތޯ ސިފަކުރައްވާނީ؟ ރައްޔިތުން އޭރު ބޭނުންވި ކަންތައްތައް މިހާރު ކިހާވަރަކަށް ހާސިލުވަމުން އެބަ އާދޭތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެންނަށް ވަރަށް ތަފާތުގޮތަކަށް ރާއްޖޭގެ ރަށްރަށުން އެ ކެމްޕެއިން ދަތުރުތަކުގައި، ހަމަ ރައްޔިތުންނާ ވަރަށް ކައިރިން މި ފެނިގެން ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ބޮޑު ބަދަލެއް އެބަ ގެންނަންޖެހޭކަން. ދެން އަޅުގަނޑަށް މީގައި ފާހަގަކުރެވުނީ، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ އަމާންކަން. ހިތްހަމަޖެހެން އެބަ ބޭނުންވޭ، އިތުބާރު އެބަ ބޭނުންވޭ، ރައްޔިތުންގެ އަޑުއަހާނެ ބަޔަކު އެބަ ބޭނުންވޭ. އެއީ އަޅުގަނޑަށް ފާހަގަކުރެވުނު ކަންކަން. ޤައުމެއްކަން މި ހިންގަނީ. އެތައް ރައްޔިތުންނެއްގެ ޤައުމެއްކަން މިއީ. އެހެންވީމާ، ޤައުމު ހިންގުމުގައި، ޤައުމުގެ ކަންތައްތައް ކުރުމުގައި ރައްޔިތުންގެ ބަސް އެބަ އަހަންޖެހޭކަން.

އަޅުގަނޑަށް ހީވަނީ، މިއަދު ގަބޫލުކުރެވެނީ، މިއަދު ހަމަ ސަރުކާރުގެ ކަންތައްތައް ކުރިއަށް މިދަނީ ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނަކީ އެންމެ މުހިންމު ބައެއްގެ ގޮތުގައި ދެކިގެން. އެއްގޮތަކަށްވެސް، މަދު މީސްކޮޅެއްގެ ފައިދާއަށްވުރެ ބޮޑަށް މުޅި ޤައުމަށް، މުޅި ޤައުމުގެ ރައްޔިތުންގެ މަސްލަޙަތަށް ވިސްނައިގެން.

ޕްރެޒެންޓަރ:

ދެން އޭރު އެކުރެވުނު ދަތުރުތަކުގައި، މަނިކުފާނުގެ އަރިހުގައި ހަމަ މަނިކުފާނުގެ ކޮއްކޯފުޅެއްވެސް ދަތުރުކުރެއްވި. މިހާރު ސެކްރެޓަރީގެ މަޤާމުގައި ހުންނެވި. ކިހިނެއްތޯ އެ ތަޖުރިބާ؟ ހަމަގައިމުވެސް ވަރަށް ތަފާތުކަމަކަށްވާނީ، އަޅުގަނޑުމެންނަށް މީގެކުރިން ފެނުނު މަންޒަރެއް ނޫން. އެހެންވީމާ، މަނިކުފާނުގެ ތަޖުރިބާ ހަމަގައިމުވެސް ތަފާތުވާނެކަމަށް އަޅުގަނޑުމެން ދެކެނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ހަމަ މީގައި ދަންނަވާލާނީ، މި ކެމްޕެއިނުގައި ދިޔަ ދުވަސްތަކުގައި ޙަޤީޤަތުގައި ވަރަށް ގިނަ ބަޔަކު، ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި، ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. ރެޔާއިދުވާލު ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި. އަދި އޭރު ކަންތައްތައް ހުރި ގޮތުގެ ވާހަކަ އަޅުގަނޑު ނުދެއްކިޔަސް، ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަ ވަރަށްބޮޑަށް މިހާރުވެސް އެ މަންޒަރު ހަމަ ފެންނާނެ، އުޅެންޖެހުނު ގޮތް.

އެގޮތުން ހަމަ އަޅުގަނޑުމެންވެސް އެއްވެސް ރެސްޓެއްނެތި ދުވާލަކު ގާތްގަނޑަކަށް ހަ ރަށަށް، ހަތް ރަށަށް ދަތުރުކުރަމުންދިޔައީ، ރައްޔިތުންނާ ބައްދަލުކުރަން. އޭގައި ޙަޤީޤަތުގައި އަޅުގަނޑުގެ މަސައްކަތުގައި އެންމެބޮޑަށް އަޅުގަނޑު ދަންނަވާނީ، އެހިސާބަށް ގެންދިޔުމުގެ އެންމެބޮޑު އަސްލަކަށް ވެގެންދިޔަ އެއް ސަބަބު، އަޅުގަނޑާއެކީ އެ މަސައްކަތުގައި އޭރު އަޅުގަނޑުގެ ކޮއްކޮ ނަޒްރާ ނަސީމް (ނަޒޫ)ގެ މަސައްކަތް. އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުންވޭ. އެއީ ފެށުނީއްސުރެ ނިޔަލަށް އަދި މިހާރުވެސް މި ކަންތައްތައް ކުރުމުގައި އަޅުގަނޑު މި ދެންނެވި ގޮތަށް، ރައްޔިތުންނަކީ އެންމެ އިސް ބައެއްކަން، ޤައުމުކަން އެންމެ އިސްކުރަންޖެހެނީ، އެގޮތަށް މި މަސައްކަތް ކުރެއްވުމުގައި ހަމަ އެންމެ ބޮޑު ދައުރެއް އަދާކުރާ އެކަކަށް އަޅުގަނޑަށް އެހީތެރިވުމުގައި ހަމަ މުޅި މަސައްކަތުގެ ތެރޭގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން.

ދެން މީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މި ފެންނަނީ، އަންހެން ބޭފުޅުންގެ ކެރުމާއި، މަސައްކަތަށް ނުކުމެ، އެ ހިތްވަރު މި ފެންނަނީ. އަޅުގަނޑުމެންނަށް ކެމްޕެއިން ތެރޭގައި ޙަޤީޤަތުގައިވެސް ފެނިގެންދިޔައީ، އަންހެން ބޭފުޅުންގެ ހިތްވަރު އަތޮޅުތަކުން، ރަށްތަކުން ފެނިގެންދިޔަ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ، މުޅި ސަރުކާރަށް ބަލައިފި ކަމަށްވަންޏާވެސް، އަންހެން ބޭފުޅުންގެ ޙިއްޞާ. އަދި އަޅުގަނޑުމެންނަށް ކުރިމަތިވެގެން މި އަންނަ އިންތިޚާބުންވެސް އިރާދަކުރެއްވިއްޔާ ގިނަ އަންހެން ބޭފުޅުންގެ ބައިވެރިވުން އޮވެގެން، ޤައުމެއް ހިންގާ މަންޒަރު، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، އަޅުގަނޑުގެ މަސައްކަތުގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނިގެން މިގޮތަށް މި ކަންތައްތައް ކުރިއަށް ގެންދެވޭތީ.

ޕްރެޒެންޓަރ:

މީގެ ވިހި އަހަރު ކުރިން، މަންޑޭ ޓައިމްސް އަށް އެބައޮތް އިންޓަރވިޔުއެއް ދެއްވާފައި. އެ އިންޓަރވިޔުގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ، ވިހިވިހި ވަނަ އަހަރު އަންނައިރު، ރާއްޖެ އޮންނާނެ ގޮތުގެ ތަޞައްވުރާ ބެހޭގޮތުން މަނިކުފާނު ވިދާޅުވެފައިވާ ބަސްކޮޅު.

އޭގައި ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވޭ، މާލެއެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ކަންކަން، އެއަށްވުރެވެސް ރަނގަޅަށް ނުވަތަ މާލެއާ އެއް ފެންވަރެއްގައި އެ ޚިދުމަތް ލިބުމަކީ މަނިކުފާނު ދެކެވަޑައިގަންނަން ބޭނުންފުޅުވާ ކަމެއް ކަމަށް. ދެން މިކަމުގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ، ލާމަރުކަޒީ އުސޫލުން އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް ހިންގުމާއި އަދި ހަމައެހެންމެ އެކި ކަހަލަ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން އަންނައިރު، އެ މަސައްކަތާވެސް ގުޅޭ ބަސްކޮޅެއްގެ ގޮތުގައި އެ ބަސްކޮޅު މި ފާހަގަކުރެވެނީ. އެހެންވީމާ، ވަރަށް ދުރު ވިސްނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. ކިހިނެއް ވިދާޅުފައި އޮތް ބަސްފުޅެއްތޯ އެއީ. ކޮންކަމަކަށް ބައްލަވާފައިތޯ، އޭރު އެ ބަސްފުޅު ވިދާޅުވެފައި އެއޮތީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އޭރުވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އޭރު އަޅުގަނޑު ރަށަށް ގޮސްފައި މި ފުޓްބޯޅަ މުބާރާތްތަކާއި އަދި އެނޫންވެސް ކަންތައް އަޅުގަނޑުމެން ކުރަމުންދާއިރު، އަބަދުވެސް އަޅުގަނޑުމެންނަށް ފެނުނު، މި ހިންގުމުގެ ކަންތައްތަކުގައި ހުރި ދަތިތައް. މި އަތޮޅުތައް، ނޫނީ ރަށްތައް ހިންގުމުގައި އެތިބޭ ބަޔަކަށް އިޚްތިޔާރު ނެތުމުން، ނުވަތަ ރައްޔިތުން ބޭނުންވާ ގޮތަށް ތިބި ބަޔަކަށް ނުވާތީ، މިސާލަކަށް، ރައްޔިތުންގެ އިންތިޚާބަކުން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކަށް އެބަޔަކު ނުވުމުގެ ސަބަބުންވެސް ހުރި ދަތިތައް ފެނޭ.

އެހެންވީމާ، ހިންގުމުގައި އަބަދުވެސް މައި ސަރުކާރުގެ ހުއްދަޔާނުލައި، ހަމަ އެއްވެސް ކަމެއް ނުކުރެވޭ ކަހަލަ ގޮތަކަށް. ދެން އޭރުވެސް ސިސްޓަމް އެއީ. އޭރުވެސް ގަބޫލުކުރެވުނު، ރަށްތަކާއި އަތޮޅުތަކުގެ ހިންގުން އެބަޖެހޭކަން މި ޑީސެންޓްރަލައިޒް ސިސްޓަމެއްގެ ތެރެއިން ގެންދަން. އެހެންވީމާ، އޭރުވެސް އަޅުގަނޑަށް ކޮންމެވެސްވަރަކަށް މި ދެންނެވި ގޮތަށް ކުޅިވަރާއި ކަންތައްތަކުގައި އުޅުމުން، ވަރަށްގިނަ ހުއްދަތަކާއި އެއްޗެހި އަބަދުވެސް ރަށު އޮފީހުންނާއި އަތޮޅު އޮފީހުންނާ، މި ތަންތަނުން އަބަދުވެސް ހޯދަން އެބަޖެހޭ. ކޮންމެ އަހަރަކުވެސް، އެކިއެކި ކަންތައްތައް ކުރުމުގައި. ފުޓްބޯޅަ މުބާރާތެއް ބާއްވަންވިޔަސް، ޖަލްސާއެއް ބާއްވަންވިޔަސް، ކުރާ ކޮންމެ ކަމަކަށް. އެއީ، ޤާނޫނާ ޚިލާފަށް އަޅުގަނޑުމެން އެއްވެސް ކަމެއް ދުވަހަކުވެސް ކުރާކަށް ބޭނުމެއްނުވޭ.

އެހެންވީމާ، އޮންނަ ގޮތުން ގަވާއިދުން ކޮންމެ ކަމެއް ކުރަން ބޭނުންވަނީ. އެހެންނަމަވެސް، އެ ސިސްޓަމް ތެރޭގައި ހުރި ދަތިތަކުން، އަޅުގަނޑަށް އޭރުވެސް ގަބޫލުކުރެވުނު، އެނޫން ސިސްޓަމެއް އަންނަންޖެހޭ ކަމަށް އަތޮޅުތަކާއި ރަށްތައް ހިންގަން. ދެން ހަމައެއާއެކު، ރާއްޖޭގެ ރަށްރަށުގައި އަޅުގަނޑުމެންނަށް އޭރު ހަމަ ފެނޭ ސްކޫލްތަކާއި، ހެލްތް ސެންޓަރުތަކުގެ ހުރި ފެންވަރު. މި ރާއްޖެ އަޅުގަނޑު ގަބޫލުކުރަނީ، މިވަނީ މި ހުރިހާ އަތޮޅުތަކެއްވެސް ހިމެނިގެން. ވަކި ދިމާއަކަށް ތަރައްޤީގެ ހުރިހާ ކަންތައްތަކެއް، ޞިއްޙީ ޚިދުމަތްތައް، ތަޢުލީމީ ހުރިހާ ކަމެއް، ވަޒީފާގެ ހުރިހާ ކަންތައްތައް އޮތުމުން، އަޅުގަނޑުމެންނަށް މިއަދު ޙަޤީޤަތުގައި މި ބުރަތަކެއް އުފުލަން މިޖެހެނީ. މި ދެންނެވީ އަޅުގަނޑުމެން މިއަދު ވަރަށް ބުރަ މަސައްކަތެއް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން މިޖެހެނީ ރާއްޖޭގެ ދެކުނާއި ރާއްޖޭގެ އުތުރާ އެކި ތަންތަން ތަރައްޤީކުރަން.

އަޅުގަނޑުމެންނަށް އަސްލު އޭރުވެސް، އެހިސާބަށް ބޮޑަށް އަމާޒުކުރެވުނުނަމަ، މިއަދު މާލޭގައި ތޮއްޖެހުން މިވަރަށް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ، މިއަދު ރާއްޖޭގެ އުތުރާއި ދެކުނާ، މި އެބަޖެހޭ ޚާއްޞަކޮށް، ޞިއްޙީ ކަންތައްތައް އަދި ތަޢުލީމީ ކަންތައްތައް ފުރިހަމަވާން. އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށްބޮޑު ބަދަލުތަކެއް އަންނަ ތަން. އެނގިވަޑައިގަންނަވާނެ، މިހާރުވެސް އައްޑޫ ސިޓީގައި ޓާޝަރީ ހޮސްޕިޓަލެއް މިހާރު ހުޅުވުމުގެ މަސައްކަތް ފެށިގެން އެދަނީ. ހަމައެއާއެކު ދެކުނާއި އަދި ރާއްޖޭގެ މެދު އެކި ހިސާބުގައިވެސް މި ނިޒާމު ވަރުގަދަވެގެން މިދަނީ. ހަމައެއާއެކު، ސްކޫލްތަކަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، ހަޔަރ ސެކަންޑަރީގައިވެސް މަތީ ވަނަތަކެއް ހޯދަމުން އެ ދަނީ. އަދި އޯ ލެވެލްގައިވެސް މަތީ ވަނަތަކެއް ހޯދައި، ރަނގަޅު ދަރީންތަކެއް އަޅުގަނޑުމެންނަށް އެބަ ފެނޭ އުފެދިގެން އަންނަ ތަން ރާއްޖޭގެ އެކި ހިސާބުތަކުން.

ޕްރެޒެންޓަރ:

އައު ކަންކަން ތަޖުރިބާ ކުރެއްވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި މިވަނީ. ވަކިން ޚާއްޞަކޮށް، އިންޓީރިއަރ ޑިޒައިނަކީ އޭގެ ތެރެއިން އެއް މަސައްކަތްޕުޅު. ވަރަށްބޮޑަށް ލޯބިކުރައްވާ ކަމެއްގެ ގޮތުގައި. މިއީ ތެދު މަޢުލޫމާތެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ދެން އަބަދުވެސް، ވަރަށް ކުޑައިރުވެސް ކޮންމެވެސްވަރަކަށް، އޭރު ދެން އަޅުގަނޑު ބައްޕަ މަސައްކަތް ކުރައްވާއިރު، ހަމަ ކައިރީގައި ހުރޭ. އަޅުގަނޑުގެ އުމުރާ ނުގުޅޭ ކަހަލަ ކަންތައްތައް އަޅުގަނޑު ހަމަ ކުރަން. އެގޮތަށް އަޅުގަނޑަށް ދެން އުނދަގޫ ކުރެވެނީކަންނޭނގެ. އެހެން ބޮޑެތި މީހުން ކުރާ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑަށް އުނދަގޫ ކުރެވެނީ. ފާރެއް ރާނާ ކަމަށްވަންޏާ، އެ ފާރު ރޭނުމުގެ މަސައްކަތުގައި. ވަޑާމުގެ މަސައްކަތެއް ކުރާ ކަމަށްވަންޏާ، ވަޑާމުގެ މަސައްކަތުގައި. އަޅުގަނޑުގެ ބައްޕަވެސް، ހަމަ ވަރަށްގިނަ އެކަހަލަ މަސައްކަތްތައް ކުރެއްވި. ރޭނުންވިޔަސް ވަޑާކުރުންވެސް، ބޯކޮށުންވިޔަސް، ދެން ސިޔާސީ މައިދާނުގައި އުޅުއްވި. އެހެންނަމަވެސް، އެކަހަލަ ގިނަ މަސައްކަތްތަކެއް ކުރެއްވި. އެހެންވީމާ، އަޅުގަނޑުވެސް އެކަހަލަ ކަންތައްތަކުގައި އަބަދުވެސް އުޅެން ބޭނުންވި. އޭގެ ތެރެއިން ގޮސްފައި ދެން އަޅުގަނޑުގެ ޝައުޤުވެރިކަން އުފެދުނު ކަމެއް، މި ކުރެހުމާއި ޑިޒައިން ކުރުމާ، އެ ކަންތައްތައް. ދެން އަޅުގަނޑަށް ފެނުނު، އަޅުގަނޑު ކުރަން އަޅުގަނޑު އެންމެ ޝައުޤުވެރިވާ، ކުރާހިތްވާ ކަހަލަ ކަމަކަށް އަސްލު މި ވެގެންދިޔައީ ފަހުން ދެން ހަމަ އެ މަސައްކަތް. ހަމަ ޑިޒައިން ކުރުމާއި، އިންޓީރިއަރ ޑިޒައިނާ، އެ ކަންތައްތައް.

ޕްރެޒެންޓަރ:

އެއްވެސްވަރަކަށް ގޭތެރެ ޒީނަތްތެރި ކުރުމާ، މި ކަހަލަ ކަންކަން އެއްވެސް ވަރަކަށް ކުރައްވާފައި އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު މަސައްކަތްތަކެއް ކޮށްފައި ހުންނާނެ. ރިޒޯޓުތަކުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ގެޔާއި އަދި އެނޫންވެސް ބޭރުގެ ބައެއް ޤައުމުތަކުގައިވެސް ހުންނާނެ އަޅުގަނޑު މަސައްކަތް ކޮށްފައި. ބައެއް އަމިއްލަ ރިޒޯޓުތަކުގައިވެސް އަޅުގަނޑުގެ އަމިއްލަ މަސައްކަތްތައް ހުންނާނެ ހަމަ ކޮށްފައި.

އަސްލު އެހާބޮޑަށް އިޝްތިހާރުކޮށްގެން، މާބޮޑަށް ދައްކައިގެންނެއް ނޫން. ދެން އަޅުގަނޑުގެ ހޮބީއެއްގެ ގޮތުގައި، އަޅުގަނޑު ފެށި ކަމަކަށްވީމާ، ކޮންމެހެން ޕްރޮފެޝަނަލްކޮށް އަޅުގަނޑު ކުރި މަސައްކަތަކަށް ނުވާތީ، ދެން ވިޔަފާރީގެ އުސޫލުން އެގޮތަކަށްވެސް ނޫން އެ ކަންތައްތައް ކޮންމެހެން ދިޔައީ. އެހެންވީމާ، މާބޮޑަކަށް އެ ކަންތައްތަކެއް ނެތް. އެކަމަކު އަޅުގަނޑު ވަރަށް ޝައުޤުވެރިވާ ކަމެއް.

ދެން މީގައި އަޅުގަނޑު އަބަދުވެސް، ކޮންމެ ދުވަހަކުވެސް ވިސްނަން. އަޅުގަނޑަށް ފެންނަ ކޮންމެ އެއްޗަކާމެދު އަޅުގަނޑު ވިސްނަން. އަޅުގަނޑު ބޭރު ޤައުމަކަށް ގޮސްފި ކަމަށްވަންޏާ، އެ ޤައުމެއްގެ މީހުން އުޅޭ ގޮތާއި، އެ ޤައުމެއްގައި ތަރައްޤީ ގެނެސްފައި ހުންނަ ގޮތާއި، ތަންތަން ހަދާފައި ހުންނަ ގޮތް، އަޅުގަނޑު ވަރަށް ބޮޑަށް އޮބްޒަރވް ކުރަން. އަޅުގަނޑު ބަލަން، އެ ކަންތައްތައް ކޮށްފައި ހުންނަ ގޮތާއި، އަދި އެއަށްވުރެ މޮޅަށް އެކަން ކުރެވޭނެ ގޮތްތަކާމެދު އަބަދުވެސް އަޅުގަނޑު ވިސްނަން. އެގޮތަށް އެއްޗެއް ބަލާފައި، އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ކަމަށް އަބަދުވެސް އަޅުގަނޑު ގަބޫލުކުރަނީ.

އެހެންވީމާ، އަޅުގަނޑުގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދަސްކުރުމުގެ އިތުރަށް، އަޅުގަނޑު ތާޒާކުރުމުގެ، ދަސްކުރުމުގެ ދުވަހެއްގެ ގޮތުގައި. އެހެންވީމާ، ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން އަޅުގަނޑު ބޭނުންވީ ހިފަން. އެއީ އަޅުގަނޑަށް، އަޅުގަނޑު އުޅުނު ދާއިރާގެ ގޮތުން، ކުރި މަސައްކަތުގެ ގޮތުން، އަޅުގަނޑަށް ދުނިޔޭގެ ހަމަ އެކި ޤައުމުތަކަށް، ވަރަށް ގިނަ ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުޞަތު އަޅުގަނޑަށް އޮތް އޭރު. އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް ދަތުރުކުރުމާއި، ބޭރު ޤައުމުތަކަށް ދިޔުން އެއީ. އެހެންވީމާ، އެގޮތުންވެސް އެ ތަނަކަށް ދިޔުމުންވެސް ހުރި ހުރިހާ އެކަހަލަ ފައިދާތަކެއް، އަޅުގަނޑު ބެލިން އެ ކަންތައްތައް ދަސްކުރެވޭތޯ.

ޕްރެޒެންޓަރ:

މި ޒަމާނުގައި އަޅުގަނޑުމެން ވަރަށްބޮޑަށް ޓެކްނޮލޮޖީއަށް އެބަ ބަރޯސާވޭ. ވަކިން ޚާއްޞަކޮށް، ފޯނުގައި ހުރިހާ ނަންބަރުތަކެއް ސޭވްކޮށްފައި މި ހުންނަނީ، އެހެންނޫންތޯ؟ އެހެންނަމަވެސް، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުންނަމަ، މަނިކުފާނަށް ވަރަށް ގިނަ ބޭފުޅުންގެ ނަންބަރުތައް ހަމަ ހިތުން ވިދާޅުވެވޭ. އެއީ ކިހިނެއްތޯ އެކަން ފެށުނީ. ކުރީގައި ފޯނު ނުގެންގުޅުއްވާ ޒަމާނުގައި އެގޮތަށް ހަނދުމަފުޅު ބަހައްޓަވަންޖެހޭތީތޯ؟ އެހެންނޫނީ އެއީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އަސްލު، އޭރު އަޅުގަނޑު ދަސްކުރިން ހަމަ. އޭރު ބޭނުންވާ ނަންބަރުން ބޮޑަށް. ފޯނަށްވެސް ވަކިވަރަކަށް އޭރު ނަންބަރު އެޅެނީ. އަޅުގަނޑު ހަނދާންވާގޮތުން ދުއިސައްތަވަރަކަށް ނަންބަރު ސިމްކާޑަކަށް، ނޫނީ ފޯނަށް. ދެން އެހެންވީމާ އަޅުގަނޑު އަބަދުވެސް ބޭނުންވޭ، އަޅުގަނޑުގެ ބްރެއިން ތަންކޮޅެއް މަސައްކަތް ކުރަން، ބޭނުންހިފަން އަޅުގަނޑު ބޭނުންވޭ. ކަމަކާ ދޭތެރޭ ވިސްނައިގެން އަޅުގަނޑު އަމިއްލައަށް ޖަވާބު ހޯދަން ބޭނުންވޭ. އެގޮތުން އަޅުގަނޑު ހަމަ ކުރާހިތްވާ ކަމަކަށްވަނީ، މީހުންގެ ނަންވެސް އަޅުގަނޑު ދަސްކުރުން. ނަމުން މީހަކަށް ގޮވުން. މީހަކާ ބައްދަލުވެއްޖެ ކަމަށްވަންޏާ، އެ މީހެއްގެ ނަން އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮތުން. ހަނދާނުގައި ބެހެއްޓުން. އެގޮތުން ހަމަ، ފޯނު ނަންބަރުތައްވެސް އަޅުގަނޑު ދަސްކުރަނީ ވަކިގޮތަކަށް އެއްވައްތަރެއްގެ ނަންބަރުތައް، ދެން އެހެން މީހުންގެ ނަންބަރުތަކާ ގުޅުވާ ގޮތްތަކެއް ގެންގުޅެނީ އަޅުގަނޑުވެސް. ދަސްކުރަން ފަސޭހަ. އެކަހަލަ ގޮތަކަށް އެކި މީހުންގެ ނަމުން، ދެން އެ ނަންބަރު އަންނައިރު، އަނެއްކާވެސް އަނެއް މީހާގެ ނަންބަރު ގުޅުވާލަން، އެކި ނަންބަރުތައް ބަދަލުވެގެންދާ ނަންބަރުތައް.

އެހެންވީމާ، ދެން އަޅުގަނޑު ކަންތައްތައް ހިތަށް މިހެން ދަސްކުރުން އެއީ އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް. ބަސްތައް ދަސްކުރުން. އިނގިރޭސި ބަސްތައްވެސް ދަސްކުރުން، އައު ބަސްތައް، ކޮންމެ ދުވަހަކުވެސް އައު ބަސްތަކެއް ދަސްކުރުން. އެއީ ދެން ހޮބީ މި ހުންނަނީ. އަޅުގަނޑަކަށްވެސް ނޭނގެ. ދެން ކީއްވެގެންކަމެއް އެކަހަލަ ކަންތައްތައް ކޮންމެހެން އަޅުގަނޑު ކުރާހިތް އެހެންވަނީކީ. އެކަމަކު ދެން، އައު ކަންތައްތަކެއް. އަޅުގަނޑު ދެން ވަރަށް އިންޓްރެސްޓް ހުރޭ، ޑިކްޝަނަރީ ދަސްކުރަން މަސައްކަތް ކުރުމާއި، ނަންބަރުތައް ދަސްކުރަން މަސައްކަތް ކުރުމާއި، މީހުންގެ ނަން ހިތުގައި އަބަދުވެސް ހަނދާނުގައި ބަހައްޓަން މަސައްކަތް ކުރުން. ދެން، ދަންނަވާކަށް ނޭނގެ، ކިހިނެއްވީ ކަމެއްކަމެއް އަޅުގަނޑަކަށްވެސް.

ޕްރެޒެންޓަރ:

ވަރަށް ގިނަ ބޭފުޅުން ތަޢުރީފު ކުރައްވާ ކަމެއް ހެދުން އަޅުއްވާގޮތް. ކިހިނެއްތޯ، އަމިއްލަފުޅަށްތޯ ޑިޒައިންތައް ނަންގަވަނީ، އެހެންނޫނީ ކޮން ގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ހެދުމުގެ ކަންތައްތަކުގައި މިވާގޮތަކީ، އަޅުގަނޑަކީ މިއީ ވަރަށް އެއްބަނޑު އެއްބަފާ، އަޅުގަނޑުގެ ހަ ކޮއްކޮ އަންހެން އަދި ހަ ފިރިހެން، ދެން އަޅުގަނޑުމެން ވަރަށް އެކުއެކީގައި، ވަރަށް އެއްކޮށް މި އުޅުނީ. އަޅުގަނޑުގެ ޢާއިލާ ވަރަށް އެއްކޮށް، މަންމައާއި ބައްޕައާއި އަދި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ހުރިހާ ކުދިން. ދެން އަޅުގަނޑު އަސްލު ބޮޑަށް ބެލުނީ ޢާއިލާގެ، އަޅުގަނޑުގެ ބޭބެވެސް ހުރޭ. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ބައްޕަ ހަމަ މަސައްކަތް ކުރައްވައި އަޅުގަނޑުމެންނަށް ހުރިހާ ކަންތައްތަކެއް ކޮށްދޭ. އެހެންނަމަވެސް، އަޅުގަނޑަށް ފީލްވި، އަޅުގަނޑު ވަޒީފާއަށް ދިޔުމާއެކު އަޅުގަނޑުގެވެސް ޒިންމާއެއް ކަމަށް އަޅުގަނޑަށްވުރެ ވަކިން ޚާއްޞަކޮށް ހަގުކޮށް ތިބި ހުރިހާ ކުދީންގެ ކަންތައްތައް ބެލެހެއްޓުން، އެ ކުދިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުން. ދެން އެގޮތުން އެ މީހުންނަށް ހެދުމާއި އެއްޗެހި، ރީތި ހެދުން އެ މީހުންނަށް ހޯދައިދިނުން. އެއީ ދެން އަޅުގަނޑުގެ ވަރަށް ބޮޑު އުފަލަކަށްވޭ، ދެން ހަމަ ރީތި ހެދުން ހޯދުން. އެއީ އޭރު އަޅުގަނޑުގެ ވިސްނުން ހުންނަ ގޮތް. ދެން ހަމައެއާއެކު، އަޅުގަނޑުވެސް ހަމަ ބޭނުންވޭ ރީތި އެއްޗެހި ލާން. ހަމަ އެމީހުންނަށް ރީތި އެއްޗެހި ހޯދައިދިނުމުގެ ވިސްނުން ހުންނަ ގޮތަށް. ދެން އަޅުގަނޑުގެ އަމިއްލަ ޑިޒައިނަށް އަޅުގަނޑު ބޭނުންވޭ ހުންނަންވެސް. އެހެންވީމާ، ބައެއްފަހަރު އެހެން އަމިއްލައަށް ޑިޒައިންކޮށްގެން، ދެން ކޮންމެވެސް މީހަކު ލައްވައި ފައްސައިގެން އެގޮތަށްވެސް ލައި އުޅުނިން. އެއީ ހަމަ ތަފާތު ކަންތައްތައް ކުރާހިތްވަނީ. އެކި ގިނަ ކަންތައްތައް ކުރާހިތްވަނީ ދެން އަޅުގަނޑު.

ޕްރެޒެންޓަރ:

މަންޑޭ ޓައިމްސްއަށް ދެއްވާފައި އޮތް އިންޓަވިޔުގައި ވިދާޅުވެފައި އެބައޮތް، އެންމެ ބޮޑު ފިއަރއެއްގެ ގޮތުގައި، ނުވަތަ އެންމެ ބޮޑަށް ޖެހިލުންވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަނީ ޕަރފެކްޝަނިސްޓަކަށްވުން. ހަމަގައިމުވެސް ކަންކަން ފުރިހަމަކުރެއްވުމަށްޓަކައި އެ ކުރައްވާ ކަމަކީ އެއީ ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ކަމެއްގެ ގޮތުގައިތޯ ދެކެވަޑައިގަންނަވަނީ؟ އެހެންނޫނީ، ކުރިން އެ އިންޓަވިޔުގައި ވިދާޅުވިގޮތަށް ފިއަރއެއްގެ ގޮތުގައިތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އަޅުގަނޑު މި ފަހަރެއްގައި އެންމެ ރަނގަޅު ގޮތަށް ނުވެވެސް ގޮސްދާނެކަންނޭނގެ. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ގޮތެއްވިޔަސް މީހަކު ކަމެއް ކުރާ ކަމަށްވަންޏާ، އެކަމެއް ކުރަންޖެހޭނީ ރަނގަޅަށް. ކިތަންމެ ރަނގަޅަކަށް ކަމެއް ކުރިޔަސް އެއިން ނުކުންނާނެ ގޯހެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު ހަމަ އަބަދުވެސް ކޮންމެ ކަމެއް ކުރިޔަސް އަޅުގަނޑު ބޭނުން ހަމަ، ވީހާވެސް ރަނގަޅަކަށް، ވީހާވެސް ޕަރފެކްޓްކޮށް އެ ކަންތައް ކުރެވޭތޯ، އަޅުގަނޑަށް އެނގިފައި ހުންނަ މިންވަރަކުން. ދެން މިހާރު އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު ކަމެއް ކުރާއިރު ހަމައެކަނި އަޅުގަނޑުގެ ވިސްނުމަށް އެކަންޏެއް ނޫނޭ އަޅުގަނޑުމެން އެކަންތައް ކުރާނީ، އެއީ އަމިއްލަ ކަމެއްވިޔަސް. އަޅުގަނޑުމެންގެ ރައްޓެހިން ތިބޭނެ. މީހުން ތިބޭނެ. ހެޔޮއެދޭ މީހުން ތިބޭނެ ކޮންމެ މީހެއްގެވެސް. އެހެންވީމާ، މީހުންނާވެސް ވާހަކަ ދައްކާފައި، އެންމެ ރަނގަޅުގޮތް ކަމުގައި ހޯދަން. އެހެންވީމާ، އަޅުގަނޑު އެކްސްޕެކްޓް ކުރަން، އެހެން މީހުންގެ ފަރާތުންވެސް ހަމަ އެގޮތަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ބޭނުންވޭ، މީހަކު ކަމަކު ބުނެފި ކަމަށްވަންޏާ، އެދިއްޖެ ކަމަށްވަންޏާ، ވީހާވެސް ރަނގަޅަކަށް އެކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރަން. އެހެންވީމާ، އެއީ އަޅުގަނޑު އޭގައި ދެކޭގޮތަކީ.

ޕްރެޒެންޓަރ:

ވަރަށް ފިޓްކޮށް ހުންނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. މަނިކުފާނު އެއްވެސްވަރަކަށް ކުޅިވަރު ކުޅުއްވާ، ކަސްރަތު ކުރައްވާ އުޅުއްވަންތޯ.


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ކުރީގައި ކުޅެން. އަޅުގަނޑު ސްކޫލްގައި އުޅުނުއިރުގައި ދެން އަޅުގަނޑު މުޅިން ހަމަ ކުޅިވަރުގައި، އަޅުގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރެވިފައި ހުރީ ފުޓްބޯޅައާއި ކްރިކެޓް ކުޅުމުގައި. ދެން އެކަމަކު، ދެން އަދި ރިޒޯޓުގައި އޭރުގައި އަޅުގަނޑު ވޯޓަރ ސްޕޯޓްސްއާއި، އެގޮތަށްވެސް އަޅުގަނޑަށް ވަރަށް ގިނަ ވަގުތުތަކެއް. އެހެންނަމަވެސް، މިހާރު އެގޮތަކަށް ވަގުތެއް ނުލިބޭ. އެހާ ރެގިއުލަރކޮށް ކުޅިވަރާއި އެ ކަންތައްތަކުގައި. އެހެނެއް ދެން އަޅުގަނޑަކަށް ނޫޅެވޭ. އެކަމަކު ދެން، އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން އަބަދުވެސް ކަސްރަތާއި ކުޅިވަރާ އެއީ އަޅުގަނޑުމެންގެ ޑެއިލީ ލައިފްގައި އެ އޮންނަންޖެހޭނެ ކަމަށް. އެހާ ރެގިއުލަރ ނުކުރެވުނު ނަމަވެސް، އަޅުގަނޑުވެސް ވިސްނަން އަބަދުވެސް ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްވުރެ މުހިންމު ކަމެއް، އެއްވެސް މީހަކަށް ނޯންނާނެ. އެހެންވީމާ، އެކަމަށްޓަކައި ކަސްރަތު ކުރުމާ، އެ ކަންތައްތައް ކުރުމަކީ އެއީ ކޮންމެވެސް މިންވަރެއްގައި އަބަދުވެސް ހުންނަންޖެހޭނެ ކަމެއް.

ޕްރެޒެންޓަރ:

ކިތަންމެ ބުރަކޮށް އުޅުއްވި ކަމުގައިވިޔަސް، ޢާއިލާއަށް ވަގުތު ދެއްވާނެ. ކިތައް ބޭފުޅުން އެބަ ތިއްބެވިތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުގެ ތިން ފިރިހެން ކުދިން.

ޕްރެޒެންޓަރ:

ކިހާވަރަކަށް ގޭތެރޭގެ ކަންކަމުގައި އަނބިކަނބަލުންނާއި އަދި ހަމަ އެހެންމެ ބޭފުޅުންނާ އެކީގައި ކަންކަމުގައި ބައިވެރިވެވަޑައިގެން، އެކަންކަމުގައި ކިހާވަރަކަށް އުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން މި، އާންމުކޮށް އަޅުގަނޑު އުޅުނުގޮތާއި މިހާރާއި މިވަގުތާ ދެން ތަފާތު. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ހަމަ ގޭތެރޭގައި ކުދީންގެ ކަންތައްތަކުގައި ހަމަ އެ އެހީތެރިކަން އޮންނަން އެބަޖެހޭ ކަމަށް. އަދި މަސައްކަތުގައި އުޅެފައި އައިސްވެސް ކުދިން ރަނގަޅު ގޮތުގައި ދަރީން ބޮޑު މި ކުރެވެނީ ހަމަ ކުދީންނަށް އަޅައިލާ، ކަންތައްތައް ރަނގަޅަށް ކޮށްދީގެން، މަންމަވެސް ބައްޕަވެސް. އެއީ އަޅުގަނޑު ގަބޫލުކުރާގޮތަކީ. އަޅުގަނޑުގެ އެކަމުގެ ހިއްސާ އެވަރަށް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދަރީންގެ ހުރިހާ ކަމެއްގައިވެސް. ސްކޫލްގެ ކަންތައްތަކާއި، އަދި ގޭތެރޭގެ ކަންތައްތަކުގައި. އެހެންވީމާ، އެގޮތަށްވެސް އަޅުގަނޑު ބަލަން، އަޅުގަނޑަށްވީ މިންވަރަކުން ވީހާވެސް ގިނަ ވަގުތެއް ދަރީންނަށްޓަކައި، ދަރީންނާއެކު ހޭދަކުރެވޭތޯ. ދެން މިހާރު މި ވަގުތު އެ ކަންތައްތައް ކުރިޔާ ތަފާތުކޮށް. އެހެންނަމަވެސް މި ވަގުތުވެސް އަޅުގަނޑު ބަލަން އަބަދުވެސް ވަގުތުދޭން.

ޕްރެޒެންޓަރ:

މިއަދު ތިޔަ ހުންނެވީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި. ދެން ހަމަ އަޅުގަނޑުގެވެސް ހިތުގައި އުފެދޭ ސުވާލެއް. އަދި ހަމައެހެންމެ، ވަރަށް ގިނަ ރައްޔިތުންގެވެސް ހިތުގައި އުފެދޭނެ ސުވާލެއް، މުސްތަޤްބަލުގައި ދެން މަނިކުފާނު ކުރައްވާނީ ކޮން މަސައްކަތެއްތޯ. ސިޔާސީ ޙަޔާތްޕުޅު އެހިސާބުން ދެން ނިންމަވައިލައްވާނީތޯ. ނުވަތަ ކޮން ގޮތަކަށްތޯ ކުރިއަށް ގެންދަވާނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ގަބޫލުކުރަނީ އަބަދުވެސް ޤައުމާއި، ރައްޔިތުންނާއެކު މަސައްކަތްތަކެއްގައި އުޅެވޭނެކަމަށް. ޤައުމަށް ޚިދުމަތްކޮށްދެވޭނެ ކަމަށް. އިޖުތިމާޢީ ކަންތައްތަކުގައި އުޅެވޭނެކަމަށް. އެ އަޅުގަނޑު ގަބޫލުކުރަނީ. ކޮންމެ މަގާމެއްގައި މީހަކު ހުއްޓަސް. އަޅުގަނޑަކީ އެއްވެސް ގޮތަކަށް ކަންކަމަށް ކޮންމެހެން ތައްޔާރުވާން. އެތައް އަހަރެއްގެ ތައްޔާރީތަކަށް، އެގޮތަށް ވިސްނާ މީހެއް ނޫން. އަޅުގަނޑު އެހެނެއް ނުވިސްނަން އެއްގޮތަކަށްވެސް. ކޮންމެ ކަމެއްގައި އުޅުނަސް، ޤައުމަށްޓަކައި ޒުވާނުންނާއި ރައްޔިތުންނާ އެއްކޮށް މަސައްކަތްތަކެއްގައި އުޅެވޭ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ އެއީ ރަނގަޅުހެން.

އެހެންވީމާ، އަޅުގަނޑު ދެކެނީ އަޅުގަނޑުގެ ކުރިއަށް އޮތް ދުވަސްތައްވެސް އަޅުގަނޑު ހަމަ ޤައުމުގައި އަޅުގަނޑު އުޅެން ބޭނުންވަނީ އަޅުގަނޑުގެ ހަމަ ރައްޓެހިންނާއި އަދި މުޅި ޒުވާނުންނާއި ރައްޔިތުންނާއެކު. އަޅުގަނޑަށް ޢާއިލާއާއެކީ އުޅެވޭނެ. އެއީ އަޅުގަނޑު އޭގައި ދެކޭގޮތަކީ.

ޕްރެޒެންޓަރ:

ކޮބައިތޯ ނިންމާލުމުގެ ކުރިން އަޅުގަނޑުމެންގެ ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް، ހޭޔަންބޯ ޕްރޮގްރާމް ބައްލަވަން ތިއްބެވި ބެލުންތެރިންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުގެ މެސެޖަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެބަޖެހޭ، ޤައުމަށްޓަކައި، ޤައުމުގައި ހިނގާ ކޮންމެ ކަމަކީ އެއީ އެންމެންގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން އެބަޖެހޭ. ޚާއްޞަކޮށް ޒުވާނުން، އަންހެން ބޭފުޅުން ވަރަށް އެކުއެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެން އެބަޖެހޭ. މިއަދުގެ މި ސަރުކާރަކީވެސް އަޅުގަނޑުމެން ގަބޫލުކުރަނީ އެއީ ރައްޔިތުން ހަމަ. އެހެންވީމާ، އެންމެން އެކުގައި، އެންމެންގެ ޤައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ. އެނޫންގޮތަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑުމެން ބޭނުންވާ ހިސާބަށް އަޅުގަނޑުމެންނަށް ދެވޭނެހެނެއް.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސެއް، ޚާއްޞަކޮށް ޒުވާނުންނަށްވެސް. އަޅުގަނޑުމެންނަކީ އުފެއްދުންތެރި ޤައުމަށް ތެދުވެރި އަމާނާތްތެރި އަދި ޒިންމާދާރުކަމާއެކު ޢާއިލާއާއިގެން ކުރިއަށް ދެވޭނޭފަދަ ބަޔަކަށް ވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަން.

ދެން، އަޅުގަނޑުގެ އުންމީދަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި އާ އަހަރު ފެށުމާއެކު އަޅުގަނޑުމެން އާ ޢަޒުމްތަކަކާއެކު، އަޅުގަނޑުމެންގެ އާ ޑްރީމްތައް ރިއަލައިޒް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް. އަޅުގަނޑުމެންނަށް މި އަހަރަކީ އަދި ބާއްޖަވެރި އަހަރެއްގެ ގޮތުގައި ވެގެންދާނެ. އެއީ އަޅުގަނޑުގެ ދުޢާއަކީ.

ޕްރެޒެންޓަރ:

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެންގެ ހޭޔަންބޯ ޕްރޮގްރާމަށް ވަގުތުކޮޅެއް ހުސްކޮށްލައްވައިދެއްވިކަމަށްޓަކައި. ވަރަށް ބުރަކޮށް އުޅުއްވަމުންވެސް ހަމަ މި ޕްރޮގްރާމަށް އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ހުސްކޮށްލައްވައިދެއްވުމަކީ އަޅުގަނޑުމެންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. ދެން ހަމަ އެއާއެކީގައި، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންގެ ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އެތައް ދުވަހެއް، އެތައް އަހަރުތަކެއްވަންދެން އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުން ހަމަ އެކަމުގެ ވާހަކަ ދައްކާނެ ޚިދުމަތްތަކެއް ކަމާމެދަކު ޝައްކެއްނެތް. ދެން އެއާއެކީގައި، މިހާރުވެސް އަޅުގަނޑުމެންގެ ޤައުމަށް ތިޔަ ގެންދަވަނީ ޚިދުމަތް ކުރައްވަމުން. އަޅުގަނޑުމެންގެ އުންމީދަކީ ހަމަ މަނިކުފާނު ތިޔަ އެދިވަޑައިގެންނެވި ކަންތައްތައް، އުންމީދު ކުރެއްވި ކަންތައްތައް ހާސިލުވެގެން ދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޝުކުރިއްޔާ!