بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މީލާދީ އައު އަހަރަކަށް މަރުޙަބާ ކިޔާ މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އިއްޔެ އަޅުގަނޑުމެންނާ ވަކިވި، 2019 ވަނަ އަހަރަށްވުރެ، މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރި 2020 ވަނަ އަހަރަކީ، ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ކާމިޔާބު، ބާއްޖަވެރި އަދި އުފާ ފާގަތި އަހަރެއް ކަމުގައި ލެއްވުން އެދެމެވެ.

ނިމިގެންދިޔަ 2019 ވަނަ އަހަރަކީ، اللهُ سُبْحَانَهُ وَتَعَالَى ގެ މަދަދާއި ހެޔޮ ތައުފީޤާއެކު، މުޅި ރާއްޖޭގައި ޞުލްޙަވެރިކަން ޤާއިމުކުރެވުނު އަހަރެކެވެ. ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، ޢާއިލީ އަދި އިޖުތިމާޢީ ގުޅުންތަކުން، މުޖުތަމަޢުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެކެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި ޤަދަރު ރާއްޖެއަށް ލިބުނު އަހަރެކެވެ. އިޤްތިޞާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެކެވެ.

އައު އަހަރެއް ފެށުމުގެ އުފާވެރި ޝުޢޫރުތަކާއެކު، ރާއްޖޭ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށްދޭން ބޭނުންވަނީ، ރައްޔިތުން އުފެއްދި މި ސަރުކާރު، މާތް ﷲގެ ވާގިފުޅާއެކު ދެމިއޮންނާނީ، ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް، ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމެވެ. މި އަހަރުގެ ތެރޭގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށެވެ. ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

ރާއްޖޭގެ ޙަޔާތުން މުޅިން އައު އަހަރަކާ މި ކުރިމަތިލަނީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. އެ ބަދަލުތަކުން އަޅުގަނޑުމެންނާ ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އައު މަރުޙަލާއެކެވެ. އަޅުގަނޑުމެންނާ ދެން ބައްދަލުކުރާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ މުޅިން އައު ފެށުމެކެވެ. ދިވެހިން ދެކެން ފަށާނީ، މުޖްތަމަޢުގައި އަންހެނުންނަށް ޙައްޤުވާ މަޤާމު ލިބިދީ، އަންހެނުން ބާރުވެރިވެގެންދާ، މާ އުފާވެރި ދުވަސްތަކެކެވެ.

މީގެ 16 ދުވަސް ކުރިން، އަޅުގަނޑު ތަޞްދީޤުކުރި، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލް މިހާރު އެވަނީ ޤާނޫނަކަށް ވެފައެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީވެގެން ދާނެއެވެ. ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްޤީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް މިހާރު އެވަނީ ފުރިހަމަ މިނިވަންކަން ދެވިފައެވެ.

މި މުހިންމު ބަދަލުތަކާއެކު، ތަރައްޤީގެ ރާސްތާގައި، މުޅި ދިވެހި އުންމަތް، ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެކެވެ. މިފެށުނު އަހަރުގައިވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކުމެ، ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާއަކަށް ރާއްޖެ ގެންގޮސްދިނުމަށެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މިއަދު މިފެށުނު 2020 ވަނަ އަހަރަކީ، މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި، އަދި ޤައުމީ ތަރައްޤީގެ ރާސްތާގައި، މަތިވެރި ކާމިޔާބީތަކެއް ޙާޞިލު ކުރެވޭނެ އަހަރެއް ކަމުގައި ލެއްވުމެވެ. އަޅުގަނޑުމެން އެންމެންނަކީވެސް، އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އަދި އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި ލައްވައި، އަމާންކަމާއި ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ!