بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަހަރުގެ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، މުދައްރިސުން ބިނާކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ އެންމެހައި ބޭފުޅުންނަށްވެސް، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ދުނިޔޭގެ ފެންވަރުގައި މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމަށް، އ.ދ.ގެ ތަޢުލީމާއި ސައެންސާއި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން ކަނޑައެޅުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، މުޖްތަމަޢާއި ދަރިވަރުން ތަރައްޤީކުރުމުގައި މުދައްރިސުން އަދާކުރާ ދައުރާއި، މުދައްރިސުންގެ މަސައްކަތްތައް ރަނގަޅަށް ދެނެގަތުމުގެ ފުރުޞަތު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ފަހިކޮށްދިނުމެވެ. އަދި ހުރިހާ ގޮތަކުންވެސް މުދައްރިސުންގެ ޙާލަތު ރަނގަޅުކޮށްދިނުމުގައި އެހީތެރިވެދިނުމެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ، "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" މިއެވެ. މި ޝިޢާރުން އެނގެނީ، ޤައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާގެ ބޮޑުކަމެވެ. އަދި ތަރައްޤީއާ ފައި ހަމަވާ ގޮތަށް، އެ މުޖްތަމަޢެއް ހަރުދަނާވެ ކުރިއަރައި ތަރައްޤީވާނީ، ޒަމާނީ ތަޢުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެން ކަމެވެ.

ރާއްޖޭގެ ނިސްބަތުން ބަލާއިރު، ޚިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދެއް ނޫނެވެ. އަދި ތަޢުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކީ ޒުވާނުންނެވެ. ހަމައެފަދައިން މިހާރު ތަމްރީނުވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެކެވެ. މިފަދަ ދުވަހެއް ފާހަގަކުރާއިރު، މުދައްރިސުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޝުކުރު އަދާކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކޮންމެ މުޖްތަމަޢެއްގައިވެސް، ތަރައްޤީގެ ނާރެހެއް ކަމުގައި ބެލެވިފައި އޮންނަނީ، އެ ތަނެއްގެ ތަޢުލީމީ މުއައްސަސާތަކެވެ. އިންސާނީ ވަސީލަތްތައް ބިނާކޮށްދެނީ އެތަންތަނުން ކަމަށްވާތީއެވެ. ނަމަވެސް އެތަންތަނުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ޙާޞިލުކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫނެވެ. ކާމިޔާބަކީ، އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަޚްޞިއްޔަތުގެ ހަރުދަނާ ކަމެވެ. އެދަރިވަރުން އަނެކުންނާ މުޢާމަލާތުކުރާ ގޮތެވެ. ޤައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރެވެ. ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަމެވެ.

އެހެންކަމުން، މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތަޢުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށެވެ. ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުމެއް ނޫނެވެ. މިއަދުގެ ތަޢުލީމީ ސިޔާސަތަކީ، ރަނގަޅު ތަޢުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ. ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމަޢަށް ނެރެދިނުމެވެ. ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުމެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް، މި ސިޔާސަތުތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ އެންމެހައި މުދައްރިސުންނާއި އެދުރުންނަށް އަދަށްވުރެ ފަހި މާދަމާއެއް، މާތް ﷲ މިންވަރު ކުރެއްވުމެވެ. ޤައުމުގެ ދަރީން ރަނގަޅު ގޮތުގައި ތަމްރީނުކޮށް ތަރުބިއްޔަތު ކުރުމަށް، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ކުރައްވާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ތަޢުލީމީ ދާއިރާއަށް ކާމިޔާބާއި ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ! އާމީން!