بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓް ކުރައްވާފައިވާ ވިޔަފާރިވެރިންނަށްވެސް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި ދިވެހި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހައި މުވައްޒަފުންނަށްވެސް ތަހުނިޔާ ދަންނަވަމެވެ.

ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ޞިނާޢަތާމެދު، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި މި ޞިނާޢަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ޙައްލުކުރާނެ ގޮތްތަކާމެދު، ބައިނަލްއަޤްވާމީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރުމެވެ.

ދުނިޔޭގެ ފަތުރުވެރިކަމަކީ، އެންމެ އެވޭލާ ރޯމަނުންނާއި ގްރީކް މީހުންނާ ގުޅިފައި އޮތް ކަމަކަށްވިޔަސް، މިޒަމާނުގެ ފަތުރުވެރިކަން ފެށިފައިވަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ބަނަކަން ފިލައިދިޔަ ފަހުންނެވެ. އެހެންވީމާ، ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ޞުލްހަމަސަލަސްކަމެވެ. މި ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީވެސް، ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ މި ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަމެވެ.

މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުގައެވެ. ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ޞިނާޢަތު ފަށްޓަވައި ކޮޅަށް ޖަހައިދެއްވީ، މި ޖީލުގެ މީހުންނަށް ތަޞައްވުރުވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވާފައެވެ. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިޒޯޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުއްޓެވެ. މި ތަންތަނުގައި 47114 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ މިހާރުގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަޤްބޫލު މަރުކާއެކެވެ.

މިހާރު އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ ޢަދަދާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީއާ އަޅައިބަލާއިރު، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާ މިންވަރު އަދިވެސް މާކުޑައެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ، ރަށު ފަތުރުވެރިކަން އަދިވެސް ފުޅާ ކުރުމެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާމެދުވެސް ވިސްނަންޖެހެއެވެ. ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތަކެވެ. މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރެވެ.

ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ، މި ޖަޒީރާތަކުގެ ޠަބީޢީ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަމެވެ. ކަނޑުފަޅުތަކާއި، ގިރިފަރުތަކާއި، ނޫ ވިލުތަކާއި، ދޮންވެލި ގޮނޑުދޮށްތަކާއި ތުނޑިތަކުގައިވާ ދިރުންތަކެވެ. ރަށްރަށުގެ ހޭޅިފަށާއި، ވައުތަކާއި، ކުޅިތަކާއި، ފާތަކުގައި އެވާ ދިރުންތަކަކީވެސް، މި ރާއްޖޭގެ ނަލަކަމުގެ އެއްބައެވެ. އެހެންކަމުން، ތިމާވެށި ޙިމާޔަތްކޮށް، އެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ކުރިއަރުވައި ތަރައްޤީ ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އަދި ފަތުރުވެރިކަމުގެ އެންމެ ފުރިހަމަ ލާބަޔާއި މަންފާ، ކޮންމެ ރައްޔިތަކަށް ލިބޭނެ ގޮތްތައް މިންވަރުކޮށްދެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ. އާމީން!