ހުރިހާ އެންމެންވެސް މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ދިވެހި ޅަ ދަރީންނަށް ނަމޫނާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ ހޮޓެލް ޖެންގައި ބޭއްވެވި ނެޝަނަލް ރޯޑްސޭފްޓީ އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުގައި، ޚާއްޞަކޮށް ބޮޑެތި ރަށްތަކުގައި، އެކްސިޑެންޓްތައް ހިނގާލެއް ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ފަސޭހަކަމާއެކު ދުއްވޭ ގޮތަށް މަގުތައް ހަދަމުންގެންދާއިރު މިއީ ފުންކޮށް ވިސްނަން ޖެހޭކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިން ރައްކާތެރި ފިޔަވަޅު އެޅެންއޮތް ކަމެއްގައި އެކަން ނުކޮށް ތިމާގެ ދިރިއުޅުން ދޫކޮށްލުމަކީ ނުވަތަ މުޅި އުމުރަށް އެފަދަކަމަކާހުރެ ނުކުޅެދުންތެރިކަމަކާ ކުރިމަތިލުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫންކަން ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ކަންކަމަކީ މުޅިންވެސް ކޮންމެސް މީހެއްގެ ފަރުވާކުޑަކަމުން ނުވަތަ ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މަގުމަތީގައި އުޅޭއިރު ނުވަތަ މަގު ބޭނުންކުރުމުގައި އެހެން މީހުންނާ ދޭތެރޭގައިވެސް ވިސްނަން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިރޭ މި އިފްތިތާޙުކުރި ނެޝަނަލް ރޯޑްސޭފްޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ނިންމަވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އަދި އެ މަސައްކަތްތަކުގެ ނަތީޖާވެސް ރަގަޅުގޮތުގައި ފެންނަމުންދާކަމުގައި ފާހަގަކުރެއްވިއެވެ.