بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން، ކުރީގެ ހެލްތް މިނިސްޓަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، މި މުހިންމު މަހާސިންތާގައި، ތިޔަ ޢިއްޒަތްތެރި ވަޒީރުން ބައިވެރިވެވަޑައިގެންދެއްވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ތިޔަބޭފުޅުންނަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި، ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުންކޮޅެއް. އެހެންކަމުން، އެކަމުގެ އަގުވަޒަންކޮށް، ވަރަށް ޚާއްޞަ ޝުކުރެއްވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.

މިތަނުން ފެންނަން މި ތިއްބެވި ކުރީގެ ހެލްތު މިނިސްޓަރުންނަކީ، މިހާރާ އަޅައިބަލާއިރު، ވަރަށް ތަފާތު ޒަމާންތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުން. އޭރު ރާއްޖެ އޮތް ގޮތްވެސް ވަރަށް ތަފާތު. ދިވެހީންގެ ދުޅަހެޔޮކަމުގެ ޙާލަތާއި، ޞިއްޙީ ހޭލުންތެރިކަންވެސް ވަރަށް ތަފާތު. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުވެސް، މިހާރާ އަޅައިބަލާއިރު ވަރަށް ތަފާތު.

އެހެން ނަމަވެސް، އެ ދުވަސްވަރެއްގައި ރާއްޖޭގެ ފޯރުންތެރިކަން ހުރި މިންވަރަކުން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް، ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި، ތިޔަބޭފުޅުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައި. މި ރާއްޖެ ދުށް ބޮޑެތި ރޯގާތަކާއި ބަލިމަޑުކަން ކުރިމަތިވެފައިވަނީވެސް، ރާއްޖޭގެ ޞިއްޙީ ނިޒާމު ފިރުކެމުން އައި ދުވަސްވަރެއްގައި.

އެހެން ނަމަވެސް، އޭރު ލިބެންހުރި މަދު ވަސީލަތްތަކާއި، މަދު ޞިއްޙީ ޚިދުމަތްތެރީންނާއެކު، ތިޔަބޭފުޅުން މި ޤައުމަށް ކޮށްދެއްވެވީ، އަގު ނުކުރެވޭހާ މުހިންމު ޚިދުމަތްތަކެއް. މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ޢާންމު ޞިއްޙީ ޚިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު، ތިޔަބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން.

ވަކި ނިޒާމެއްގެ ދަށުން، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، 1932 ވަނަ އަހަރު ވުޒާރަތުއް ޞިއްޙާ އުފެދިގެން އައިސް، ދެވަނަ ޖުމްހޫރިއްޔާއާ ބައްދަލުކުރިއިރުވެސް، ދިވެހީން ފަރިތަވެފައި ތިބީ، ޙަކީމީ ބޭސްވެރިކަމާއި، ދިވެހި ބޭސްވެރިކަމާއި، ފަންޑިތަވެރިކަމަށް. އެހެންކަމުން، ވިލާތުގެ ޑަކްޓަރީ ބޭސްވެރިކަން، ދިވެހީންގެ ތެރެއަށް ތަޢާރުފުކުރުން ވެގެން ދިޔައީ، ވަރަށް ބޮޑު ގޮންޖެހުމަކަށް.

އަޅުގަނޑު ހިތުން، މިތާ މި އިންނެވި ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރު މުއުމިނާ ޙަލީމް އަދި މުޙައްމަދު މުޞްޠަފާ ޙުސައިން ފަދަ ބޭފުޅުންގެ ހިތްޕުޅުން، އަދިވެސް އެ ހަނދާންތައް ފިލައިގެނެއް ނުދާނެ. އެ ޒަމާނާއި އެ ޙާލަތުގައި، އެ ބޭފުޅުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންތަކާއި، އެކަންތައް ޙައްލުކުރެއްވި ގޮތަކީ، މިއަދު އަޅުގަނޑުމެންނަށް މުހިންމު ތަޖުރިބާއަކަށްވާނެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި ލަފަޔާއި އިރުޝާދު ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުންގެ ޚިދުމަތުގެ ދުވަސްވަރު، ރައްޔިތުންގެ ޢާންމު ޞިއްޙަތާއި ދުޅަހެޔޮކަމުގައި، ރާއްޖެ ވަނީ ކުރިއެރުންތަކެއް ޙާޞިލުކޮށްފައި.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ޤައުމަކީވެސް ދިވެހިރާއްޖެ. ޕޯލިއޯ އާއި މީސަލްސްވެސް ވަނީ މި ރާއްޖެއިން ނައްތައިލެވިފައި. މި ދެންނެވި ނުރައްކާތެރި ބަލިތައް، މި ރާއްޖެއިން ނައްތައިލުމުގައި ތިޔަ ވަޒީރުންގެ ޙިއްޞާ ވަރަށް ބޮޑު.

ރާއްޖެއަށް ކުރިމަތިވި ކޮލެރާގެ ވަބާ ފެތުރިގެން ދިޔައީވެސް، އެކަށީގެންވާވަރާ ގާތަށްވެސް، އަޅުގަނޑުމެންގެ ތެރޭގައި، ވަސީލަތްތަކާއި، ބޭހާއި ޑޮކްޓަރުން ނެތް ދުވަސްވަރެއްގައި. އޭރު މި ރާއްޖޭގެ މުޅި ޞިއްޙީ ނިޒާމު ބަރޯސާވެފައި އޮތީ، ކޮމިޔުނިޓީ ހެލްތު ވަރކަރުންނާއި، ފޫޅުމައިންނާއި، މަދު ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް.

އެއީވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވި ބަނަ ދުވަސްތަކެއް. އެ ނުރައްކާތެރި ވަބާގައިވެސް، މާގިނަ ބައެއްގެ ފުރާނަ ގެއްލިގެން ނުދަނީސް، އޭރު ލިބެން ހުރި ވަސީލަތްތަކުގެ އެހީގައި، ތިޔަބޭފުޅުން ވަނީ، މި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކޮށްދެއްވާފައި.

އެ ދުވަސްވަރު މި ރާއްޖޭގެ ދަތުރުފަތުރުގެ އިންތިޒާމުތަކާއި، މުވާޞަލާތީ ޚިދުމަތްތައް ހުރި ފެންވަރަށް ބަލާއިރު، ނުރައްކާތެރި ބަލިތަކާއި ރޯގާތައް ކޮންޓްރޯލް ކުރުމުގައި، ތިޔަބޭފުޅުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގޮންޖެހުންތައް، މި ޒަމާނުގެ މީހުންނަށް ތަޞައްވަރުވެސް ނުކުރެވޭނެ.

ތިޔަބޭފުޅުން އެ ދުވަހު ކުރެއްވި ތަޖުރިބާތަކާއި، މި ޒަމާނުގެ ޞިއްޙީ ޚިދުމަތުގެ ލުއިފަސޭހަތަކުގެ ވާހަކަތައް، އެއް މޭޒުދޮށުގައި ޙިއްޞާކޮށްލެވޭކަމީ، ވަރަށް ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ދެކެން. އެ ދުވަސްވަރާ އަޅައިބަލާއިރު، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކަށް ކުރިއެރުންތަކެއް ލިބިއްޖެ. ނަމަވެސް ރައްޔިތުން ކުރާ ޝަކުވާތައް އަދިވެސް މަދެއްނޫން. ކުރިމަތިވަމުން އަންނަ ގޮންޖެހުންތައްވެސް މަދެއްނޫން.

މިއަދުވެސް ރައްޔިތުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ، އެކަށީގެންވާ ޞިއްޙީ ޚިދުމަތްތައް ރަށްރަށުން ލިބެން ނެތުން. ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ދުވަހަކު ތިބެންޖެހުން. ތަމްރީނާއި ތަޖުރިބާ ހުރި މީހުން، ޞިއްޙީ އެއްވެސް ދާއިރާއެއްގައި އެކަށީގެންވާ މިންވަރަށް ނެތުން. އެތެރެކުރެވޭ ބޭހުގެ ކޮލިޓީ ރަނގަޅަށް ނުބެލި، ފެންވަރު ދަށް ބޭސް އެތެރެކުރެވުން.

މިއިން ކޮންމެ ޝަކުވާއަކާ ގުޅިފައިވާ އެތައް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި. އެ ހުރިހާ ގޮންޖެހުންތަކެއްގެ އަޞްލަކީ މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން އުޅުން. ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީ ކުރުން.

އޭގެ ނަތީޖާއަކަށް މިވަނީ، ޑޮކްޓަރަށް ދައްކަންވިޔަސް، ޓެސްޓެއް ހަދަން ޖެހުނަސް، މާލެ އަންނަން މަޖުބޫރުވުން. ދެން ދިމާވަނީ އަދި މާ ގޯސް މައްސަލައެއް. އެއީ އައި.ޖީ.އެމް.އެޗުން ލިބެންހުރި ޚިދުމަތްތައް، އެކަށީގެންވާ ވަރަށްވުރެ ގިނަ އަދަދެއްގެ ބަޔަކަށް ފޯރުކޮށްދޭން ޖެހުމުން ދިމާވާ މައްސަލަތައް.

އެކަމަކު، ޒަމާނުއްސުރެ ކަންތައް ރޭވިފައި މިއޮތީ، ރައްޔިތުން އެ ބުރަ އުފުލަންޖެހޭގޮތަށް. ޖީބަށް ނުތަކާވަރުގެ ޚަރަދުތައް ޚަރަދުތައް އުފުލަންޖެހޭގޮތަށް. މިއީ، އަޅުގަނޑުމެން މަޝްވަރާކޮށް ޙައްލު ހޯދަންޖެހޭ އެއް މައްސަލަ. ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި މިކަންކަމަށްވެސް ޙައްލުތަކެއް ހޯދިދާނެ ކަމަށް އަޅުގަނޑު ދެކެން.

އަނެއްކަމަކީ، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ، އަސާސީ ވަސީލަތްތައް ލިބުމުގައި ހުރި ދަތިތައް. ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ޕެނެޑޯލް ގުޅައެއް، ނޫނީ އައި.ވީ ފުޅިއެއްވެސް މި ލިބެނީ، އެތައް ތަނަކަށް ލިޔެގެން، އެތައް މަރުޙަލާއެއް ހުރަސްކޮށްގެން. އަދި އެވެސް އެތައް ދުވަހެއް ފަހުން. މިއިން ކޮންމެ މަރުޙަލާއެއްގެ ތެރޭގައި ކޮރަޕްޝަން އުޅޭ ކަމުގެ ހެކިތައް ފެންނަން އެބަހުރި.

ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދޭއިރު، އާސަންދައިގެ ތެރެއަށްވެސް ކޮރަޕްޝަން ވަދެފައި އޮތީ އިންތިހާއަށް. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން، ވަރަށްގިނަ ފައިސާތަކެއް އިސްރާފުވެގެން އެބަދޭ. މިއީވެސް ޞިއްޙީ ޚިދުމަތުގެ ނިޒާމު ތަރައްޤީ ކުރުމަށް މަޝްވަރާ ކުރައްވާއިރު، ޙައްލު ހޯދަންޖެހޭ ކަންތައްތައް.

މިކަންކަން ހުއްޓުވުމުގައި ޢާންމު ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމެއްވެސް އަޅުގަނޑުމެން ބޭނުންވޭ. ލަންކާ، އިންޑިޔާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން، ހިލޭ ބޭސްފަރުވާ ކުރުމަށްޓަކައި "މެރަނާ"ގެ ނަމުގައި، މި މަހުގެ ތެރޭގައި ސަރުކާރުން ވަނީ، އާސަންދަ ސްކީމެއް ތަޢާރުފުކޮށްފައި. މިފަދަ ސްކީމްތަކުގެ ބޭނުންހިފުމުގައިވެސް ޒިންމާދާރުވުމަކީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނުކުމެ މިތިބީ، ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ފަހި ދިރިއުޅުމެއް ހޯދައިދޭން. މާތްﷲގެ ވާގިފުޅާއެކު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް، މި ސަރުކާރުން ޙައްލު ހޯދައިދޭނެ.

އަޅުގަނޑުގެ ދުޢާއަކީ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ރާއްޖެ ހެދުމަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލެއްވުން. ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، އަދި ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީ ކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، ބާއްޖަވެރި ދުވަސްތަކެއް، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.