ފްރާންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އެރިކް ލެވަޓޫ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފްރާންސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ފްރާންސްއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާ، ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފްރާންސްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ދެޤައުމުގެ ގުޅުން ބަދަހިވެގެން ދިއުމާއިއެކު، ވޭތުވެ ދިޔަ އަހަރުތަކުގައި ފްރާންސްއިން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ފްރާންސްގެ ސަފީރު މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ އަމާން ކަމާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިއަށްގެންގޮސް ކާމިޔާބު ނަތީޖާއެއް ހޯއްދަވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން އެ ދިޔައީ ދިވެހި ރައްޔިތުން މިހާރު މި އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރުކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް އިސްކަން ދެއްވައިގެން ސަރުކާރުގެ ވައުދުތައް ފުއްދަމުން ގެންދިއުމަށް ސަފީރު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން، ފްރާންސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި މި ފުރުސަތަކީ ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤިންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.