بســم اللّـه الرّحمـن الرّحيــم
الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على أشرف الأنبياء والمرسلين، وَعلـى آلـه وصحبــه أجمـعــين.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޤާސިމް އިބްރާހީމް، ދައުލަތުގެ އިސްވެރިން، ސުޕްރީމް ކޯޓުގެ ޢިއްޒަތްތެރި ފަނޑިޔާރުން، ދިވެހިރާއްޖޭގެ އެންމެހައި ޢިއްޒަތްތެރި ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މި ކޮންފަރެންސަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السّلام عليــكم ورحـمــة اللّـه وبـركاتـه.
[ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް] ފެށުމުގެ ޙަފްލާގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
7 އޮގަސްޓު 2008 ގައި ޢަމަލުކުރެވެން ފެށި ޤާނޫނުއަސާސީން، ދިވެހިރާއްޖޭގެ ދައުލަތުގެ ބާރުތައް ވަކިކޮށް، މިނިވަން މުސްތަޤިއްލު ޖުޑީޝަރީއެއް ޤާއިމުކުރުމަށް މަސައްކަތް ކުރެވިގެން ދިޔައިރު، ޖުޑީޝަރީގެ އެންމެ އިސް ފަރާތް ކަމުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު.
އެހެންކަމުން، ޝަރުޢީ ދާއިރާ ހަރުދަނާ ކުރައްވައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރައްވައި، ފަނޑިޔާރުގެއަކީ ޢަދުލު އިންޞާފު ނެގެހެއްޓުމުގައި ޤާބިލިއްޔަތުކަމާއެކު، މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ. އަދި އެގޮތްގޮތަށް ކަންކަން ބައްޓަންވެގެން ދިޔުމަކީ، އަޅުގަނޑުމެން އެންމެން ކުރާ އުއްމީދު.
މީގެކުރިންވެސް ތިންފަހަރެއްގެ މަތިން އެކި މައުޟޫޢުތަކަށް، މިފަދަ ކޮންފަރެންސްތައް ވަނީ ބޭއްވިފައި. މިއިން ކޮންމެ ކޮންފަރެންސެއްގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެ މަތީ ފެންވަރުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ތަޤްރީރު ކުރައްވައި، ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި.
އެހެންކަމުން، މިފަދަ ކޮންފަރެންސްތަކަކީ، އަޅުގަނޑުމެންގެ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު، މުހިއްމު މަސައްކަތެއްކަން ފާހަގަކުރަން. އަދި ސުޕްރީމް ކޯޓުގެ ދަށުން ހިންގަވާ ދިވެހިރާއްޖޭގެ ޖުޑީޝަރީ އެކަޑަމީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރަން.
ޤަޟާއީ އަހަރު 2019، އިފްތިތާޙު ކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މި ކޮންފަރެންސްގެ މުހިއްމުކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައި.
މިފަދަ ކޮންފަރެންސްތަކުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ތަރަހައިގެ މަތީގައި އަދި ދުސްތޫރީ ނިޒާމުތައް ބިނާވެގެންވާ އުޞޫލުތަކާ އެއްގޮތަށް ފަނޑިޔާރުގެ އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ޝާމިލުވާގޮތެއްގައި ފާހަގަކުރުމާއި، އެކަންކަން ކުރުމާ ގުޅޭ ޢަމަލީ ޕްލޭންތައް އެކުލަވައިލުން.
އެހެންކަމުން، އަޅުގަނޑުގެ އުއްމީދަކީ، މި ކޮންފަރެންސްގެ ހުރިހާ ބައިވެރިންވެސް މި މަޤްޞަދުތައް ޙާޞިލު ކުރެވޭނެގޮތަށް، ކޮންފަރެންސްގެ ތެރޭގައި މަސައްކަތް ކުރެއްވުން. އަދި އެއަށްފަހު، އެކުލަވައިލެވޭ ޕްލޭންތަކާއި، ކުރެވޭ މަސައްކަތްތައްވެސް، މި މަޤްޞަދުތައް ޙާޞިލުކުރެވޭގޮތަށް ބައްޓަން ކުރެއްވުން.
އާދެ، ޝައްކެއްނެތް. ޢަދުލުވެރިކަން ނެތް މުޖުތަމަޢެއްގައި، ދުވަހަކުވެސް ހަމަޖެހުމެއް ޤާއިމުވެގެންނުދާނެ. އިންޞާފަކީ، ވަކި މީހަކަށް ލިބޭ އެއްޗެއްގެ ގޮތުގައި އޮތްހާހިނދަކު، ޤައުމެއްގައި ޞުލްޙަމަސަލަސްކަން ޤާއިމުވެގެނެއް ނުދާނެ. މިއިން ކޮންމެ ކަމަކުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ، ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ މަތިވެރިކަމާއި، ޢަދުލުވެރިކަމުގެ މުހިއްމުކަން.
އަޅުގަނޑު މި ފުރުޞަތުގައި، ފަނޑިޔާރުގޭގެ އެންމެހައި ފަނޑިޔާރުންގެ އަރިހުން ނުހަނު އިޚްލާޞްތެރިކަމާއެކު އެދޭ އެދުމަކީ، މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު، ހަރުދަނާ ޢިލްމީ އަސާސްތަކުގެ މައްޗަށް ޢަދުލު އިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުން. ފަނޑިޔާރުގެ އިޞްލާޙުކޮށް ތަރައްޤީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުން ކަމަށްވީހިނދު، އެކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށް އަޅުގަނޑު އެދެން.
އަޅުގަނޑު ޔަޤީންކުރަނީ، މިއަދު ފެށިގެންމިދާ ކޮންފަރެންސްގެ ސަބަބުން ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާވެ، ތަރައްޤީވެ ކުރިއަރައިގެންދާނެ ކަމަށް. އަދި ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ހުރި ގޮންޖެހުންތަކަށް ޙައްލުތަކެއް ލިބި، އެކަށީގެންވާ ހަލުވި މިނެއްގައި މައްސަލަތައް ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް. އަދި ގިނަދުވަސްތަކެއް ވަންދެން ނުނިމިހުރި މައްސަލަތައް، އަވަސް މުއްދަތެއްގައި ބެލި، އިންޞާފު ކަށަވަރުވެގެންދާނެ ކަމަށް. ރައްޔިތުންނަށް އާވެގެންދިޔަ އުއްމީދު ޙަޤީޤަތަކަށް ބަދަލުކޮށްދެއްވައި، އިންޞާފު ލިބޭނެ ކަމަށް ދުށް ހުވަފެން ޙަޤީޤަތަކަށް ބަދަލުވެގެންދާނެ ކަމަށް.
އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގައި، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާއަކަށް ވެގެންދިޔުން. اللَّـهُ سُبْحَانَهُ وَتَعَالَىٰ ވަޙީކުރައްވާފައިވަނީ، وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ.
والسّـــلام عليــكم ورحمــة اللّـه وبــركاتــه.