بســم اللّـه الرّحمـن الرّحيــم

 الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على أشرف الأنبياء والمرسلين، وَعلـى آلـه وصحبــه أجمـعــين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުންނާއި، އިސްވެރިން، އަމީނިއްޔާ ސްކޫލާއި، މުޅި ދިވެހިރާއްޖޭގެ އެންމެހައި މުދައްރިސުން އަދި އަމީނިއްޔާ ސްކޫލްގެ ލޮބުވެތި ދަރިވަރުން، އަދި މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

 އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މި ފެށިގެންދާ ދިރާސީ އާ އަހަރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ، ތިޔަ އެންމެހައި ލޮބުވެތި ދަރިވަރުންނާއި، ދިވެހިރާއްޖޭ އެންމެހައި ދަރިވަރުންނަށް އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހީވާގި މުދައްރިސުންނާއި އަދި ދަރިންނަށް ތަޢުލީމު އުނގަންނައިދިނުމުގައި އެންމެ އިސްކަމެއް ދެއްވާ ދަރިވަރުންގެ އެންމެހައި ބެލެނިވެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުވުން.

 އާދެ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އިންސާނުންނަށް އެންމެ ފުރަތަމަވެސް އަމުރުކުރައްވާފައިވަނީ ކިޔެވުމަށް. އާދެ، [اقْرَأْ]. އާދެ، މިކަމުން އެކަނިވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، ތަޢުލީމު ހާސިލު ކުރުމުގެ، ޢިލްމު އުނގެނުމުގެ މުހިއްމުކަން.

އާދެ، އަޅުގަނޑުމެންގެ ދަރިން މި ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި، އަޅުގަނޑުމެންނަށް މި ދުނިޔޭގައި ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކަށް އޮތީ ޢިލްމު އުނގެނުން. އަޅުގަނޑުމެންނަކީ ހުރިހާ ގޮތަކުންވެސް، އަޚްލާޤީ ގޮތުން ރަނގަޅު ސިފަތަކެއް ހުރި ބައެއްގެ ގޮތުގައި މަސައްކަތް ކުރުން. ދުނިޔޭގައި ކާމިޔާބު ބަޔަކަށް، ޤައުމަށް ޚިދުމަތްކުރާ، މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމަށްޓަކައި އަޅުގަނޑުމެންގެ ދަރިން، ތިޔަކުދިން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކަށް އޮތީ ތަޢުލީމު އުނގެނުން. ޢިލްމު އުނގެނުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރުން.

 އާދެ، ހެދިބޮޑުވުމުގައި ދުޅަހެޔޮ ޞިއްޙަތެއް ލިބިގެން ނޫނީ، ރަނގަޅު ފެށުމަކުން ނޫނީ، ފުރިހަމަ ކާމިޔާބަކަށް ނުދެވޭނެކަމީ އެއީ، އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ކަމެއް.

 އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުންނާއި، އަދި ތިޔަ ދަރިވަރުންގެ ޕްރިންސިޕަލްގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ފިޓްކޮށް ތިބުމަކީ އެއީ، ތަނަވަސް ވިސްނުމެއް، ފުރިހަމަ ޢިލްމެއް، ތަޢުލީމު ހާސިލު ކުރުމަށްޓަކައި ފޯކަސް ކުރުމުގައި، ތިޔަކުދިން ފިލާވަޅުތަކަށް ކޮންސެންޓްރޭޓް ކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއްކަން.

އާދެ، މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވަމުންދާ ކަމަކީ، ދަރިވަރުންނަށް އަޅާލައި، ދަރިވަރުންގެ ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި، ދިވެހިރާއްޖޭގެ ދަރިވަރުންނަކީ، ޤައުމަށް ވަފާތެރި، ޤައުމަށް ޚިދުމަތް ކުރެވޭ، މައިންބަފައިންނަށް އަޅައިލެވޭނެފަދަ ދަރިވަރުންތަކަކަށް ހެދުމަށްޓަކައި މަސައްކަތް ކުރުން.

 އާދެ، އެގޮތުން މިއަދު ފެށިގެންމިދާ ޕްރޮގްރާމަކީ، އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް މުހިއްމު ކަމެކޭ. މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތަށް، މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަކީ އެއީ މުޅި ދިވެހިރާއްޖޭގެ ތަޢުލީމީ ޖީލު، މުޅި ހުރިހާ ދަރިވަރުންގެ މަޞްލަޙަތާ ގުޅިފައި އޮތް ކަމެއް. ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ، އަޅުގަނޑުމެންގެ ޤައުމުގައި އަމާންކަމެއް ދެމިގެނެއް ނުދާނެ. އަޅުގަނޑުމެންގެ މައިންބަފައިންނަކީ، ހިތްހަމަޖެހިގެން އުފަލުގައި އުޅޭ ބަޔަކަށް ދުވަހަކުވެސް ނުވާނެ. އެ ޒިންމާ މިއަދު އޮތީ ތިޔަ ލޮބުވެތި ދަރިވަރުންގެ އަތްމަތީގައި.

 އެހެންވެ އަޅުގަނޑު ތިޔަ އެންމެހައި ލޮބުވެތި ދަރިވަރުންނަށް ނަސޭހަތެއްގެ ގޮތުގައި މިއަދު ގޮވާލަން އޮތީ މުދައްރިސުންގެ އަޑުއަހައި، މައިންބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ކޮންސެންޓްރޭޓްކޮށް، ފަސްނަމާދުކޮށް، ހެޔޮގޮތުގައި ނަތީޖާ ހާސިލުކުރާ ކުދިންތަކަކަށްވާށޭ. އޭރުންނޭ މާދަމާ މި ޤައުމު، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ ފައިތިލަހަމަކޮށްލެވޭ ހިސާބަކަށް ތިޔަކުދިންނަށް ގެންދެވޭނީ.

އާދެ، ދިވެހި ސަރުކާރުން ތިޔަކުދިންނަށް ހަމަ އުފާވެރި ޚަބަރެއްގެ ގޮތުގައި އަޅުގަނޑު ބުނެލަން އޮތީ، ދުވަހަކުވެސް ތަޢުލީމަށް ހޭދަނުކުރާވަރަށް މި ސަރުކާރުން އިރާދަކުރެއްވިއްޔާ ހޭދަކުރާނެއޭ. ތަޢުލީމީ ކަންތައްތައް ކުރިއެރުވުމަށްޓަކައި، މުދައްރިސުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި، ސްކޫލްގެ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި ދުވަހަކުވެސް މަސައްކަތް ނުކުރާވަރަށް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރަމުން ގެންދާނެ. ކަންތައްތައް ރަނގަޅު ކުރުމަކީ އެއީ ދުވަހަކުވެސް ނިމުމެއް އޮތް ކަމެއް ނޫން. ކަމެއް ރަނގަޅުކޮށްގެން، ރަނގަޅަށް ކަމެއް ކޮށްގެން ދުވަހަކުވެސް ގޯހެއްނުވާނެ.

އެހެންވީމާ، ތިޔަކުދިންނަށް އެންމެފަހުގެ ބަހެއްގެ ގޮތުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އަބަދުވެސް ދިރިއުޅުމުގައި ރަނގަޅަށް ކަންތައްތައް ކުރެވޭތޯ ބަލާށޭ. މައިންބަފައިންގެ ބަސްއަހައި، ސްކޫލްތެރޭގައި، ކްލާސްރޫމްތެރޭގައި، ފިލާވަޅުތައް ރަނގަޅަށް ހަދައި، މުދައްރިސުންގެ ބަސްއަހައިގެން ނަތީޖާ ހާސިލުކުރާށޭ.

އާދެ، اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ [رَبِّ زِدْنِي عِلْمًا وَرْزُقْنِى فَهْمًا.] އާދެ، ޢިލްމު ދެއްވުމަށާއި، ކަންކަން ފަހުމް ކުރެއްވުމަށްޓަކައި ތިޔަކުދިން އަބަދުވެސް ދުޢާކުރައްޗޭ. ދުވާލުގެ ވަގުތުތަކުގަޔާއި، ރޭގަނޑުގެ ވަގުތުތަކުގައި، ތިޔަކުދިން ފިލާވަޅު ދަސްކުރާ ވަގުތުތަކުގައްޔާއި، އެހެނިހެން ވަގުތުތަކުގައި، އަބަދުވެސް މި ދުޢާ ގިނަގިނައިން ތިޔަކުދިން ކޮށް، ތިޔަކުދިންނަށް ތޫނުފިލި ވިސްނުމެއް ލިބުމަށްޓަކައި، ތިޔަކުދިންނަށް ފުރިހަމަ ޢިލްމެއް ދެއްވާތޯ ތިޔަކުދިން ދުޢާ އަބަދުވެސް ކުރަންޖެހޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހި އެންމެހައި ދަރިވަރުންނަކީ ތޫނުފިލި ވިސްނުމެއް ލިބިފައިވާ، ހިތްއަލި ދަރިވަރުންތަކެއްގެ ގޮތުގައި ލެއްވުން. އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ކާމިޔާބުކަމާއެކު، ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ބާއްޖަވެރި ކާމިޔާބު ދިރާސީ އަހަރަކަށް އެދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

 والسّلام عليــكم ورحـمــة اللّـه وبـركاتـه.