بسـم اللَّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

ވޭތުވެދިޔަ އަހަރަކީ، ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ފުއްދައިދިނުމުގައި، މި ސަރުކާރުން ކުރި މަސައްކަތްތަކުން މާތްﷲގެ ވާގިފުޅާއެކު، ވަރަށް ގިނަ ކުރިއެރުންތަކެއް ހާސިލު ކުރެވުނު އަހަރެއް. ވޭތުވެދިޔަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު ކުރިއަށް ގެންދިޔުމަށާއި، ރައްޔިތުންނަށް ބުރައާއި ތަކުލީފު އުފުލަންޖެހިފައިވާ ކަންކަމަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް. މާތްﷲ ގެ ވާގިފުޅާއެކު، ވޭތުވެދިޔަ އަހަރަކީ، ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ނިންމުނު އަހަރެއް.


ޢިއްޒަތްތެރި ރައީސް؛

ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ކިޔަވާ ކުދިންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި [ތަރިކަ] މި ނަމުގައި ޤައުމީ ރަސްމީ މަޝްރޫޢެއް މިހާރުވަނީ ފަށާފައި.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް، ދީނީ ޢިލްމު އުނގެނެމުންދާ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން، ދީނީ ވަޢުޡު ދިނުމަށް ޚާއްޞަ ކުރެވޭ އޮޑިޓޯރިއަމަކާއެކީ، ސަޢޫދީ ރަސްގެފާނު މަލިކު ސަލްމާނުގެ މިސްކިތުގެ މަސައްކަތް މިހާރުވަނީ ފަށާފައި. ސަރުކާރުގެ އަމާޒަކީ، 9000 މީހުންގެ ޖާގައިގެ މި މިސްކިތުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ނިންމައި، މި ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ދެމުން ގެންދިޔުން.

ޢިއްޒަތްތެރި ރައީސް؛

ދައުލަތް ހިންގުމާއި، ޤާނޫނު ތަންފީޛުކުރުމުގެ ދާއިރާގައި ސަރުކާރުގެ ސިޔާސަތަކަށް ވެފައިވަނީ، ދިވެހިރާއްޖެއަކީ އަމާން އަދި ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެންވާ، ފަތުރުވެރިންނަށާއި އިންވެސްޓަރުންނަށާއި އެމީހުންގެ މުދަލަށް ރައްކާތެރިކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން. އަދި ޤައުމުގެ ސިޔާދަތާއި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ދެމެހެއްޓުން.

ރާއްޖޭގެ ކުށުގެ ވެށީގެ ޙާލަތު ދެނެގަތުމަށްޓަކައި، މި ދާއިރާއިން ހޯދާފައިހުރި ވޭތުވެދިޔަ 9 އަހަރުގެ ތަފާސްހިސާބު މިދިޔަ އަހަރުގެ ތެރޭގައި އެއްކުރެވި، ދިރާސާ ރިޕޯޓު ވަނީ އެކުލަވާލެވިފައި. މި ދިރާސާގެ ނިންމުންތަކަށް ބަލާއިރު، ރާއްޖޭގައި ކުށުގެ ހާދިސާތައް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 35 ޕަސެންޓަށް ވަނީ ދަށްކުރެވިފައި.

ޢިއްޒަތްތެރި ރައީސް؛

މި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ވަނީ އެދެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައި. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެކި ދާއިރާތަކުން ލީޑަރޝިޕް ދައުރެއް، ރާއްޖެ މިހާރުދަނީ އަދާކުރަމުން.

ރާއްޖެއިން މިހާރު މަސައްކަތް ކުރަމުން މިދަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ 2019 - 2020 ގެ ދައުރުގެ އޭޝިއާ-ޕެސިފިކް ގްރޫޕަށް ޚާއްޞަ ނޮން-ޕަރމަނަންޓް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި. މި ގޮނޑި ރާއްޖެއަށް ކާމިޔާބު ކުރެވިއްޖެނަމަ، އެއީ ޓެރަރިޒަމާއި ކުދި ޖަޒީރާ ޤައުމުތަކުގެ ރައްކާތެރިކަމާއި ތިމާވެށްޓާއި ތަރައްޤީފަދަ ދިވެހިރާއްޖެއަށް މުހިންމު ދާއިރާތަކުން ބައިނަލްއަޤްވާމީ ފެންވަރުގައި އަޑު އުފުލައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ޝަޚްޞިއްޔަތު ހަރުދަނާކޮށް، ރާއްޖެއިން ބޭނުންވާ އަމާޒުތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި ދެކެން.

ސަރުކާރުން ބޭރުގެ މާލީ އިދާރާތަކާއެކު، ބަދަހިކަމާއެކު ގުޅުން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ވަނީ ދީފައި. އެގޮތުން އޭ.ޑީ.ބީ، ވަރލްޑް ބޭންކް އަދި އައި.ޑީ.ބީ ފަދަ ޒަމާނުންސުރެ ރާއްޖެއަށް އެހީވަމުންދާ މާލީ އިދާރާތަކުގެ އިތުރުން، ގިނަ ޤައުމުތަކެއްގެ އެގްޒިމް އަދި އިންވެސްޓްމަންޓް ބޭންކުތަކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ފަދަ އިދާރާތަކުގައިވެސް ރާއްޖެއިން ހަރަކާތްތެރިވެ، އެ އިދާރާތަކުން ޤައުމީ ބޮޑެތި މަޝްރޫޢުތަކަށް އެހީ ހޯދުމުގެ މަސައްކަތްތައްވެސް ކާމިޔާބުކަމާއެކު ދަނީ ކުރެވެމުން. މީގެ ހަތަރު ފަސްދުވަސް ކުރިން ވަރަށް ކުއްލި ގޮތަކަށް ސަޢޫދީ ފަންޑުން ވަނީ 160 މިލިއަން ޑޮލަރުގެ ލޯނު އެހީ ހަމަޖައްސަވައިދެއްވާފައި.

ޢިއްޒަތްތެރި ރައީސް؛

މިހާތަނަށް، ރާއްޖޭގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ހިންގާ އެންމެބޮޑު މަޝްރޫޢު ކަމަށްވާ [ހިޔާ] މަޝްރޫޢު، 2019 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އާބާދީގެ ޖުމުލަ 160,000 އަށްވުރެ ގިނަ އަދަދެއްގެ ބަޔަކަށް، ބޯހިޔާވަހިކަމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިންވަނީ ހިއްކާފައި. އަދި ރާއްޖޭގެ ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން، 9 ރަށެއްގައި 311 ހެކްޓަރުގެ ބިން މިހާރުވަނީ ހިއްކާ ނިމިފައި. ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި، އާ 20 ރަށުގެ ބޮޑުމިން ދިވެހި ފަސްގަނޑަށް މިވަނީ އިތުރުކުރެވިފައި.

ޢިއްޒަތްތެރި ރައީސް؛

މަސްވެރިކަމުގެ ޞިނާޢަތުގެ ޢުމްރާނީ ތަރައްޤީއަށް އަމާޒުކޮށް ހިންގުނު މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ނިޔަލަށް ފުރިހަމަކުރެވޭނެ. މީގެ އިތުރުން، މަސްވެރިކަމަށް މަޝްހޫރު އަތޮޅުތަކުގައި މި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އިތުރު އައިސްޕްލާންޓް ޤާއިމުކޮށް، މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި.

ސަޢޫދީ ސަރުކާރާއި އެކުވެރި ޢަރަބި ޢިމާރާތުގެ ސަރުކާރުން ސަޢޫދީ ފަންޑު މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސަވައިދެއްވި ކަމަށް ކުރިން ދެންނެވި 160 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރާގޮތަށް ސަރުކާރުން މިހާރުވަނީ ހަމަޖައްސާފައި. މިގޮތުން، ސީދާ މަސްވެރިންނަށާއި މަސްވެރިކަންކުރާ އުޅަނދުފަހަރަށް މަންފާ ލިބޭގޮތަށް މިއެހީގެ ބޭނުން ކުރުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތްތަކެއް ފަށްޓާފައި.

މަސްވެރިކަމުގެ ޞިނާޢަތް، އެއްބާވަތެއްގެ މަސްވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، މެރިކަލްޗަރގެ ވިޔަފާރީގެ ޞިނާޢަތެއް ޤާއިމުކުރުމަށްޓަކައި ބޮޑެތި މަޝްރޫޢުތަކެއް ވަނީ ފަށާފައި. މިގޮތުން އެން އުފެއްދުމަށްޓަކައި 11 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫޢެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަށާފައި. މަސްވެރި އުޅަނދުފަހަރުގައި ހަރުކުރަންޖެހޭ ”ވެސަލް ލޮކޭޓިންގ ޑިވައިސް“، ބޮޑު ޚަރަދެއް ކޮށްގެން އުޅަނދުގައި ހަރުކުރަންޖެހުމަކީ، މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައި އޮތުމާއެކީ، މި ޔުނިޓް، މަސްވެރިންނަށް ހިލޭ ފޯރުކޮށްދިނުމަށްވެސް މިހާރު ވަނީ ހަމަޖައްސާފައި.

ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށް 58 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. އަދި އަތޮޅުތެރޭގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި ހުއިފިލަނޑާ އާލާކޮށް ބޮޑު ކުރުމުގެ މަސައްކަތަށް 115 ފަރާތަކަށް ލޯނުދޫކުރެވި، ރަށުގައި ޤާއިމުވެތިބެގެން އާމްދަނީ ހޯދޭނެ މަގުތައްވަނީ ތަނަވަސްކޮށްދެވިފައި.

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމުން ރާއްޖެއަށް އިމްޕޯޓް ކުރެވޭ ތަކެތި މަދުކުރުމަށްޓަކައި، ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދައި، މި ބާވަތްތައް އިމްޕޯޓްކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ވަނީ ފަށާފައި. މި 5 ބާވަތް އިމްޕޯޓް ކުރަމުންގެންދާ މިންވަރުން އިރާދަކުރެއްވިއްޔާ %25 ދަށްކުރެވޭނެ. މިގޮތުން، 1866 ޓަނުގެ ތަރުކާރީއާއި މޭވާ، މިދަނޑުތަކުން ރާއްޖޭގެ ބާޒާރަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ. މި އަހަރު މި ޕްރޮގްރާމު ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ކުރާ އިތުރު ފަރާތްތަކަށް 6 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިދަނީ ވަމުން.

ޢިއްޒަތްތެރި ރައީސް؛

ރާއްޖޭގެ ސްކޫލް ނިޒާމަކީ ތިމާވެށްޓާ ރައްޓެހި ތަނަކަށް ހަދައި، އެތަނުން ނުކުންނަ ދަރިވަރުންނަކީ، ޓެކްނޮލޮޖީއަށް އަހުލުވެރި، 21 ވަނަ ޤަރުނުގެ މަސައްކަތުގެ މާޙައުލުގައި ކާމިޔާބުކަމާއެކީ އުޅެވޭނެފަދަ ޤާބިލު، ހުނަރުވެރި ކުދިންނަށް ހެދުމަށްޓަކައި، މިއަހަރުގެ ދެވަނަ ޓަރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ސްކޫލުތަކުގެ ގްރޭޑް 1ން 12ގެ ހުރިހާ ދަރިވަރުންނަށް، ކޮމްޕިއުޓަރ ޓެބްލެޓުގެ އެހީގައި ކިޔަވައިދޭން ފަށާނެ ވާހަކަވެސް އުފަލާއެކު ދަންނަވަން. އާދެ، މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ޤައުމު.

ރާއްޖޭގެ ރަށްރަށުގެ ސްކޫލުތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި، މިފަދަ ކުދި ސްކޫލުތައް، އެންމެ މިޒަމާނުގެ ޓެކްނޮލޮޖީގެ ވިއުގަޔަކުން ގުޅައި، ވަރޗުއަލް މާޙައުލުގައި ދަރިވަރުންނަށް އުނގެނުމުގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަމުގައި އުފަލާއެކު ދަންނަވަން.

ސްކޫލް ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކަށް، މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ނިސްބަތް، މީގެ 4 އަހަރު ކުރިން ހުރި 19 ޕަސެންޓް، މިއަދު ވަނީ 32 ޕަސެންޓަށް މަތިކުރެވިފައި. ސަރުކާރުގެ އަމާޒަކީ، 2022 ވަނަ އަހަރާ ހަމަޔަށް ދާއިރު މަތީ ތަޢުލީމަށްދާ ކުދިންގެ ނިސްބަތް، 32 ޕަސެންޓުން 60 ޕަސެންޓާ ހަމައަށް މައްޗަށް ޖެއްސުން.

ސާނަވީ ނިންމާ އިމްތިޙާނުތަކުން މިދިޔަ އަހަރު 5 މާއްދާއިން ފާސްވި ނިސްބަތް، މިވަނީ 77 ޕަސެންޓަށް އަރާފައި. މިއީ 2013 ވަނަ އަހަރުގެ ނަތީޖާއާ އަޅައިބަލާއިރު، 28 ޕަސެންޓްގެ ކުރިއެރުމެއް.

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ ހޮސްޕިޓަލް“ ގެ ޚިދުމަތް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށި، މި ހޮސްޕިޓަލްގައި ގިނަ އާ ޚިދުމަތްތައް ތަޢާރުފުކުރެވި، އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެ.

މީގެއިތުރުން، ރާއްޖެއިން ބޭސްފަރުވާގެ ޚިދުމަތް ކުރިން ނުލިބޭ ވަރަށްގިނަ ބަލިތަކަށް ރާއްޖެއިން ފަރުވާދެވޭނެ އިންތިޒާމު މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ހަމަޖެހިފައި. ހިތުގެ އެކި ބަލިތަކަށް ފަރުވާދިނުމަށް، އައި.ޖީ.އެމް.އެޗް.ގައި، 2016 ވަނަ އަހަރު ޤާއިމުކުރި ނޭޝަނަލް ކާޑިއެކް ސެންޓަރުން މިހާތަނަށް 5300 އަށްވުރެ ގިނަ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަނީ ދެވިފައި.

ކިޑްނީއާ ގުޅުންހުރި ބަލިތަކުގެ ފަރުވާ ޔަޤީންކޮށްދޭ ސިޔާސަތުގެ ދަށުން،  2013 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން މާލޭ ސަރަޙައްދުގަޔާއި ރާއްޖޭގެ 6 އަތޮޅެއްގައި، ކިޑްނީ ބައްޔަށް ފަރުވާކުރުމަށް، ޑައިލިސިސްގެ ޚިދުމަތް ވަނީ ތަޢާރުފު ކުރެވިފައި. އަދި މިވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 44 މީހެއްގެ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން، ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރުން ކުރެވިފައިވާ ވާހަކަވެސް އުފަލާއެކު ދަންނަވަން.

ކެންސަރަށް ޚާއްޞަ ފަރުވާދޭ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމުކުރެވި، ކެންސަރު ބަލީގެ ޚާއްޞަ ޑޮކްޓަރީ ޚިދުމަތާއެކު، ކީމޯ ތެރަޕީގެ ފަރުވާދޭން މިހާރުވަނީ ފަށާފައި. އަދި އައި.ޖީ.އެމް.އެޗް. ގައި ކެންސަރު ބަލީގެ ޚާއްޞަ ކްލިނިކެއް ޤާއިމުކުރެވި، ފަރުވާ ދެވެމުންދާއިރު، ވިލިމާލޭ ހޮސްޕިޓަލްގައިވެސް، ކެންސަރު ބައްޔަށް ފަރުވާދިނުމަށް މިހާރު ވަނީ ފަށާފައި.

އައްޑުއަތޮޅު ހިތަދޫގައި ޓަރޝަރީ ފެންވަރުގައި ޤާއިމުކުރެވޭ 100 އެނދުގެ ހޮސްޕިޓަލް، އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދެއްހާ ހިސާބުގައި ހުޅުވޭނެ. އަދި އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓަލަކުންވެސް ތެލަސީމިއާއަށް ސްކްރީން ކުރުމުގެ ޚިދުމަތް، މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ.

ދިވެހިރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖް ޤާއިމުކުރެވި، ޑޮކްޓަރުންގެ އިންޓަރންޝިޕް ޕްރޮގްރާމް، އައި.ޖީ.އެމް.އެޗް މެދުވެރިކޮށް ފެށިގެން ދިޔުމުން، ޞިއްޙީ ޚިދުމަތްތެރިންނަށް ޢާއިލާއާއެކު އަމިއްލަ ވަޒަނުގައި މި ދާއިރާއިން ކުރިއަށް ދިޔުމުގެ ފުރުޞަތު މި އަހަރުގެ ތެރޭގައި ފަހިވެގެންދާނެ.

ޢިއްޒަތްތެރި ރައީސް؛

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ގިނަ ވަޒީފާތަކެއް މިހާރުވަނީ އުފައްދާފައި. އަދި އިޤްތިޞާދީ އެކިއެކި މަސައްކަތް އިތުރަށް ފުޅާކުރުމާއެކު، ޖުމުލަ 76,000 އަށްވުރެ ގިނަ ވަޒީފާ މިހާރުވަނީ އުފައްދާފައި.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، ރާއްޖެ ބައިވެރިވި، ބައިނަލްއަޤްވާމީ ފެންވަރުގެ އެކި މުބާރާތްތަކުން މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 10 ރަން މެޑެއްޔާއި، 5 ސިލްވަރ މެޑެއްޔާއި، އަދި 16 ލޯ މެޑެލް ރާއްޖޭގެ ކުޅުންތެރިން ހޯދާފައިވާކަން އުފަލާއެކު ފާހަގަކުރަން.

ކުޅިވަރުގެ ދާއިރާއިން ކުރަމުންދާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސްޕޯޓްސް އެރީނާތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ 80 ޕަސެންޓް މިހާރުވަނީ ނިމިފައި. އަދި 380 ކުޅިވަރު ކޯޓު މިހާތަނަށް އަޅައިދީފައިވޭ. ފީފާ ސްޓޭންޑަރޑްގެ ފުޓްބޯޅަ ޓްރޭނިންގ ސްކޫލެއް ހުޅުމާލޭގައި މިއަހަރު ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.


ޢިއްޒަތްތެރި ރައީސް؛

ރާއްޖޭގެ އާބާދީ އެންމެބޮޑު 9 ރަށެއްގައި 45 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ކުރެވިފައިވާއިރު، މިއަހަރުގެ ނިޔަލަށް އިތުރު 12 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ހިނގަމުންދާނެ.


ރާއްޖޭގެ 48 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ނިޔަލަށް އިތުރު 30 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިމޭނެ. އަދި ޖުމުލަ 78 ރަށެއްގެ ލަފާފުރުމުގެ މައްސަލަތަކަށް ޙައްލު ގެނެވޭނެ. މީގެއިތުރުން، ބޭނުންކުރެވެމުންދާ ބަނދަރުތަކުގެ ތެރެއިން ބަނދަރު ތިލަވުމުގެ މައްސަލައާއި، ނެރު ތިލަވެ، ބަނދަރަށް ވަދެ ނުކުތުމަށް ދަތިވެފައިވާ 31 ރަށެއްގެ ބަނދަރާއި ނެރު ފުންކުރެވި، ނެރުބައްތި ހަލާކުވެފައިވާ ރަށްރަށުގައި ނެރުބައްތި ވަނީ ހަރުކޮށްދެވިފައި. އެހެންކަމުން، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 109 ރަށެއްގެ ލަފާފުރުމުގެ ދަތިކަމުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ މި 5 އަހަރުގެ ތެރޭގައި ދާއިމީ ޙައްލެއް ލިބިގެންދާނެ.

ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 21 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިމިފައިވާއިރު، 2018 ވަނައަހަރުގެ ތެރޭގައި އިތުރު 42 ރަށެއްގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާނެ. މިއާއެކު 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ %75 އަށް ނަރުދަމާ ނިޒާމުގެ ޚިދުމަތް ކަށަވަރުވެގެންދާނެ.

ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 22 ރަށެއްގައި ޒަމާނީ ފެންވަރަށް ފެނުގެ ނިޒާމް ޤާއިމްކޮށް ނިމިފައިވާއިރު، އިތުރު 24 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް 2018 ވަނަ އަހަރު ކުރިޔަށް އެބަދޭ.

އަތޮޅުތެރޭގެ ރަށްރަށުގައި ދެމުން އަންނަ ފެނުގެ ޚިދުމަތުގެ އަގު ހެޔޮކޮށް، މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ފެނުގެ އަގު މިވަނީ އެއްވަރުކުރެވިފައި.

ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި، 29 ރަށެއްގައި ބޯފެން ރައްކާކުރާނެ ވަސީލަތްތައް ޤާއިމްކޮށް ނިމިފައިވާއިރު، 2018 ވަނަ އަހަރުގެ ތެރޭގައި އިތުރު 86 ރަށެއްގައި ބޯފެން ރައްކާކުރާނެ ވަސީލަތްތައް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާނެ. މި މަސައްކަތްތައް ނިމުމުން، ރާއްޖޭގެ ރަށްރަށް، ބޯފެނަށް ޖެހުމުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ ދާއިމީ ޙައްލެއް ލިބިގެންދާނެ.

މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ އަގު ހަމަހަމަ ކުރުމަށްޓަކައި އަތޮޅުތެރޭގެ ރަށްތަކުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓާ ހަމައަށް މިހާރު ޗާޖްކުރާ ރޭޓުތައް، މާލެއާ އެއް އަގަކަށް، އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުވާނެ.

ޢިއްޒަތްތެރި ރައީސް؛

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އިރާދަކުރެއްވިއްޔާ މިއަހަރު ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު އަދި ގދ. މާވާރުލުގައި ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކޮށް ނިމޭނެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، ސަރަޙައްދަށް ޓޫރިޒަމް ފުޅާކޮށް، ތަނަވަސްކަން އިތުރުކުރުމުގެ ގޮތުން ހއ. ހޯރަފުށީ ކައިރީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ.

ޢިއްޒަތްތެރި ރައީސް؛

2017 ވަނަ އަހަރު ޤައުމުގެ އިޤްތިޞާދީ ދުވެލި ވަނީ 6.2 ޕަސެންޓުން 6.9 ޕަސެންޓަށް ކުރިއަރާފައި. މިއީ 2016 ވަނަ އަހަރަށްވުރެ މަތީ އަދަދެއް ކަމަށްވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވި ވަމުން އަންނަ ކަމުގެ ނިޝާނެއް.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، މިވޭތުވެދިޔަ އަހަރު ވަނީ 8 ޕަސެންޓް އިތުރުވެފައި. އަދި މިދިޔަ އަހަރު ޖުމުލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި. މިއީ ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ރާއްޖެ ހޯދި ވަރަށްބޮޑު ކުރިއެރުމެއް.

ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ދޫކުރެވިފައިވާ ރަށްރަށުގެ ތެރެއިން 24 ރަށެއް އިރާދަކުރެއްވިއްޔާ މިއަހަރު ހުޅުވިގެންދާނެ. އަދި މިއަހަރު އަލަށް ހުޅުވޭ 2 ހޮޓަލާއެކީ، އެނދުގެ އަދަދު 5300 އަށްވުރެ އިތުރުވެގެންދާނެ.

ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، ބޮލަކަށްޖެހޭ މިންވަރު 2017 ވަނަ އަހަރު ހުރީ އެމެރިކާ ޑޮލަރު 9,671 ގައި.

2017 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި ހުރީ 586.2 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވާއިރު، މި އަދަދު 2018 ވަނަ އަހަރު ގާތްގަނޑަކަށް 600 މިލިއަނަށްވުރެ މައްޗަށް އިތުރުވެގެންދާނެ.

ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ކުރިއެރުމާއެކު، މާތްﷲގެ އިރާދަފުޅުން ދައުލަތުގެ އާމްދަނީ އަހަރުން އަހަރަށް މިދަނީ އިތުރުވަމުން. މިގޮތުން، 2018 ވަނަ އަހަރު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވޭ.

މިވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށާއި، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި އޭގެ ނަތީޖާވެސް މިދަނީ ފެންނަމުން. މިގޮތުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި މިހާރު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަކީ، ދުނިޔޭގެ އެންމެބޮޑު އެއް މާކެޓަށް ދިވެހި އުފެއްދުންތައް ޑިއުޓީ ނެގުމެއްނެތި އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ފަހިކުރެވޭނެ ގޮތުގެ މަތިން އެއްބަސްވެފައިވާ އެއްބަސްވުމެއް.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 1.6 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާގޮތަށް ފަތުރުވެރިކަމުގެ ދާއިރާއިން 40 ފޮރިން އިންވެސްޓްމަންޓެއް ވަނީ 2017
ވަނަ އަހަރު ރަޖިސްޓަރީ ކޮށްދެވިފައި. އަދި ފަތުރުވެރިކަމުގެ ޞިނާޢަތް ފިޔަވައި، އެހެން ޞިނާޢަތްތަކުން 1.8 ބިލިއަން އެމެރިކާ ޑޮލަރު، ކުރިއަށް އޮތް 5 އަހަރު އިންވެސްޓް ކުރާގޮތަށް 50 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކޮށްދެވިފައިވާކަންވެސް އުފަލާއެކު ފާހަގަކުރަން.

އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައިހެވަން މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި، މާސްޓަރ ޕްލޭން މިހާރުވަނީ ނިންމާފައި.

މާލެއާއި ހުޅުމާލެ އަދި ވިލިނގިލީގެ އާބާދީ ބޮޑުކަމާއެކު، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުކޮށްދިނުމުގެ މަޤްޞަދުގައި މިހާރު ފެށިފައިވާ މަޝްރޫޢުގެ ދަށުން މާލެއަތޮޅުގައި 27 ފަޅެއް ތަރައްޤީ ކުރުމަށްޓަކައި މިހާރުވަނީ ޢާންމު ފަރާތްތަކަށް ދޫކުރެވިފައި. މީގެއިތުރުން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިއަހަރު 5 ފަޅެއް ހިއްކައި، ޓޫރިޒަމް ތަރައްޤީ ކުރުމަށް ދޫކުރުމަށްވަނީ ހަމަޖެހިފައި. މި ދެންނެވި ފަޅުތައް ތަރައްޤީކޮށް ނިމުމުން، 47,000 އާ ވަޒީފާ އުފެދިގެންދާނެ. މި ފަޅުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ.

ޢިއްޒަތްތެރި ރައީސް؛

މި ސަރުކާރަކީ، ދިވެހިންގެ ޚިދުމަތުގައި އޮތް ސަރުކާރެއްކަން މި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ސާބިތު ކޮށްދެވިފައި. ކުރިއަށް އޮތްތާނގައިވެސް މި ސަރުކާރުގެ އަމާޒަކީ، ޤައުމީ ތަރައްޤީ ވަޒަންކުރާ މިންގަނޑަކީ، ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުންކަން ގަބޫލުކޮށްގެން، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތް ކުރުން. ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުން. ހަމައެއާއެކު، ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދީގެން، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރުން. ތަރައްޤީގެ ހަރުފަތުގައި، މަތީ މެދު ފަންތީގެ ޤައުމަކަށް ދިވެހިރާއްޖެ ހެދުން.

يــا اللّـــه، މާތްވެގެންވާ އިސްލާމްދީނުގެ ސިލްމާއި ސަލާމަތުގެ ނޫރުން، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު އަލިކުރައްވާށި! ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ އެންމެހައި ކަންކަމުން އަޅުގަނޑުމެންގެ މި ޤައުމު ރައްކާތެރި ކުރައްވާށި! އާމީން.

وما توفيقى إلاّباللَّـه، عليه توكّلت، وإليه أنيب.
والسّـلام عليـكم ورحمــة اللّـه وبركاتـه.